ރިޕޯޓް

ދިރިހުރި ފުރާނަތަކެއް އަނިޔާވެރިކޮށް މަރާލުން، ދެވަޒީރުންނާ ހަމައިން ނިމޭބާ؟ ހައްލަކީ ކޮބާ؟

އަލީ ޔާމިން

1

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު "ޕެޓް މާސްޓާ" އިން ރާއްޖެ އެެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އިން މަރާލި މައްސަލަ ހޫނުވެ، އެތައް ބައެއްގެ ފާޑުކިޔުމާ ނުރުހުން އެ މިނިސްޓްރީއަށް މިވަނީ އަމާޒުވެފައެވެ. ފިޝަރީޒް މިނިސްޓްރީން ދޫނިތައް މަރާލީ "ރަހުމެއް" ނެތުމުން ކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ދަނީ އެކަން ސިޔާސީކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެންވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. ދޫނިތައް މަރައިގެން ނުވާނެ ކަމެވެ. އެކަމާ އެންމެންވެސް ދެކޮޅެވެ. މަރާލަންވީ ކަމަށް ބުނާ މީހަކު ނެތެވެ.

ފިޝަރީޒް މިނިސްޓްރީން އެ ދޫނިތައް މަރާލީ، އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުން މަނާ ދޫނިތަކެއް ކަމަށް ބުނެއެވެ. އެ ދޫނިތައް މަރާލައިފައިވަނީ އާންމު އުސޫލުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގައި އިއްޔެގެ ވަގުތެއްގައެވެ.

ދޫނިތައް މަރާލުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ވަން" އަށް ވިދާޅުވި ގޮތުގައި އެ ދޫނިތައް މަރާލައިފައިވަނީ އެކަމަށް ތަމްރީންކޮށްފައިވާ މުވައްޒަފުން ކަމަށެވެ. އެއީ އާންމު އުސޫލުގެ ދަށުން ކުރާ ކަމެއް ކަމަށާއި ދޫނިތައް މަރާލުމުގެ ކުރިން އެތަކެތި ރީ-އެކްސްޕޯޓް ކުރުމުގެ ފުރުސަތު އެތަކެތި އެތެރެކުރި ފަރާތަށް ދޭ ކަމަށް ވިދާޅުވިއެވެ.

"އާންމުވެގެން އުޅެނީ ޕެޓް މާސްޓާ އިން އެތެރެކުރި ދޫނިތަކެއް. ވަރަށް ގިނަ އަދަދެއްގެ ދޫނިތަކެއްވީމަ އަޅުގަނޑުމެން އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އެދުނީ މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފު ކުރުމަށް. ގާނޫނުން އަޅުގަނޑުމެންނަށް ބާރުލިބޭ އެ އެއްޗެހި ނައްތާލުމަށް. އަޅުގަނޑުމެން ވާނެ ޕެޓް މާސްޓާއަށްވެސް ފުރުސަތު ދީފަ އެ ދޫނިތައް ރީ-އެކްސްޕޯޓް ކުރުމަށް. ވަރަށް ގިނަ ދުވަސް ގާތްގަނޑަކަށް ހަތަރުވަރަކަށް މަހު ކަރަންޓީން ފެސިލިޓީގައި ބޭތިއްބުމަށްފަހު މަރާލާފައި މިވަނީ" ނަސްރުﷲ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ދޫނިތައް މަރާލާފައިވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާ ހޯދުމަށް ފަހުއެވެ. އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް ދޫންޏެއް އެތެރެކުރެވޭ ހާލަތްތަކުގައި އެ ދޫންޏެއް މަރާ ނުލައި އެ ދޫންޏެއް އެތެރެކުރި ގައުމަކަށް ފޮނުވާލުމުގެ ފުރުސަތު ދެވޭކަން ރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށާއި ނަމަވެސް އެ ދޫނިތައް އަނބުރާ ގައުމަށް ފޮނުވާލާފައި ނުވާ ކަމަށެވެ.

އޭޖީން ބުނީ، އެ އޮފީހުން ލަފާ ދިނީ ގާނޫނުގައިވާ ގޮތަށް ދޫނިތަކާމެދު އަމަލުކުރުމަށް ކަމަށާއި ރާއްޖެ އެތެރެކުރުން މަނާ ދޫނިތަކެއް ރާއްޖެ އެެތެރެކުރުމުން، އެ ދޫނިތައް ކަރަންޓީންކުރުން ފިޔަވައި އެހެން އެއްވެސް ކަމެއް ފިޝަރީޒް މިނިސްޓްރީން ކޮށްފައި ނުވާ ކަމަށެވެ. އަދި އެ ދޫނިތައް އެތެރެކުރި ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

"އެކަމާ ގުޅޭގޮތުން މި އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނު އިރު، އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރަން ފެންނަ ވާހަކަ. އަދި މި މައްސަލައިގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލު ނުކޮށް ދިގު މުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއް ވާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވަންވާނެ ކަމަށް ފެންނަ ވާހަކަވެސް މިނިސްޓްރީއަށް ދިން ލަފާގައި ބަޔާންކޮށްފައިވާނެ،" ދޫނިތައް މަރާލި މައްސަލައިގައި އޭޖީ އޮފީހުން ބުންޏެވެ.

ގާނޫނު ބުނަނީ ކީކޭ؟

އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ދެ ވަނަ މާއްދާގެ ދަށުން ދެހާސް ބާރަވަނަ އަހަރު އެކުލަވާލައިފައިވާ ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމުގެ ގަވައިދުގެ، 11 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގައި، ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރެވޭ ދޫނި ޕްލާންޓް އެންޑް އެނިމަލް ކޮރަންޓީން ސާވިސަސްއިން ކޮންފިސްކޭޓް ކޮށް ނައްތައިލެވޭނެއެވެ. އަދި އެ މާއްދާގެ(ށ)ގައި ވާ ގޮތުން އެ ގަވައިދާ ހިލާފަށް ރާއްޖެއަށް ދޫނި އެތެރެކުރާ ފަރާތްތަކާމެދު، އެ ހިލާފުވި ކަމެއްގެ ބާވަތަށް ބަލައި، 10000 (ދިހަ ހާސް ރުފިޔާ) އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ރާއްޖެއަށް ދޫނި އެތެރެކުރުމުގެ ލައިސަންސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބާތިލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއަށް އޮވެއެވެ. އެ މާއްދާގެ (ނ)ގައިވާ ގޮތުގައި ގަވައިދާ ހިލާފަށް ރާއްޖެ އެތެރެކުރެވޭ ދޫނިތައް މަރާލުމުގެ ބަދަލުގައި އެ ދޫންޏެއް އެތެރެކުރި ގައުމަކަށް އަނބުރާ ރީ-އެކްސްޕޯޓް ކުރެވޭނެއެވެ. އަދި އެކަމުގެ ހުރިހާ ހަރަދެއް ކުރަން ޖެހެނީ، އެ ދޫންޏެއް އެތެރެކުރި ފަރާތުން ކަމަށް ބުނެފައިވެއެވެ.

ދޫނިތައް މަރާލާފައިވަނީ ކޯޓުގައި މައްސަލަ އޮއްވައި!

ފިޝަރީޒް މިނިސްޓްރީން މަރާލާފައިވަނީ ދެކުނު އެމެރިކާގެ ސުރިނާމުން، ޕެޓް މާސްޓާއިން ރާއްޖެ އެތެރެކުރި 120 ދޫންޏެވެ. އޭގެ ތެރޭގައި ބައެއް ދޫނި އެއީ ގުރާ އާއިލާގެ ދޫނިތަކެކެވެ. އެ ދޫނިތައް ގަތުމަށް ޕެޓް މާސްޓާއިން 800،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ޕެޓް މާސްޓާގެ މެނޭޖަރު ހުސައިން އާތިފް "ވަން" އަށް ވިދާޅުވި ގޮތުގައި، އެ ދޫނިތައް ރާއްޖެ އެތެރެކުރިއިރު، އެއީ ރާއްޖެއަށް އެތެރެކުރުން މަނާ ދޫނިތަކުގެ ލިސްޓުގައި ހިމެނޭ ދޫނިތަކެއްކަމެއް ނޭނގެއެވެ. އެހެންވެ، އެ ދޫނިތައް އެތެރެކުރި ދުވަހުން ފެށިގެން ހުރީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ފިޝަރީޒުން ފަހުން އާންމުކުރި ލިސްޓުގައި އެ ދޫނިތައް ވަނީ ރާއްޖެއަށް އެތެރެކުރެވޭ ދޫނިތަކުގެ ލިސްޓުގައި ހިމަނައިފައެވެ. އެއާއެކު ޕެޓް މާސްޓާއިން ދެން މަސައްކަތް ކުރީ، ފިޝަރީޒް މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެ ދޫނިތައް ލިބޭނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ވަނީ، އެ ދޫނިތައް ނައްތާލަން ނިންމައި، އެކަން ޕެޓް މާސްޓާއަށް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އަންގައިފައެވެ. އެހާ ހިސާބުން ޕެޓް މާސްޓާއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވައްދައި ދޫނިތައް މެރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިފައެވެ.

ގަވައިދުން ދޫނީގެ ވިޔަފާރި ކުރާ ބަޔަކަށް، އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މި ވިޔަފާރި ކުރާ ބަޔަކަށް މި އެތެރެކުރެވެނީ މަނާ ދޫނިތަކެއްކަން ނޭނގެންވީ ކީއްވެތޯ މިއީވެސް އޮތް ސުވާލެކެވެ.

"ވަން" އަށް ލިބިފައިވާ މައްސަލައިގެ ލިޔެކިޔުންތަކުގައިވާ ގޮތުގައި، ޕެޓް މާސްޓާއިން ސިވިލް ކޯޓުގައި އެދިފައިވަނީ، ދޫނިތައް ނައްތާލަން ނިންމުމަކީ، ގާނޫނާއި އިސްލާމީ ޝަރީއަތާއި އިންޓަނޭޝަނަލް ގާނޫނާ ހިލާފު ކަމަކަށްވެފައި، ފަހުން އެކުލަވާލި ގަވައިދުގައި އެ ދޫނިތަކަށް ހުއްދަ ލިބިފައިވާތީ އެ ގަވައިދުގައިވާ ދޫނިތަކަށް ޕެޓް މާސްޓާއިން ހުއްދަ ނަގައިފައިވާތީ ކުރިން އެކުލަވާލައިފައިވާ ގަވައިދުގެ ދަށުން، އަމަލު ނުކުރެވޭނެ ކަމަށާއި މިހާރު ހެދިފައިވާ ގަވައިދުގެ ދަށުން ހުއްދަ ލިބިފައިވާތީ ހެދިފައިވާ އުސޫލުގެ ދަށުން ނަގަން ޖެހޭ ޓެކްސް ނެގުމަށް ފަހު ދޫނިތައް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީއާ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި މައްސަލަ ނިންމައިދިނުމަށެވެ. އެ މައްސަލަ ސިވިލް ކޯޓަށް ލިބިފައިވާކަން އިއްޔެ ހެނދުނުގެ ވަގުތެއްގައި ސިވިލް ކޯޓުން ވަނީ ޕެޓް މާސްޓާއަށް އަންގައިފައެވެ.

"ކޯޓު މަރުހަލާގައި އެންމެ އަވަހަށް ގޮތެއް ނިންމުމަށްވެސް އެބަ ނަގާ ދެ ހަފްތާވަރު. މި މައްސަލައިގައި ގާނޫނީ ގޮތުން ކަންތައްތަކެއް ހުރީމަ ވަކި ގޮތެއް ނިންމެންދެން ދޫނިތައް މަރާނުލައި ބޭތިއްބުމަށް އަޅުގަނޑުމެން އެދުނިން މިނިސްޓްރީގައި. ނަމަވެސް މި ލިބުނީ އެ ދޫނިތައް މަރާލަން އުޅޭކަމަށް އަންގާފައިވާ މެސެޖެއް، އެހާ ހިސާބުން އަޅުގަނޑުމެން ދިޔައިން ފިޝަރީޒް މިނިސްޓްރީއަށްވެސް. އެއްވެސް މަތީ ފަރާތަކާ ބައްދަލުވާ ގޮތެއް ނުވި، އެތާ އެތައް އިރަކު ތިބުމަށް ފަހު، އެއާޕޯޓަށް އަޅުގަނޑުމެން ދިޔައީ. ދޫނިތައް މަރާލީ އަޅުގަނޑުމެންނަށް ނުވެސް ދައްކާ. މަރާލުމަށްފަހު ދެން ދޫނިތައް ގެނެސް އަޅުގަނޑުމެން ކުރިމައްޗަށް ޖެހީ" ދޫނިތަކުގެ މައްސަލައިގައި ފިޝަރީޒުން އަމަލުކުރި ގޮތް ކިޔައިދެއްވަމުން އާތިފް ވިދާޅުވިއެވެ.

ދޫނިތައް އަނބުރާ ފޮނުވާލަން ފިޝަރީޒުން ފުރުސަތު ދިން، ޕެޓް މާސްޓާއިން އެވާހަކަ ދޮގެއް ނުކުރޭ!

ފިޝަރީޒް މިނިސްޓްރީން އަމަލުކުރަމުން އަންނަ އާންމު އުސޫލަކީ ގަވައިދާ ހިލާފަށް ރާއްޖެ އެެތެރެކުރާ ދޫނިތައް މަރާލުން ކަމުގައިވީނަމަވެސް، ޕެޓް މާސްޓާއިން އެތެރެކުރި ދޫނިތަކުގެ އަދަދު ގިނަވެފައި އެ ދޫނިތައް މަރާލައިފިނަމަ އެކަމުގެ މާލީ ގެއްލުން އެ ދޫނިތައް އެތެރެކުރި ފަރާތަށް ލިބިދާނެ ކަމަށް ބަލައި، ދޫނިތައް ރީ-އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފިޝަރިޒުން ވަނީ ޕެޓް މާސްޓާއަށް ދީފައެވެ.

"އެބޭފުޅުން އަޅުގަނޑުމެން ކައިރީގައި ބުނި ދޫނިތައް ރީ-އެކްސްޕޯޓް ކުރަން. ދެން މިއީ ވަރަށް ދުރުން އަޅުގަނޑުމެން ގެނައި ދޫނިތަކެއް. އަޅުގަނޑުމެން ޖެހި ހިސާބުން ދޫނިތައް އަނބުރާ ފޮނުވާލާ ނަމަ 25،000 ޑޮލަރު އެންމެ މަދުވެގެންވެސް ހަރަދުވާނެ. މިއީ ކޮވިޑުގެ މި ދަތި އުނދަގޫ ހާލަތުގައި އުފުލޭނެ ވަރުގެ ބުރައަކަށް ނުވާތީ އަޅުގަނޑުމެން އެދުނިން ކުރަން ޖެހޭ ޖޫރިމަނާއެއް ކުރުމަށްފަހުގައި ނަމަވެސް މި ދޫނިތައް ދޫކޮށްލަދޭން. ދޫނިތައް މަރާލުމަކީ އެއްވެސް ވަރަކަށް އަޅުގަނޑުމެން އެދޭ ކަމެއް ނޫން" އާތިފް ވިދާޅުވިއެވެ.

ދޫނިތައް މެރުމާ އީޕީއޭވެސް ދެކޮޅު

ދޫނިތައް މަރާލި މައްސަލައިގައި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް ވިދާޅުވި ގޮތުގައި، އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް މެރުމަކީ އެ އެޖެންސީން އެދޭ ކަމެއް ނޫނެވެ. އަދި ފިޝަރީޒުން އެކަން ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމުގައި ނައީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބެނީ ކާޅާއި ވާވެސް މަރަން ހުއްދަ ނުދޭން. މިހެން ތިއްބައި މިފަދަ ކަމެއް އަދި ބަޔަކަށް ގެއްލުމެއްވެސް ދޭ އެއްޗެއް ނޫން މިއީ. ދޫނިތަކެއް މަރާލުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ހާލަތެއްގައި ދޫނިތައް މަރާލެވިގެންވާނެ ކަމަކަށް" ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވި ގޮތުގައި ދޫނިތައް މެރުމަށް ހައްލެއް ލިބިގެންދާނީ ގަވައިދު އިސްލާހުކޮށްގެންނެވެ. އަދި ގަވައިދު އިސްލާހު ނުކުރި ނަމަވެސް، ދޫނިތައް އަނބުރާ ފޮނުވާލެވެންދެން މަރާނުލައި ބޭތިއްބެން ޖެހޭނެ ކަމަށްވެސް ނައީމް ވިދާޅުވިއެވެ.

"ގާނޫނާ ހިލާފު ދޫންޏެއް އެތެރެކުރުމަކީވެސް ގޯހެއް. ނަމަވެސް އެތަކެތި މަރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެތަކެތި އަނބުރާ ގައުމަށް ފޮނުވާލެވެންދެން މަރާނުލައި ބޭތިއްބޭނެ އިންތިޒާމުތައް ހަމަޖެހެން ޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ އެކަން އެގޮތަށް ކުރަން ބޭނުންނަމަ، މަރާނުލައި ދޫނިތައް ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ކަމަށް" ނައީމް ވިދާޅުވިއެވެ.

ހައްލު އޮތީ ގަވައިދު އިސްލާހުކޮށްގެން!

ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތްތަކުގެ ދޫނިތައް ރާއްޖެ އެތެރެކުރާ ކޮންމެ ފަހަރަކު އެ ދޫނިތައް މެރުމަކީ އެކަށީގެންވާ ހައްލެއް ނޫނެވެ. ހައްލު އޮތީ، ރާއްޖެއަށް ދޫނި އެތެރެކުރުމުގެ ގަވައިދު އިސްލާހުކޮށްގެންނެވެ. އެ ގަވައިދުން ބާރުލިބޭ ގިނަ ކަންކަން ބަދަލުކޮށްގެންނެވެ. އެންމެ މުހިންމުކަމެއްގެ ގޮތުގައި ކުރެވިދާނެ އެއްކަމަކީ، އެގޮތަށް އެތެރެވާ ދޫނިތައް، ރީ-އެކްސްޕޯޓް ނުކުރެވިއްޖެ ހާލަތެއްގައި އެ ދޫނިތައް މަރާނުލައި، ދައުލަތުގެ ބެލުމުގެ ދަށުން ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމެވެ. ނޫވަތަ، އެ ދޫނިތައް އެތެރެކުރި ފަރާތްތަކަށް ރީ-އެކްސްޕޯޓް ކުރުމަށް ބާރު އެޅުމަށް ފިޔަވަޅުތައް ހަރުކަށިކޮށް ޖޫރިމަނާ ބޮޑުކުރުމެވެ.

"މިކަމަށް ދާއިމީ ހައްލެއް ލިބޭނީ ގަވައިދު އިސްލާހުކޮށްގެން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދޫނިތައް ހިމާޔަތްކުރުމާއި ނައްތާލުމާއި ބެލެހެއްޓުމުގެ ބާރުތައްވެސް އޮންނަން ޖެހޭނީ އީޕީއޭއަށް. އެކަން ކުރެވޭނީ ގާނޫނުވެސް އިސްލާހުކޮށްގެން" ނައީމް ވިދާޅުވިއެވެ.

ދޫނިތައް މަރާލި މައްސަލައިގައި ދިރޭތަކެތި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބްލޫޕީސް ހިމެނޭހެން އެތައް ފަރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އެ ދޫނިތައް މަރާނުލައި ރިހެބިލިޓޭޓް ކުރެވިދާނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހާއްސަކޮށް، ދޫނިތަކާއި ޖަނަވާރުގެ ރީހެބިލިޓޭޝަނަށް އީޕީއޭއިން ހާއްސަކުރި ޅ. މާކޮސްއަށް އެފަދަ ދޫނިތައް ގެންގޮސް ރިހެބިލިޓޭޓް ކުރަން ބައެއް ފަރާތްތަކުން އެދެމުން އަންނަ އިރު، ބައެއް ފަރާތްތަކުން އަންނަނީ ދޫނިތައް ޕާކުތައް ފަދަ ތަންތަނުގައި ބޭތިއްބުމަށް އެދެމުންނެވެ.