ލަތާ މަންގޭޝްކަރު ވިޔަފާރި އުސޫލުން ލަވަ ރިކޯޑުކުރަން ފެށީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައެވެ. އޭރު ލަވައެއް ރިކޯޑްކޮށްދިނީ އެންމެ 25 ރުޕީސްއަށެވެ. އުމުރުން 92 އަހަރުގައި ލަތާ މަންގޭޝްކަރު މިހިނގާ ފެބްރުއަރީ މަހު މަރުވިއިރު އޭނާގެ މިލްކިއްޔާތުގައި ކިހާ މުދަލަކާއި ފައިސާއެއް ހުރިހެއްޔެވެ. މިއީ ވަރަށް ގިނަ ބަޔަކު ކުރަމުންދާ ސުވާލެކެވެ. މުދަލާއި ފައިސާގެ ހަގީގީ މިންވަރު ނޭނގުނަސް އެއްކަމެއް ޔަގީންވެއެވެ. އޭނާ މަރުވިއިރު ފިރިޔަކު ނެތެވެ. ކުއްޖަކުވެސް ނެތެވެ. ދުވަހަކުވެސް ކައިވެންޏެއް ނުކުރެއެވެ. އެހެންވީމާ ލަތާގެ މިލްކުގައި ހުރި މުދަލަކާއި ފައިސާއެއްގެ މިލްކުވެރިންނަކީ އޭނާޔާ އެއްބަނޑަށް ތިބި މީހުންނާއި އެމީހުންގެ ދަރީންނެވެ.
ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ލަތާ މަރުވިއިރު އޭނާގެ މިލްކިއްޔާތު އެތައް ބިލިޔަން ރުޕީސްއަކުން ގުނާލެވޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެންމެ އަގުބޮޑު ކާރުތަކުގެ ފްލީޓެއް އޭނާ ގެންގުޅުނެވެ. ވަރަށް ޒުވާން އުމުރުން ފެށިގެންވެސް ލަތާއަކީ އަގުބޮޑު ކާރު ގެންގުޅުމަށް ޝައުގުވެރިކަން ދިން މީހެކެވެ. ބުނެވޭ ގޮތުގައި ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ކާރު ލަތާގެ ފްލީޓުގައި ހިމެނެއެވެ. އިންޑިޔާގެ ސަހަރުތަކުގެ ތެރެއިން ބޮމްބޭ އާއި ނިއުދިއްލީ ފަދަ ސަހަރުތަކުގައި ލަތާގެ ބިންބިމާއި އިމާރާތްތައް އެބަހުއްޓެވެ. މީގެތެރެއިން އޭނާ ދިރިއުޅެމުން އައީ ބޮމްބޭގެ ދެކުނުފަޅީގެ ޕެޑާރ ރޯޑުގައި ހުންނަ ބިޔަ ގެއެެއްގައެވެ. އެގެޔަށް ކިޔަނީ ޕްރަބޫ ކުންޖް ގަނޑުވަރެވެ.
ލަތާ މަރުވިއިރު އޭނާ ކިޔާފައިވާ އެކި ލަވަލަވައިން ރޮޔަލްޓީގެ ގޮތުގައި އެކަނިވެސް މަހަކު ހަތަރު މިލިޔަން ރުޕީސް އޭނާއަށް ދިޔައީ ލިބެމުންނެވެ. ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ލަތާގެ މިލްކިއްޔާތުގެ ޖުމްލަ އަގު އެންމެ ކުޑަވެގެންވެސް 1.5 ބިލިޔަން ރުޕީސްއަށް އަރާނެއެވެ. މިހުރިހާ މުދަލެއްގެ ވާރިސުންނަކީ ލަތާޔާއި އެއްބަނޑު އެއްބަފައި ހަތަރު ބެއިންނާއި އެމީހުންގެ ދަރީންނެވެ. ލަތާޔާއި ޚިލާފަށް އެވެރިން މީހުންނާއި އިނދެ ދަރީން ލިބިފައިވެއެވެ. ލަތާގެ ބައްޕަޔަކީ ކުރީ ޒަމާނުގެ މިއުޒިކީ ފަންނާނެއް ކަމަށްވާ ދީނާނާތު މަންގޭޝްކަރެވެ. އޭނާގެ ފަސްކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖަކީ ލަތާއެވެ.
ލަތާ އުފަންވީއިރު އޭނާއަށްް ރަސްމީގޮތުން ދިން ނަމަކީ ހެމާއެވެ. ތަންކޮޅެއް ފަހުން ލަތާގެ ނަމަށް ބަދަލުކުރީއެވެ. އޭގެ ސަބަބުތަކެއްވެސް ހުއްޓެވެ. ދީނާނާތު އެންމެ ފުރަތަމަ ކައިވެނިކުރަނީ ޝްރިމަތީއާއެވެ. އެކައިވެނިން އަންހެން ކުއްޖަކު ލިބުނެވެ. ނަމަކީ ލަތިކާއެވެ. އެކުއްޖާޔާއި އެކުއްޖާގެ މަންމަވެސް މަރުވީއެވެ. އެއަށްފަހު ދީނާނާތު ކައިވެނިކުރީ ޝްރިމަތީގެ އެއްބަނޑު އެއްބަފައި ކޮއްކޮ ސުދަމަތީއާއެވެ. ފަހުން ލިބުނު ފަސްކުދިންގެ މަންމަޔަކީވެސް ސުދަމަތީއެވެ. ފުރަތަމަ ދަރިފުޅުގެ ހަނދާނުގައި ދީނާނާތު ތަމްސީލެއް ލިޔެ ތައްޔާރުކުރިއެވެ. އެއަށްވެސް ކިޔަނީ ލަތިކާއެވެ. މީގެ ކާމިޔާބީ ބޮޑުކަމުން ދުނިޔޭގައި ހުރި އެންމެ ދޮށީ ދަރިފުޅު ހެމާގެ ނަން ލަތާޔަށް ބަދަލުކުރީއެވެ.
ލަތާގެ ބައްޕަ ދީނާނާތަކީ ނަން ބަދަލުކުރުމުގެ ސަގާފަތެއް ގެންގުޅުނު މީހެކެވެ. އެގޮތުން އޭނާ ބަދަލުކުރީ ލަތާގެ ނަން އެކަންޏެއް ނޫނެވެ. އާއިލީ ނަންވެސް ބަދަލުކުރިއެވެ. އެއާއިލާގެ އޮރިޖިނަލް ނަމަކީ އަބީޝެކީއެވެ. ދީނާނާތު އުފަންވީ ގޯވާގެ އަވަށެއްކަމަށްވާ މަންގޭޝީގައެވެ. ލަވަކިޔުމުގެ ފަންނާއި އެކްޓްކުރުމުގެ ފަންނުގައި ދީނާނާތު މަޝްހޫރުވުމުން އޭނާގެ އަވަށަށް އެ މަޝްހޫރުކަން ގެނައުމުގެ ބޭނުމުގައި އާއިލީ ނަން މަންގޭޝްކަރަކަށް ބަދަލުކުރީއެވެ. ހުރިހާ ކުދީންގެ ނަމުގެ ފަހަތަށް މަންގޭޝްކަރު އައުމުގެ ސިއްރަކީ އެއީއެވެ. ލަތާޔާ ޖެހިގެން ހުރީ މީނާއެވެ. ދެން އާޝާއެވެ. އެޔަށްފަހު އޫޝާއެވެ. އެންމެ ހަގަށް ހުރީ އާއިލާގެ ހަމައެކަނި ފިރިހެންކުއްޖާ ކަމަށްވާ ހަރިދޭނާތު މަންގޭޝްކަރެވެ.
ލަތާޔާއި އެއްބަނޑަށް ތިބި ކުދީންގެ ތެރެއިން ލަތާފަދައިން ކައިވެންޏެއް ނުކުރާ އަދި ކުދީން ނެތް މީހަކީ އޫޝާ މަންގޭޝްކަރެވެ. މީނާޔާއި އާޝާޔާއި ހަރިދޭނާތަށް ކުދިން ލިބިފައިވެއެވެ. ލަތާގެ ހުރިހާ ކޮއްކޮއިންނަކީ ވެސް މަޝްހޫރު ލަވަކިޔުންތެރިންނެވެ. ހަރިދޭނާތަކީ ލަވަކިޔުމުގެ އިތުރަށް މަޝްހޫރު މިއުޒިކް ޑިރެކްޓަރެއްވެސްމެއެވެ. ލަތާޔާއި އޫޝާ މީހުންނާއި ނީނދެ ހުސްހަރިބައިކޮށް ތިބުމުގެ ސަބަބާމެދު ދެމީހުންވެސް ބުނެފައިވަނީ އެއްވާހަކައެކެވެ. އުފަލުގައި ތިބުމަށްޓަކައި ފިރިޔަކު ހުރުމާއި ދަރިންތިބުމަކީ ކޮންމެހެން މުހިއްމުކަމަކަށް ނުވަނީއެވެ. އެހެންވީމާ ކައިވެނި ނުކުރީއެވެ. މިއީ މުޅިން ސައްހަ ވާހަކަޔަކަށް ނުވެއެވެ. ދެ މީހުންގެ ޒުވާން އުމުރުގައިވެސް ލޯބީގެ ގޮތުން މީހުންނާ ގުޅުނެވެ.
ލަތާ މަންގޭޝްކަރަކީ ސިޔާސީ މަސައްކަތްތަކެއް ކުރި މީހެއްކަން މާގިނަބަޔަކަށް ނޭނގެއެވެ. އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ނުވަތަ ރާޖަޔާސަބާގެ މެންބަރުކަން ހަ އަހަރުގެ ދައުރަކަށް ލަތާވަނީ ކޮށްފައެވެ. އެއީ އާރޓްސްގެ ދާއިރާއިން އިންޑިޔާގެ ރައީސް އެ ގޮނޑިޔަށް ލަތާ ނޮމިނޭޓް ކުރެއްވުމުންނެވެ. އެކަމަކު ލަތާ އެގޮނޑި ފުރާފައިވަނީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެއްގެ ގޮތުގައެވެ. ރާޖަޔާސަބާގެ މެންބަރުކަންކުރީ 1999 ގެ ފަހުކޮޅުން ފެށިގެން 2005ގެ ފަހުކޮޅާ ހަމަޔަށެވެ. ވަކި ޕާޓީއެއްގެ ފިކުރު ގަބޫލުނުކޮށް އޭނާ ބޭނުންވީ އެންމެންގެ މީހެއްގެ ގޮތުގައި ދެމިހުރުމަށެވެ. އާރޓްސްގެ ފަންނަކީ ވަކި ސިޔާސީ ފިކުރަކަށް ތަބާވާ ފަންނަކަށް ނުވާތީއެވެ.