މުސްލިމު ވޯލްޑް ލީގު (ރާބިޠަތުލް އާލަމިލް އިސްލާމީ)ގެ އޮފީހެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާބިޠަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއާއެކު ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ، ޝައިހް ޑރ. މުހައްމަދުގެ ދަތުރުފުޅުން ދޭހަވަނީ ރާއްޖެއާއި މުސްލިމު ވޯލްޑް ލީގާ ދެމެދު އޮތް ގާތް ގުޅުން ކަމަށެވެ.

ހަލީލް ވިދާޅުވީ، މުސްލިމު ވޯލްޑް ލީގާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އިސްލާމްދީން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެގޮތުން އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމުތައް ހިންގަވާނެ ކަމަށެވެ.

ހަލީލް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މުސްލިމް ވޯލްޑްގެ އޮފީހެއް ހުޅުވުމުގެ މަޝްވަރާތައްވެސް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ރާއްޖޭގައި މުސްލިމް ވޯލްޑް ލީގުގެ ރެޕްރެޒެންޓޭޓިވް އޮފީހެއް ހުޅުވުމުގެ މަޝްވަރާތައް ކުރަމުން. އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ،" ހަލީލް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުގައި ވާހަކަދައްކަވަމުން ޝައިހް ޑރ. މުހައްމަދު ވިދާޅުވީ، ރާއްޖެއާއި އަރަބި ގައުމުތަކާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން އެ ޖަމިއްޔާގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށެވެ.

ޝައިހް ޑރ. މުހައްމަދު ރާއްޖެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ. ރައީސް ސޯލިހު ވަނީ ޝައިހް ޑރ. މުހައްމަަދާ އިއްޔެގެ ވަގުތެއްގައި ބައްދަލުކުރައްވައި ނިޝާން ކަލާފާނުގެ ޝަރަފު އަރުވައިފައެވެ.