އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ވުމެން އިން ޑިމޮކްރަސީ (ވީއައިޑީ) ޖަމިއްޔާގެ ފައުންޑާ ސަފާތު އަހުމަދު ޒާހިރު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ރޮޒެއިނާ މިރޭ "ވަން" އަށް ވިދާޅުވީ އަންހެނުންގެ ރޫހުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އަދި ފޯމު ހުށަހަޅުއްވާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ސަފާތު އަންހެނުން ރޫހުގެ ރައީސްކަމަށް ކުރިމަތިއްވަން ނިންމާފައިވާކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސަފާތު އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ވުމެން އިން ޑިމެކްރަސީއަކީ އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް މިއަދު ވަނީ ހުޅުވާލައިފައެވެ. އަންހެނުން ރޫހުގެ ރައީސަކު ހޮވުމުގެ އިންތިހާބު ބާއްވާނީ އަންނަ އެޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މި މަގާމަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 19 ވަނަ ދުވަހުގެ 4:00 އެވެ. މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް މިމަހުގެ 22 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުން ވެސް އެޕްރީލު މަހުގެ 16 ވަނަ ދުވަހު އޮންނާނެއެވެ. އެ އިންތިހާބުގައި ވާދަކުރައްވަން މިހާތަނަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.

އަންނަ ހުކުރު ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އިންތިބާހު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮގަސްޓު ހަތަރު ވަނަ ދުވަހު އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ވެސް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ.