ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ތެޔޮ ޝެޑެއް ޑިޒައިންކޮށް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ތެޔޮ ޝެޑް ތަރައްގީކުރަނީ ހުޅުމާލެ ފޭސް އެކެއްގެ މުނިސިޕަލް ސާވިސް އޮޕަރޭޝަން (އެމްއެސްއޯ) ސަރަހައްދުގައެވެ. އެއީ އެޗްޑީސީގެ އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ ތެޔޮ ޝެޑް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން ކުރިއަށްގެންދާނީ މިމަހުގެ 17 ވަނަ ދުވަހު ޒޫމް މީޓިން އެއް މެދުވެރިކޮށް ކަމަށާއި ބިޑްތައް ހުށަހަޅަންޖެހޭނީވެސް އޮންލައިންކޮށް އެ ކޯޕަރޭޝަންގެ ޕޯޓަލްއަށް ކަމަށެވެ.

މި ބިޑްގައި ބައިވެރިވެވޭނީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަންޏެވެ. އަދި އަންނަ މާޗް މަހުގެ ދެވަނަ ދުވަހުގެ 11:00ގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި މިހާރު ވެސް ދެ ޝެޑެއް ހިންގައެވެ. ފޭސް އެކެއްގައި އިތުރު ޝެޑެއް ތަރައްގީކުރުމަށް އެޗްޑީސީން އިއުލާންކުރި އިރު، ފޭސް ދޭއްގައި ވެސް ޝެޑެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ މަހު އިއުލާންކުރިއެވެ.