(4 ފެބުރުއަރީ ގެ އަދަދާ ގުޅޭ)
ޝައްކެެއްނެތެވެ. "ދިންނެވުމާ ބެހޭގޮތުން އަޅުގަނޑުމެންނަށް ހަތަރު އިންޖީލުންވެސް ބައެއް އާޔަތްތައް ފެނެއެވެ. ނަމަވެސް އެއާޔަތްތަކުގެ މަފްހޫމަކީ މިޒަމާނުގައި ކޮންމެވެސް ޒަޢީމަކު އޭނާގެ ޤައުމު އެވެނި މުސީބަތަކުން ނުވަތަ މިވެނި މައްސަލަތަކަކުން ސަލާމަތްކުރެއްވުމަށްޓަކައި އޭނާގެ ފުރާނަފުޅުން ޤުރުބާންވެވަޑައިގެންނެވިއެވެ. ބުނާ ބުނުން ފަދަ މަފްހޫމެކެވެ.
އެހެން އެބުނާ ބުނުމަކީ ފަހަރެއްގައިވެސް އެ ލީޑަރަކު ޤުރުބާންވެވަޑައިގެންނެވި ނުވަތަ ފިދާވެވަޑައިގެންނެވި ވާހަކައެއް ނޫނެވެ. އެބޭފުޅެއްގެ ޤުރުބާނީން ޤައުމުގެ ފާފަފޮހެވުނު ވާހަކައެއްވެސް ނޫނެވެ. އެކަމަކު ކްރިސްޓިއަނުން މަސައްކަތްކޮށްފައިވަނީ އެމަފްހޫމްނެގުމަށެވެ. މިގޮތުން ކްރިސްޓިއަން ދުނިޔެއަށްވަނީ ކައްފާރާއާއި، ފާފައާއި، ދިންނެވުމާ ބެހޭގޮތުން ކުށް ތަޞައްވުރެއް ހޯދައިދެވިފައެވެ. އަޅުގަނޑުގެ ސިކުންޑި ދުވަހަކުވެސް އެތަޞައްވުރު ޤަބޫލެއް ނުކުރެއެވެ.
ބައިބްލްގެ ދަ ބުކް އޮފް އިސެއިޔާ ގައިވެއެވެ. "ދެކޭށެވެ! ބިކުރުވެރި އަންހެނަކު ބަލިވެއިންނާނެއެވެ. ފިރިހެންދަރިއަކު ވިހާނެއެވެ. އެކުއްޖާއަށް ޢަމާނޫއީލްގެ (އިމެނުއަލް) ގެ ނަމުން ނަން ދެވޭނެއެވެ. (ބާބު 7 އާޔަތް 14) ހަމަ މި ޢިބާރާތް އިންޖީލުގެ 23 ވަނަ އާޔަތުގައިވެސް ވެއެވެ. ނަމަވެސް މެތިވްގެ އިންޖީލުގެ 25 ވަނަ އާޔަތުގައި އެކުއްޖާގެ ނަމެއް ކަމުގައި ބަޔާންކޮށްފައިވަނީ "ޔޫޝަޢު" އެވެ.
މުސްލިމުންނެކޭ އެއްގޮތަށް ކްރިސްޓިއަނުންގެވެސް ޢަޤީދާއަކީ މަރިޔަމުގެފާނަކީ ބިކުރުވެރި ބޭކަނބަލެއްކަމެވެ. ނަމަވެސް މެތިވްގެ އިންޖީލުގެ ސޯޅަ ވަނަ އާޔަތް އެކަމާ އިންކާރުކުރެއެވެ. "އަދި ޔަޢުޤޫބުގެ ކިބައިން ޔޫސުފް އުފަންވިއެވެ. އޭނާއަކީ މަސީޙުގެ ނަމުން މުޚާޠިބުކުރެވޭ ޔޫޝަޢު ރައްކާވި މަރިޔަމްގެ ފިރިކަލުންނެވެ." މިތާނގައި އުފެދޭ ސުވާލަކީ މަރިޔަމްގެފާނަކީ ބިކުރުވެރި ބޭކަނބަލެއްކަމުގައިވާނަމަ، އެކަމަނާގެ ކާވެނިފުޅު ކުރެވިފައިނުވާނަމަ، ފިރިކަލަކު ހުންނާންވީ ކީއްވެގެން ހެއްޔެވެ؟ މަރިޔަމްގެފާނުގެ ފިރިކަލަކު ހުންނެވިކަމުގައި ވާނަމަ ޢީސާގެފާނު ބަފައިކަލަކާނުލައި ރައްކާވީ ކިހިނަކުންހެއްޔެވެ؟ މާތް ﷲ ގެ ކަލާމްފުޅުގައި މިފަދަ ފުށުއެރުމާއި ދެކޮޅުނުޖެހުމެއް ނުހުންނާނެއެވެ.
ކްރިސްޓިއަނުން ބުނާގޮތުގައި ޢީސާގެފާނަކީ މާތްކަލާނގެ ދަރިކަލެކެވެ. ނަމަވެސް ބައިބްލް އެކަމާ އެއްބަހެއް ނުވެއެވެ. މިސާލެއްގެ ގޮތުން މެތިވްގެ އިންޖީލުގެ ފެށުމުގައިވަނީ "ޔޫޝަޢު މަސީޙު އިބްނު ދާއޫދު އިބްނު އެބްރަހަމް" މިފަދައިންނެވެ. މާކްގެ އިންޖީލުގައި "ޔޫޝަޢު މަސީޙު މާތްކަލާނގެ ދަރިކަލުން" މިހެން ލިޔެފައިވެއެވެ. ބައިބްލްގެ އެތައްއެތައް ތަނެއްގައި މަސީޙު ފިޔަވައި އެހެން އެތައްބަޔަކަށްވެސް މާތްކަލާނގެ ދަރިކަލުން ކަމުގައި ލިޔެފައިވެއެވެ. މިސާލެއްގެ ގޮތުން ޖެނެސިސް ބާބު 2:6، ޒަބޫރު 27:98، ޔަރްމިޔާހު 9:31، އިސޭއާ 16:63، އައްޔޫބު 7:38، ކްރޯނިކަލްސް އެކެއް 9:22، 6:28، އެކްސޮޑަސް 22:4، ޒަބޫރު 6:28، ޖޮބު 6:1، ޑިއުޓަރޮނޮމީ ބާބު 14، ޒަބޫރު 5:68، އެކްޓަސް އޮފް ދަ އެޕޯސްލްސް 29:17، ބެއްލެވުން އެދެމެވެ. މީގެ އިތުރަށް، އިންޖީލުގައިވެސް ޢީސާޢަލައިހިއްސަލާމް އެތަކެއްފަހަރަކު އެކަލޭގެފާނަށް އިބްނު އާދަމް މިބަސް ބޭނުންފުޅު ކުރައްވައިފައިވެއެވެ. އެހެންކަމުން ޢީސާގެފާނަކީ މާތް ﷲ ގެ ދަރިކަލުންކަމުގައި ކްރިސްޓިއަނުން ބުނާ ބުނުމަކީ އެމީހުން ހަދާ ބޮޑުދޮގެކެވެ.
ބަޕްތިސްމާގެ ނަޒަރިއްޔާއަކީ މަސީޙާއެކު ވަޅުލެވުމުގެ ނަޒަރިއްޔާއެވެ. މީހަކު ބަޕްތިސްމާ ކުރުމަށްޓަކައި ފެންގަނޑަށް ފައިބާއިރު ތަޞައްވުރު ކުރަންޖެހެނީ މަސީޙާއެކު ވަޅުލެވެމުންދަނީ ކަމުގައެވެ. އޭނާ ފެންގަނޑުން އެރުމަކީ އާޙަޔާތެއްގެ ފެށުމެއްކަމުގައެވެ. ބަޕްތިސްމާގެ މާނައިގެ ތެރޭގައި ކުލަޖެހުމާއި ބަދަލުވުންވެސް ހިމެނެއެވެ. މަޤްޞަދަކީ ތިމާގެ ޒާތީ ފާފަތަކުން އަދި ކީއްތޯއެވެ؟ ތިމާގެ ފިޠުރަތާއެކު ވާރުތަވެފައިވާ ބަލިކަށިކަމާއި، ހަލާކުން ސަލާމަތްވުމެވެ. ކުރިންވެސް އަޅުގަނޑު ދަންނަވައިފައިވާފަދައިން ކްރިސްޓިއަނުން ޤަބޫލުކުރާގޮތުގައި ބަޕްތިސްމާގެ ރަސްމިއްޔާތު އަދާނުކުރާ މީހަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. ހަމައެކަނި ބަޕްތިސްމާގެ ރަސްމުއަދާކުރުމުން ފާފަތަކުން މިންޖުވެވި އޭގެފަހުން ކުރާ ފާފަތަކުގެ ޒިންމާ އަދާކުރަން ނުޖެހުމަކީ އަޅުގަނޑުގެ ބުއްދި ޤަބޫލުކުރާކަމެއްނޫނެވެ. ބަޕްތިސްމާ ކުރުމަކީ ކްރިސްޓިއަންދީނަށް ވަނުމަށްޓަކައި ޤަވާޢިދުން އަދާކުރާ ރަސްމިއްޔާތެކެވެ. އެރަސްމު ނުވަތަ ކްރިސްޓިއަނުން ޤަބޫލުކުރާގޮތުގައި އެއާދައިގެ ފަހަތުގައި ވަނީ ކައްފާރާގެ ޢަޤީދާއެވެ. ބަޕްތިސްމާ ކުރުމުން އިންސާނާ މަސީޙުގެ ޒަރީޢާއިން "މަރުވެފައި ދިރެއެވެ." "މަރުގެ" ޒަރީޢާއިން އޭނާއަށް "އަޞްލުފާފައިގެ" އަދަބުލިބެއެވެ. ފާފައިން މުއްތިވެގެންވާ އާޙަޔާތެއް ލިބެއެވެ.
ޔޫޝަޢު މަސީޙުގެ ބަޕްތިސްމާގެ ރަސްމިއްޔާތާ ބެހޭގޮތުންވެސް ބައިބްލްގައި ވަނީ ފުށުއަރާ ބަޔާންތަކެކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ މެތިއުގެ އިންޖީލުގެ ބާބު ތިނެއްގެ ސޯޅަވަނަ އާޔަތުގައިވެއެވެ.
"އަދި ޔޫޝަޢު މަސީޙު ބަޕްތިސްމާކުރެއްވުމަށްފަހު ވަގުތުން ފެންގަނޑުގެ ކައިރިން މައްޗަށް އުދުހިވަޑައިގަތެވެ. ބަލާށެވެ. އެކަލޭގެފާނަށްޓަކައި އުޑު ހުޅުވިއްޖެއެވެ. މާތްކަލާނގެ ރަޙްމަތްފުޅު ކޮތަރެއްފަދައިން އެކަލޭގެފާނާ ދިމާޔަށް މަތިން ހޯރައަޅުއްވަމުން ވަޑައިގަންނަވާތީ އެކަލޭގެފާނު ދެކެވަޑައިގަތެވެ. އަދި ދެކޭށެވެ. އުޑުން އަންނަނިވި ނިދާ އައެވެ. "މިއީ އަހަރެންގެ ލޮބުވެތި ދަރިފުޅެވެ. އެދަރިފުޅާ އަހަރެން ރުހެމެވެ." މާކުގެ ބައިބްލްގައިވެއެވެ. އުޑުން ނިދާ އިއްވުނެވެ. "ކަލެޔަކީ އަހަރެންގެ ލޮބުވެތި ދަރިފުޅެވެ." ޖޯންގެ ބައިބްލްގައި ޖޯންނަބީ ހެކިދެއްވައިފައިވެއެވެ. "އުޑުންނިދާ އައެވެ. މިއީ ކަލާނގެ ދަރިކަލުންނެވެ." ބައިބްލްވަނީ މި ފަދަ ތަފާތު ބަޔާންތަކުން ފުރިގެންނެވެ.
ޓްރިނިޓީގެ ޢަޤީދާއަކީ ކްރިސްޓިއަން ޢަޤީދާތަކުގެ ތެރެއިން އެންމެއޮޅުންބޮޅުންބޮޑު، އެންމެ ދެއުޅިއެއްނުވާ ޢަޤީދާއެވެ. އެޢަޤީދާގައިވާގޮތުން އެއްކަލެއްގެ ޒާތުފުޅުގައި ތިންފަރާތެއް އެކުލެވިފައިވެއެވެ. ބައްޕައާއި ދަރިކަލުން (ޔޫޝަޢު މަސީޙު) ނާއި ރޫޙުލް ޤުދުސެވެ. މާނައަކީ އެއްކައުވަންތަ ކަލާންގެ އެކުލެވިގެންވަނީ ތިންފަރާތެއްގެ އެކުވުމެއްގެ މައްޗަށެވެ. އެއަށްކިޔަނީ ޓްރިނިޓީއެވެ. އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާގައި ޓްރިނިޓީ ޝަރަޙަކޮށްދީފައިވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
"ކްރިސްޓިއަނިޓީގައި ހިމެނޭ ޓްރިނިޓީގެ ނަޒަރިއްޔާ އަންނަނިވި ލަފުޒުތަކުން ތަޢުބީރުކުރެވިދާނެއެވެ. އާދެ ބައްޕައަކީ ކަލާނގެއެކެވެ. ދަރިކަލުންނަކީ ކަލާނގެއެކެވެ. ރޫޙުލްޤުދުޞަކީ ކަލާނގެއެކެވެ. މިތިން ފަރާތް އެކުވުމުން އުފެދެނީ ތިންކަލާނގެއެއްނޫނެވެ. އެއްކަލާނގެއެވެ."
ކްރިސްޓިއަނުންގެ ބައެއް ފިރުޤާތަކުން ޤަބޫލުކުރާގޮތުގައި ޓްރިނިޓީގައި ހިމެނޭ ތިންފަރާތަކީ ބައްޕައާއި، ދަރިފުޅާއި، ބިކުރުވެރި މަރްޔަމެވެ. ސުވާލަކީ ބައްޕައާއި، ދަރިފުޅާއި، ރޫޙުލްޤުދުސު ނުވަތަ ބިކުރުވެރި މަރްޔަމާ މިއިން ކޮންމެ ފަރާތަކީ ކަލާނގެއެއް ކަމުގައި ޤަބޫލުކޮށް، ހަމައެޔާއެކު އެއިން ކޮންމެފަރާތަކީ އެފަރާތެއްގެ އަމިއްލަ ޒާތުގައި މުސްތަޤިއްލު ވުޖޫދެއްކަމަށް ޤަބޫލުކުރުމުން ކަލާންގެ އެއްކައުވަންތަކަން އޮންނާނީ ކޮންތަނަކު ހެއްޔެވެ؟ މި ޢަޤީދާއަކީ ތަންދޮރު ދަންނަ، ބުއްދިއާއިފިކުރުހިންގޭ، އެއްވެސް މީހަކަށް ގަބޫލުކުރާނެ ޢަޤީދާއެއްނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ އެއްކައުވަންތަކަން މުލުން ބުރިކޮށްލާ ޢަޤީދާއެކެވެ. ބައިބްލްގެ އިރްޝާދުތައްވެސް މި ޢަޤީދާއާ ޚިލާފެވެ. މިސާލެއްގެ ގޮތުން ބައެއް ޙަވާލާތައް ބައްލަވައިލައްވާށެވެ.
1. "ދެން މިއަދު ކަލޭގެ ރަނގަޅަށް ދަންނާށެވެ. މިކަން ހިތުގައި އަށަގަންނުވާށެވެ. މަތީގައި އުޑުގައްޔާއި ތިރީގައި ބިމުގައިވާ ކަލާނގެއަކީ އެއްކައުވަންތަ ކަލާނގެއެވެ. ދެވަނަ އެއްވެސް ކަލެއްނުވެއެވެ." (ޑިއުޓޮރޮނޮމީ ބާބު: 4 އާޔަތް: 39)
2. ފަޤީހެއް ޢީސާ ޢަލައިހިއްސަލާމްގެ އަރިހުން ސުވާލުކުރިއެވެ. "ހުރިހާ އަމުރުތަކެއްގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ އިސް އަމުރަކީ ކޮބައިތޯއެވެ؟" ޔޫޝަޢު ޖަވާބުދެއްވިއެވެ."ހުރިހާ ޙުކުމްތަކެއްގެ ތެރެއިން އެންމެ އިސް ޙުކުމަކީ އޭއިސްރާއީލެވެ! އަޑުއަހާށެވެ. އަހަރެމެންގެވެރި ހުސްތާހިރުވަންތަ ﷲ އީ އެއްކައުވަންތަ ރަސްކަލާނގެއެވެ. ތިޔަބައިމީހުންގެ ވެރި އެއްކައުވަންތަ ރަސްކަލާނގެއަށް ކަލޭގެ މުޅިހިތާއި ކަލޭގެ މުޅިރޫޙުން އަދި ކަލޭގެ މުޅިބުއްދިއާއި ކަލޭގެ ހުރިހާ ބާރަކާއެކު ލޯބިކުރާށެވެ! (އަޅުކަންކުރާށެވެ!) މާކް 12: 30،29)
3. އަހަރެމެންގެ ވެރި އަހަރެމެންގެ ކަލާނގެއަށް ސަޖިދަކުރާށެވެ! ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރާށެވެ! (މެތިވް 10:4)
ބައިބްލްގެ އަދިވެސް ވަރަށްގިނަ ތަންތާނގައި ކަލާނގެ އެއްކައުވަންތަކަމުގެ ވާހަކަ ބަޔާންވެފައިވެއެވެ. ނަމަވެސް ކްރިސްޓިއަނުންވަނީ އެބައިމީހުންގެ ޢަޤީދާގެ ތެރޭގައި "ޓްރިނިޓީގެ ޢަޤީދާ" ޝާމިލްކޮށް އެއްކައުވަންތަ ރަސްކަލާނގެ ތަޞައްވުރު ދޫކޮށްލައިފައެވެ. އެއްކައުވަންތަކަމުގެ ޢަޤިދާ ޤަބޫލުކުރާމީހެއް ޓްރިނިޓީ ޤަބޫލެއް ނުކުރާނެއެވެ.
ކްރިސްޓިއަނުންގެ ޢަޤީދާގައިވާގޮތުން ޢީސާޢަލައިހިއްސަލާމް ޞަލީބަށް އެރުވުނެވެ. އެކަލޭގެފާނު އަވަހާރަވީ ޞަލީބުގައެވެ. އަވަހަރާވީތާ ތިންވަނަޔަށްވީ ދުވަހު އަނެއްކާ ދިރިވަޑައިގަތެވެ. "ކައްފާރާއާއި، ދިންނެވުމުގެ" ޢަޤީދާގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ މިޢަޤީދާގެ ފަހަތުގައިވާ ފަލްސަފާގެ ވާހަކަ ބަޔާންކޮށްފައެވެ. ކްރިސްޓިއަނުން ޢީސާގެފާނަކީ ކަލެއްކަމުގައްޔާއި ކަލާނގެ ދަރިކަލުން ކަމުގައި ޤަބޫލުކުރެއެވެ. ނަމަވެސް އަނެއްކޮޅުން ޢީސާގެފާނު ޞަލީބަށް އެރުވުނު މަންޒަރު ސިފަކޮށްފައިވަނީ ވަރަށް އާރެއްބާރެއް ނެތް ނިކަމެތިފަރާތެއްގެ ގޮތުގައެވެ. ކަލަކު ނުވަތަ ކަލެއްގެ ދަރިކަލަކު އެހާ އާރެއްބާރެއްނެތް ނުކުޅެދޭ ފަރާތަކަށެއް ނުވާނެއެވެ. ބައިބްލްގައިވާ ގޮތުން ޢީސާގެފާނު ޞަލީބުގައި ހުންނެވިއިރު މީހުން އެކަލޭގެފާނަށް ގޮންޖަހަމުން ގެންދިޔައެވެ. "ކަލޭގެފާނަކީ ކަލާނގެ ދަރިކަލުންކަމުގައި ވާނަމަ ނިކަން ސަލީބުން ފައިބައިވަޑައިގެންބައްލަވާށެވެ!" (މެތިވް 40:27) "މިހާރު ޞަލީބުން ފައިބައިވަޑައިގެންފިނަމަ އަޅުގަނޑުމެން އެކަމަށް (ކަލޭގެފާނު ގެންނެވި ކަންކަމަށް) އީމާންވާނޫއެވެ." (މެތިވް 42:27) މިފަދަ ބަސްތަކުންނެވެ. މާކްއާއި ލޫކުގެ ބައިބްލްގައިވެސް މިފަދަ ޢިބާރާތްތަކުން މިމަންޒަރު ސިފަކޮށްފައިވެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު