ޗެލްސީގެ މޮރޮކޯ ވިންގާ ހަކީމް ޒިޔެޗް، ކޯޗު ވާހިދު ހަލީލްހޮޑްޒިޗާ ޖެހުމު މައްސަލަތަކުގެ ސަބަބުން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 28 އަހަރުގެ ޒިޔެޗް ކޯޗާ މައްސަލަ ޖެހުނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. އެ މައްސަލަގަނޑު ގޯސްވެ، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) އަށް މޮރޮކޯއިން ނެގި ސްކޮޑުންވެސް ޒިޔެޗް ވަނީ ބާކީ ކޮށްފައެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޒިޔެޗު ބުނީ އަނބުރާ ގައުމީ ޓީމަށް ކުޅެން ނުދާނެ ކަމަށާއި، އެއީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.

ޗެލްސީއާއެކު ކްލަބު ވޯލްޑް ކަޕް ކުޅުމަށް މިވަގުތު ޒިޔެޗް ހުރީ ޑުބާއީގައެވެ. ޗެލްސީން ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ އޭޝިއާގެ ޗެމްޕިއަން އަލް ހިލާލާ ދެކޮޅަށް ނުކުންނަ އިރު، ޒިޔެޗް ބުނެފައި ވަނީ މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ ކްލަބުގައި ކުރަމުން އަންނަ މަސައްކަތަށް ކަމަށެވެ.

ޒިޔެޗާ ކޯޗު ވާހިދު މައްސަލަ ޖެހުނީ މޮރޮކޯއިން ގާނާއާއި ބުރްކީނޯ ފާސޯއާ ދެކޮޅަށް ޖޫން މަހު ކުޅުނު މެޗުތަކަށް ފަހުއެވެ. އެ މެޗުތަކަށްފަހު ކޯޗާއި ޒިޔެޗުގެ ބަހުގެ ހަމަލާތަކެއްވެސް ފާހަގަވެގެން ގޮސްފައިވާ އިރު، އޭގެ ފަހުން މޮރޮކޯއިން ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން އެއްވެސް މެޗަކުން ޒިޔެޗް ފެނިފައެއް ނުވެއެވެ.

މޮރޮކޯއިން ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށް ދެ ލެގު ކުޅެން ޖެހިފައި އޮތް އިރު، ޒިޔެޗް ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާން ކުރީ އެ ދެމެޗުވެސް ނުކުޅޭނެކަން ޔަގީން ކޮށްދިނުމަށެވެ. ޒިޔެޗް ބުނެފައި ވަނީ ގައުމީ ޓީމާއި ގުޅިގެން އެ ނިންމުން ނިންމަން ޖެހުނު ސަބަބު އެންމެންނަށްވެސް ސާފުވާނެ ކަމަށެވެ.

ގައުމީ ޓީމަށް ޒިޔެޗް ކުޅެފައިވާ 39 މެޗުގައި އޭނާ ވަނީ 17 ގޯލު ޖަހައިފައެވެ.