ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް މަރާލި މައްސަލައާ ގުޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ހުރިހާ އެންމެނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
"ޕެޓް މާސްޓާ" އިން ގެނައި 120 ދޫނި، ފިޝަރީޒް މިނިސްޓްރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ މިނިސްޓްރީން ބުނަނީ ދޫނިތައް މަރާލާފައިވާނީ ގަވާއިދުގެ ތެރެއިން ކަމަށެވެ.
ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ރާއްޖެއަށް އެެތެރެކުރުން މަނާ ބާވަތެއްގެ ދޫންޏެއް އެތެރެކޮށްފި ނަމަ ދޫނި މަރާ ނުލައި، އެތެރެކުރި ގައުމަށް އަނބުރާ ފޮނުވައިލެވެން ވެސް އޮވެއެވެ. ދޫނި ފޮނުވައިލުމުގެ ހަރަދުތައް ކުރަން ޖެހޭނީ އެ ދޫންޏެއް އެތެރެކުރި ފަރާތުންނެވެ. އަދި ގަވާއިދުގައިވާ ގޮތުން ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާވިސަސްއިން ކޮންފިސްޓޭޓްކޮށް ދޫނި ނައްތާލެވެން ވެސް އޮވެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައިކަން ހިނގާފައިވާ ގޮތުގެ ތަފުސީލު ރިޕޯޓެއް ހެދުމަށްފަހު އެމަނިކުފާނަށް ހުށަހެޅުމަށް، ފިޝަރީޒް މިނިސްޓްރީއަށް އަންގަވައިފައެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިރޭ ތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭ ކަމަށާއި ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނު ހިދުމަތް ރާއްޖޭގައި ފުޅާކޮށް ހަރުދަނާކުރުމަށް ގެންނަންޖެހޭ އިސްލާހުތައް ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއެކު ގެންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ރައީސް ސޯލިހު އަންގަވާފައިވާ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ރިޕޯޓަކީ ލިބެން ހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަަށް ބިނާކޮށް ކަންހިނގައި ދިޔަ ގޮތުގެ ހަގީގަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި އެކުލަވާލައި ރިޕޯޓެއް ކަމަށްވެސް ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ، ދޫނިތައް މަރާލި މައްސަލައާ ގުޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ހުރިހާ އެންމެނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ކަންކަން މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރާއްޖެއަށް ދޫންޏާއި ދިރޭ ތަކެތި ގެންނަ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައި އޮންނަ ގާނޫނީ އިޖުރާއަތްތަކަށް ހުރުމަތްތެރިކޮށް ހިތުން ކަމަށްވާ އިރު، އެކަން އެގޮތަށް ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު