ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އިއްޔެ 7،668 ފަތުރުވެރިން އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝީއާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސި ވިލާތުންނެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް، 189،734 ފަތުރުވެރިން އައިސްފައިވެއެވެ.

މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 7،098 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖޭގައި، ޖުމްލަ 59،945 ޓޫރިސްޓު އެނދު ހުރިއިރު އޭގެ ތެރެއިން 54،154 އެނދު މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.