ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވާދަކުރައްވަން ނިންމަވައިފިއެވެ.
އެ ދެބޭފުޅުންނާ ގާތް އެމްޑީޕީގެ އިސް ބޭފުޅަކު މިއަދު "ވަން" އަށް ވިދާޅުވީ، އަމްރާއި ފައްޔާޒު ޗެއާޕާސަން ކަމުގެ މަގާމުގައި ވާދަކުރެއްވުމަށް މިހާތަނަށް އައިއިރު ނިންމަވާފައިވާ ކަމަށެވެ.
ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރާ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ.
އެކަމާ ގުޅޭގޮތުން އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ، އެ މަގާމަށް ވާދަކުރެއްވުމުގެ ވިސްނުން މީގެ ކުރިން މަހުލޫފު ގެންގުޅުއްވި ނަމަވެސް މިހާރު ވާދަނުކުރައްވާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޝާހިދު އެ މަގާމަށް ވާދަ ނުކުރައްވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ޗެއާޕާސަންކަމުގެ ދައުރު މިއަދަށް ހަމަވާނެއެވެ.
އެމްޑީޕީން ވަނީ އެޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމަށްޓަކައި އިންތިހާބުތައް ބާއްވާނެ ތަރީހުތައް ކަނޑައެޅުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިހާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންޖެހެއެވެ.
މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ އިންތިހާބާއި، ޗެއާޕާސަންގެ އިންތިހާބާއި، ރިޔާސީ ޕްރައިމަރީގެ އިންތިހާބާއި، އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބޭއްވާނެ ތަރީހުތައް ކަނޑައެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު