އަތޮޅުތެރެއަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 15 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސްފިއެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރުވެސް ހުރިހާ އެމްބިއުލާންސް ގެނެސްފައެއް ނުވެއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެކުންފުންޏާ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 15 އެމްބިއުލާންސް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެއެމްބިއުލާންސްތައް މާލެ ގެނެސްފައިވާ ކަމަށެވެ.
އެސްޓިއޯއިން ބުނީ ވަރަށް އަވަހަށް އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. ނަމަވެސް މި ފަހަރުގެ އެމްބިއުލާންސްތައް ފޮނުވަން ނިންމާފައިވަނީ ކޮން ރަށްރަށަކަށް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
މިއީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ. މީގެ ކުރިން ދެ ބުރެއްގައި ވަނީ ޖުމުލަ 40 އެމްބިއުލާންސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ 20 އެމްބިއުލެންސް ރާއްޖެ ގެނެސްފައިވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗްގެ 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އެމްބިއުލާންސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު