އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމާ ނިންމުންތަކުގެ މައްސަލަތައް ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިދިޔަ އަހަރު ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެފަދަ މައްސަލަތައް އެ ކޯޓުން ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީން އެ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް ވަޒީފާއިން ވަކިކުރި މުވައްޒަފުން އެދުމުން އެމްޑަބްލިޔުއެސްސީން އެކަމަށް އިޖާބާދީފައެއް ނުވެއެވެ.

އެމްޑަބްލިޔުއެސްސީން އެ ރިޕޯޓު ނުދިނުމުން ވަޒީފާއިން ވަކިކުރި މުވައްޒަފު ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފައެވެ. އިންފޮމޭޝަން ކޮމިޝަނަރު އެންގީ އެ ރިޕޯޓު ވަޒީފާއިން ވަކިކުރި މުވައްޒިފަށް ދޫކުރުމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައިވާ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައި ކޯޓަށް ހުށަހެޅޭނެއެވެ.

އެމްޑަބްލިޔުއެސްސީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމުން، އެ ކޯޓުން ނިންމީ އެ މައްސަލައަކީ އެ ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންނުވާ މައްސަލައެއް ކަމަށެވެ. ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ކޯޓުތަކުގެ ގާނޫނަށް ރިއާޔަތްކުރުމަށްފަހުއެވެ. ކޯޓުތަކުގެ ގާނޫނުގެ ދަށުން ހައި ކޯޓަށް ބާރު ދެނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ބެލުމަށެވެ. ހުށަހަޅާފައި އޮތީ ދަށު ކޯޓަކުން ނިންމި މައްސަލައެއް ނޫނެވެ. ހަމަ އެގޮތަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޓްރައިބިއުނަލެއް ނޫންކަމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ. ހައި ކޯޓުން ދެކުނީ އިންފޮމޭޝަން ކޮމިޝަނަރަކީ ފަރުދެއް ކަމަށެވެ.

ހައި ކޯޓުން ކޯޓުތަކުގެ ގާނޫނު އެގޮތަށް މާނަ ކުރުމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ހައްގަށް ހުރަސް އެޅުނީއެވެ. ހައި ކޯޓުގެ އެ ހުކުމް ގާނޫނާ ހިލާފުކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ވެސް ވަނީ ހައިކޯޓުގެ އެ ހުކުމް ގާނޫނަށް ހިލާފުކަމަށް ބުނެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައެވެ.

އޭޖީ އޮފީހުންނާއި އެމްޑަބްލިޔުއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ރައްދުވަނީ އިންފޮމޭޝަން ކޮމިޝަނަރަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެމައްސަލަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ.

ހުކުމުގައި ވަނީ އެ ގާނޫނުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭނަމަ، އެފަދަ ނިންމުމެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ފަރާތަށް ލިބިގެންވާ ކަމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 61 ވަނަ މާއްދާގެ ދަށުން އިލްތިމާސެއް ނުވަތަ ޝަކުވާއެއް ބަލައިގަތުމަށްފަހު އެ އިލްތިމާސެއް ނުވަތަ ޝަކުވާއެއް އިންފޮމޭޝަން ކޮމިޝަނަރަށް ނިންމިދާނެ 12 ގޮތެއް ބަޔާންކޮށްފައިވާ ކަމަށެވެ.

އެފަދަ ނިންމުމަކީ މައުލޫމާތު ނުދިން ދައުލަތުގެ އިދާރާއާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ނިންމިދާނެ ނިންމުމެއް ކަމަށެވެ. އަދި ގާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައި އެ ގާނޫނުގައިވާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރަކު ނިންމާ ނިންމުމަކީ ޝަރުއީ ކޯޓަކުން އެހެން ގޮތަކަށް ބަދަލުނުކުރާހާ ހިނދަކު، ސައްހަ ނިންމުމަކަށްވާނެ ކަމަށާއި އަދި ތަބާވުން ލާޒިމު ނިންމުމަކަށް ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ހުކުމުގައިވެއެވެ.

އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން މައްސަލައެއް އިސްތިއުނާފު ކުރަން ހައިކޯޓަށް ދިއުމުގެ ފުރުސަތު އޮތީ ހަމައެކަނި މައުލޫމާތު ނުދިން ދައުލަތުގެ އިދާރާއަކަށް ނޫން ކަމަށެވެ. މައުލޫމާތު ނުދިން ދައުލަތުގެ އިދާރާއާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، އާންމު ފަރާތަކުން އެފަދަ މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅުމުގެ މަގު އެބައޮތް ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުލިބިގެން އުޅޭ މީހަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި އިސްތިއުނާފުކުރުމުގެ ހައްގު ގެއްލިގެން ދިއުން ކަމަށެވެ.

"އެހެނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އެގޮތުގައި އޮތްހައި ހިނދަކު، މެޖިސްޓްރޭޓް ނުވަތަ ސުޕީރިއާ ކޯޓަކަށް އެފަދަ މައްސަލަތައް ހުށަނޭޅޭނެ. ސަބަބަކީ އެ ގާނޫނުން މައްސަލަ ބެލުމުގެ އިހުތިސޯސް މަތިކޮށްފައިވާ ފަރާތަކީ އިންފޮމޭޝަން ކޮމިޝަނަރު ކަމުގައިވުން. ގާނޫނު އޮތް ތަނުގައި ބާއްވާފައި މައުލޫމާތު ނުލިބުމުގެ މައްސަލަތައް ދަށު ކޯޓުތަކަށް ހުށަހަޅައި އެ ކޯޓުތަކުން އެ މައްސަލަތައް ބަލަންވެއްޖެނަމަ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ބާރު ކެނޑިގެންދާނެ. އަދި އެ ގާނޫނުގައިވާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރެއް ހުރުމުގެ މަގުސަދާވެސް ހިލާފުވާނެ،" ހުކުމުގައިވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގެއް ކަމަށާއި ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުލިބޭ ހާލަތެއްގައި އަދި އެފަދަ ނިންމުމަކަށް އިންފޮމޭޝަން ކޮމިޝަނަރު ތާއީދުކުރާ ހާލަތެއްގައި އަސާސީ ހައްގެއް ނިގުޅިގެންގޮސްފައިވޭތޯ ބެލުމަށް އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ މަގުވެސް ހައިކޯޓުގެ ނިންމުމުގެ ސަބަބުން އެއްކޮށް ބަންދުވެގެންދާނެ ކަމަށް ހުކުމުގައިވެއެވެ.

ކޯޓުތަކުގެ ގާނޫނުގައި ހައިކޯޓަށް ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތަކުގެ އިސްތިއުނާފު މައްސަލަތައް ބެލުމުގެ އިހުތިސޯސް ބަޔާންކޮށްފައިވާއިރު، އެހެން ގާނޫނަކުން ހައިކޯޓަށް މަތިކުރެވޭ އެހެނިހެން އިހުތިސޯސް އޮތުމަށް ކޯޓުތަކުގެ ގާނޫނު ހުރަހެއް ނާޅާ ކަމަށްވެސް ހުކުމުގައިވެއެވެ.

ހުކުމުގައި ވަނީ މި މައްސަލައަކީ މައްސަލަ އިސްތިއުނާފުން ބެލުމުގެ އިހުތިސޯސް ގާނޫނުން ހައިކޯޓަށް ލިބިދީފައިނެތް މައްސަލައެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން އެހުކުމް ބާތިލުކަމަށް ކަނޑައަޅާ ކަމަށެވެ.

މީގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީ އެ މާއްދާގެ ސަރީހަ އިބާރާތުން ހައިކޯޓަށް އިސްތިއުނާފުން ބެލުމުގެ އިހުތިސޯސް ލިބިދެވިފައިވާ މައްސަލަތަކެއް ކަމަށް ކަނޑައަޅައި، މި މައްސަލައިގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށް ސުޕްރީމްކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ.