ދެކުނު އެމެރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަނަކީ މެންބަރު ގައުމުތަކުގެ އަދަދަށް ބަލާއިރު ދުނިޔޭގެ އެންމެ ކުޑަ ކޮންފެޑެރޭޝަނެވެ. މެންބަރުންގެ އަދަދު އެންމެ ދިހައެކެވެ. އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑެރޭޝަނުގައިވެސް އެގާރަ ގައުމު ހިމެނެއެވެ. މެންބަރު ގައުމުތަކުގެ އަދަދު މަދަސް ދުނިޔޭގެ އެންމެ ވަރުގަދަ އަދި ކާމިޔާބު ކޮންފެޑެރޭޝަނަކީ ދެކުނު އެމެރިކާގެ ކޮންފެޑެރޭޝަނެވެ. މިހާތަނަށް 21 ވޯލްޑް ކަޕް ބޭއްވިފައިވާއިރު 9 ފަހަރު ތަށި ހޯދާފައިވަނީ ދެކުނު އެމެރިކާގެ ގައުމުތަކުންނެވެ. އެއީ ބްރެޒިލް އާއި އާޖެންޓީނާ އާއި އުރުގުއާއީއެވެ. ބްރެޒިލް ފަސްފަހަރު ހޯދާފައިވާއިރު އަނެއް ދެގައުމުވަނީ ކޮންމެ ބަޔަކު ވެސް ދެފަހަރު ހޯދާފައެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އެންމެ ގައުމެއް ފިޔަވައި އެހެން ހުރިހާ ގައުމެއް ވަނީ ވޯލްޑް ކަޕުގައި ކުޅެފައެވެ. އެންމެ ބިޔަ އަދި އާބާދީ ބޮޑު ގައުމު ކަމަށްވާ ބްރެޒިލްއަކީ ހުރިހާ ވޯލްޑް ކަޕެއްގައިވެސް ކުޅެފައިވާ ދުނިޔޭގެ ހަމައެކަނި ގައުމެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އަދި ދުވަހަކުވެސް ވޯލްޑް ކަޕުގައި ނުކުޅޭ ގައުމަކީ ވެނެޒުއެލާއެވެ. ވެނެޒުއެލާ އަކީ ބަައިމަދު ކުޑަ ގައުމެއްވެސް ނޫނެވެ. މުޅިއެކު ދެ ފަހަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭގެ އާބާދީގެ ދިހަ ގުނަ ވެނެޒުއެލާގައި އެބައޮތެވެ. ޗިލީއާއި ބޮލީވިޔާ އަދި ޕެރަގުއޭ އާއި އިކުއެޑޯރއަށް ވުރެވެސް ވެނެޒުއެލާގައި މީހުން ގިނައެވެ.
ބޮޑު އާބާދީއެއް އެބައޮތެވެ. ތެލާއި ގޭހުގެ ސަބަބުން ސަރަހައްދުގެ އެންމެ މުއްސަނދި އެއްގައުމެވެ. އެހެންވީއިރު އަދި ދުވަހަކުވެސް ވެނެޒުއެލާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ސިއްރަކީ ކޮބައިބާވައެވެ. މިއީ ވަރަށް ގިނަ ބަޔަކު އަޖައިބުވެ ތިބެގެން ކުރާ ސުވާލެކެވެ. މީގެ ޖަވާބުގައި ބައެއް މީހުން ބުނެއެވެ. ވެނެޒުއެލާގައި އެންމެ މަގްބޫލު ކުޅިވަރަކީ ފުޓްބޯޅައެއްވެސް ނޫނެވެ. ބޭސްބޯޅައެވެ. ނިސްބަތުން ފުޓްބޯޅަޔަށް އެންމެ ކުޑަ ޚަރަދެއް ކުރަނީވެސް ވެނެޒުއެލާއިންނެވެ. ލީގުގެ ފެންވަރުވެސް އެންމެ ދެރައީ ވެނެޒުއެލާގައެވެ. އެހެންވީމާ އަދި ކޮލިފައި ނުވަނީއެވެ. ކޮލިފައިވެވޭ ހިސާބަށް ނުދަނީއެވެ. މިއީ ތެދަކަށް ވެދާނެއެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅައިގައި އެންމެ ބަލިކަށި އެންމެ ދެރަވަރު އެހެންނަމަވެސް ވަސީލަތް ހުރެފައި ބޮޑު އާބާދީއެއް އޮތުމުން މުޅި ސަރަހައްދުގައި ވެނެޒުއެލާ މަޝްހޫރުވެފައި އޮންނަނީ ސިންޑަރެއްލާގެ ނަމުންނެވެ. އެއީ ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ސިންޑަރެެއްލާއެވެ. މިދެންނެވި ސިންޑަރެއްލާ މިވަގުތުވެސް އޮތީ މިއަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ރޭހުގައި ދެކުނު އެމެރިކާ ސަރަހައްދުގެ ޓޭބަލްގެ އެންމެ ފުލުގައެވެ. ކޮލިފައިނުވާނޭކަން ކަށަވަރުވެ ކަޓާފައިވާ ތިން ގައުމުގެ ތެރެއިން އެއްގައުމަކީ ވެނެޒުއެލާއެވެ. އެހެންވީމާ މިފަހަރުގެ ވޯލްޑް ކަޕުންވެސް ވެނެޒުއެލާއެއް ނުފެންނާނެއެވެ. މުޅިން އަލަށް ވޯލްޑް ކަޕުގައި ކުޅުމަށް ކުރަމުންދާ އިންތިޒާރު އަދިވެސް ކުރިއަށް އޮތީއެވެ.
ފުޓްބޯޅައިގައި ކަމެއް ނެތަސް ދުނިޔޭގެ ރީތީގެ މުބާރާތްތަކުގައި ދެކުނު އެމެރިކާއިން އެންމެ ކާމިޔާބު ގައުމަކީ ވެނެޒުއެލާއެވެ. ސިންޑަރެއްލާގެ ނަން ލިބުމުގެ ސިއްރަކީ އެއީ ކަމަށް ވެދާނެއެވެ. ސިންޑަރެއްލާޔަކަސް މިސް ޔުނިވާރސް އަކަސް އެހެން އެއްޗަކަސް ވެނެޒުއެލާ ބަލިކުރުމަކީ މިހާރު އެއްވެސް ބަޔަކަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ވެނެޒުއެލާ ބަލިވެއެވެ. އެކަމަކު ބަލިވަނީ ވަރަށް ވާންކޮށްފައެވެ. ތަފާތު ކުޑަ ނަތީޖާއަކުންނެވެ. ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ ކޮޕާ އެމެރިކާގައި ފަހަކަށް އައިސް ވެނެޒުއެލާގެ ރިކޯޑުވެސް އަންނަނީ ރަނގަޅުވަމުންނެވެ. ދާދިފަހަކުން އެ މުބާރާތުގެ ސެމީފައިނަލްގައި ވެސް ވަނީ ކުޅެފައެވެ. ކުރިމަގު މިވަގުތު ފެންނަނީ އުޖާލާކޮށެވެ.
މެންބަރު ގައުމުތަކުގެ އަދަދު މަދުވީމާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި ރާވާފައި އޮންނަނީ ތަފާތު ފޯމެޓެކެވެ. ހުރިހާ ގައުމެއް ލީގު ބައްޓަމަށް ހޯމް އެންޑް އަވޭ އުސޫލުން ކޮންމެ ބަޔަކުވެސް އަނެއް ބަޔަކާ ދެކޮޅަށް މެޗުތަކެއް ކުޅެ ނިމޭއިރު ޓޭބަލްގެ އެންމެކުރީގައި އޮންނަ ހަތަރު ޓީމު ވޯލްޑް ކަޕަށް ކޮލިފައިވާނެއެވެ. ޓޭބަލްގެ ފަސްވަނައަށްދާ ޓީމަށް ޖެހޭނީ އޭޝިއާގެ ކޮލިފައިން ބުރު ނިމޭއިރު ޕްލޭއޮފް ޖާގަ ހޯދާ ޓީމަކާއެކު ޕްލޭއޮފް ކުޅުމަށެވެ. އެތަނުން މޮޅުވެއްޖެނަމަ އެޓީމުވެސް ކޮލިފައިވާނެއެވެ. މިފަހަރުގެ ވޯލްޑް ކަޕުން ބްރެޒިލް އާއި އާޖެންޓީނާ މިހާރުވެސް ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އަނެއް ދެ ޖާގަޔާއި ޕްލޭއޮފް ޖާގަޔަށް ވާދަކުރަނީ އިކުއެޑޯރާއި އުރުގުއާއީ، ޕެރޫ، ޗިލީ އަދި ކޮލަމްބިއާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު