ރިސޯޓު ތަރައްގީކުރަން ދޫކުރާ ރަށްތައް ގަތުމަށް ބޭނުންވާ ފަރާތްތަކުގެ މާލީ ސްޓޭޓްމަންޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފަތުރުވެރިކަން ތަރައްގީކުރުމަށް ދޫކުރާ ރަށްރަށާއި ބިންބިމުގެ ތެރެއިން ތިން ވަނަ މަރުހަލާގެ ދަށުން ޓޫރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ހުޅުވާލި ބީލަމުގެ ބީލަން ފޮތުގައި ބިޑާއެކު ހުށަހަޅަންޖެހޭ "ރިސޯޓު ގަންނަ ކުންފުނިތައް ނުވަތަ ޕާޓްނާޝިޕްތަކުގެ އޮޑިޓްކޮށްފައިވާ ދެ އަހަރުގެ މާލީ ބަޔާން" ހުށަހަޅަން ނުޖެހޭ ގޮތަށް ހަދާފައިވާ ކަމަށެވެ.

އެގޮތަށް ނިންމީ އިންވެސްޓަރުންނަށް ޑޮކިއުމެންޓޭޝަން ކަންތައްތައް ފަސޭހަކޮށްދީ ބިޑަށް ހުށަހަޅާ ފަރާތުން މަޝްރޫއު ކުރިއަށް ގެންދިއުމުގެ މާލީ ތަނަވަސްކަން ހުރިކަން ބިޑާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ "ޕްރޫފް އޮފް ފަންޑްސް" އިން ކަށަވަރުވާނެތީ ކަމަށް ބުންޏެވެ.

"ޕްރޫފް އޮފް ފަންޑްސް"ގެ ގޮތުގައި ހުށަހަޅަން ޖެހޭނީ އިކުއިޓީގެ %20 ހުރިކަން ދައްކުވައިދޭ ބޭންކް ސްޓޭޓްމެންޓެއް ނުވަތަ ބޭންކް ގެރެންޓީއެކެވެ.

ދިހަ އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖޭން ބޭއްވި އިންވެސްޓްމެންޓް ފޯރަމުގައި މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އެ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވަލީ މިމަހުގެ ނިޔަލަށެވެ. ނަމަވެސް މިނިސްޓްރީން ވަނީ ބީލަން ހުށަހެޅުމުގެ މުއްދަތު އަންނަ މާޗު މަހުގެ 23 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.