ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، ބެޑްމިންޓަނުން ނިބާލް އަހުމަދާއި އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޞިޔާއު އަށް ލިބިއްޖެއެވެ.
އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ހުނަރާއި ކާމިޔާބީތަކަށް ބަލައި، އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.
މިފަހަރު ރާއްޖެއަށް ފަސް ފުރުސަތެއް ލިބިފައިވެއެވެ. އޭގެ ތެރެއިން ދީމާއަކީ ރާއްޖޭގެ ތާރީހު ދުށަ އެންމެ ކާމިޔާބު އެއް އަންހެން އެތުލީޓެވެ. ދީމާއަކީ އެންމެ ޒުވާން އުމުރުން ފެށިގެންވެސް ރާއްޖޭގެ ޓީޓީގައި ތަފާތު ދައްކަމުން އަންނަ ކުޅަދާނަ އެތުލީޓެކެވެ. ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިޔާ ދީމާއަށް މިދިޔަ އަހަރަކީވެސް ވިދުން ގަދަ އަހަރެކެވެ. 2021 ގައި އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަންގެ އަންހެން ޔޫތު ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ދީމާ ރޭންކް ކުރެވުނު އިރު، އޭނާ ވަނީ ޓީޓީގެ ޖޫނިއީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖެ ފަހުރުވެރި ކޮށްދީފައެވެ.
އޮލިމްޕިކް ސްކޮލަޝިޕް ލިބުނު އެތުލީޓުންގެ ތެރެއިން ނިބާލް އަހުމަދަކީ ގައުމީ ބެޑްމިންޓަން ޓީމުގެ ހުނަރުވެރި ކުޅުންތެރިއެކެވެ. އުމުރުން 18 އަހަރުގެ ނިބާލް ވަނީ 2019 ވަނަ އަހަރު އައިއޯއައިޖީގެ ލޯ މެޑަލް ހޯދި ފިރިހެން ބެޑްމިންޓަން ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.
އެތުލެޓިކްސް އިން އޮލިމްޕިކް ސްކޮލަޝިޕް ލިބުނު އައިޝަތު ހިމްނާ ހަސަން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އަންހެން ދުވުންތެރިޔާއެވެ. ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މިދިޔަ ދެ ފަހަރުގެ އެންމެ މޮޅު އެތުލީޓު ހިމްނާއަކީ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޮންނަ އެތުލީޓެވެ.
ސާފިން ސްކޮލަޝިޕް ލިބުނު އިސްމާއިލް ރަޝީދު (ސްމައިލީ)އަކީ ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި މިވަގުތު ހުރި އެންމެ ހުނަރުވެރި ސާފަރެވެ. ގައުމީ ޓީމާ އެކު ސްމައިލީ ވަނީ 2019 ވަނަ އަހަރު ޗައިނާގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް އެ މުބާރާތުގެ ޝޯޓް ބޯޑް ކެޓަގަރީގެ ފައިނަލް ހީޓުގައި ވާދަކޮށްފައެވެ. ދެން ސްކޯލާޝިޕް ލިބުނު އުމުރުން 22 އަހަރުގެ ޝޫޓަރު ޒިޔާން އަކީ 10 މީޓަރު އެއާ ޕިސްޓަލް ފިރިހެން ބައިގެ ގައުމީ ރެކޯޑު އޮތް ޝޫޓަރެވެ.
އޮލިމްޕިކް ސްކޮލަޝިޕް ލިބުނު ހުރިހާ އެތުލީޓުންނަށްވެސް 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން އެތުލީޓަކު ބޭނުން ސެންޓަރެއްގައި ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެއެވެ. މި ތަމްރީންތަކުގެ ހަރަދުތަކާއި ޓެކްނިކަލް އެހީތެރިކަން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ފޯރުކޮށްދޭނެ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު