ފަތުރުވެރިކަމާ ގުޅުންހުރި ހާއްސަ އަހަރީ އެވޯޑުތަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އަހަރީ އެވޯޑުތަކުގެ ގޮތުގައި ދޭން ނިންމާފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަންތައްތައް ފަހިކޮށްދިނުމުން ދޭ ހަތަރު އެވޯޑާއި ދިވެހި ފަންނާނުން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދޭ ތިން އެވޯޑެއް ކަމަށެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާ ފަހިކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑަކާއި މީހުން ބިނާކުރުމަށް ބާރު އެޅުމަށް ދޭ އެވޯޑަކާއި އަންހެނުންނަށް ވަޒީފާ ފަހިކޮށް ދިނުމުގެ ގޮތުން ދޭ އެވޯޑަކާއި ދިވެހި އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ އެވޯޑެއްވެސް ދޭނެ ކަމަށް ބުންޏެވެ.

މި އެވޯޑުތަކަކީ ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުން އަމިއްލައަށް އެވޯޑް ހޯދުމުގައި ބައިވެރިވުމަށް ހުށަހެޅުމުން، ޓޫރިޒަމް މިނިސްޓްރީން އެވެލުއޭޓްކޮށް، އެވޯޑަށް ހޮވޭ ފަރާތްތަކަށް ދޭ އެވޯޑުތަކެކެވެ.

ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން މި އަހަރު ދޭން ފަށާ މި އެވޯޑުތައް ކޮންމެ އަހަރަކުވެސް ދޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނީ ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް އުޅަނދު ހިމެނޭނެހެން، އެވޯޑަށް ކުރިމަތިލުމަށް މި އަހަރުގެ ޖޫނުގައި ހުޅުވައިލާނެ ކަމަށެވެ.