އުތުރުތިލަފަޅަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށާއި އެތަނަށް ދިވެހިންގެ ބާރެއް މިހާރު ނެތް ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރ. މީދޫގައި ޕީޕީއެމުން މިއަދު ހަވީރު ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި އުތުރުތިލަފަޅާ ގުޅޭ އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއް ކަމަށް ވިދާޅުވެ، ތަފުސީލުތަކެއް ހާމަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އުތުރުތިލަފަޅަކީ ދިވެހި ދައުލަތުން ހަރަދުކޮށްގެން ހަދަމުންއައި ތަނެއް ކަމަށާއި ނަމަވެސް އެތަން ތަރައްގީކުރުމަށް އިންޑިއާ އަސްކަރިއްޔާއާ ހަވާލުކުރީ ފޮރުވިފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ތިން ވަނަ ފަރާތަކަށް އެ އެއްބަސްވުން ނުދެއްކޭނެ ކަމަށްވެސް ލިޔެފައިވާ ކަމަށާއި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ނުދައްކަނީ އެ ސަބަބާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ. އުތުރުތިލަފަޅަކީ ދިވެހި ސިފައިންގެ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން. މިއީ ސީދާ އިންޑިއާ ސިފައިންގެ ބާރު ހިނގާ ތަނެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ގޮތުން އެތަނުގައި އިމާރާތްކުރުމާއި ހިންގުމުގެ ހުރިހާ ބާރެއްވެސް އޮތީ އިންޑިއާގެ އަސްކަރިއްޔާއަށް ކަމަށާއި އެތަނުގައި ކުރާ އެއްވެސް ކަމަކަށް ބާރުފޯރުވުމުގެ ބާރެއް ދިވެހި ސަރުކާރަށް ނެތް ކަމަށެވެ. އަދި އެތަނުގައި އިންޑިއާގެ އެއާ ވިންގެއް އަޅަންވެސް ހިމަނާފައިވާ ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު