Close
ޚަބަރު

އަންހެނުންގެ ކޮމެޓީގެ މެންބަރުން އޮފީސްތެރޭ ތިއްބައި، ސިޓީކައުންސިލުން ތަޅުލި މައްސަލަ ކޮމިޓީން ބަލަނީ

އިބްރާހިމް ޒަކީ

މާލޭސިޓީގެ އަންހެނުންގެ ކޮމިޓީގެ މެންބަރުން އޮފީސް ތެރޭގައި ތިއްބައި ސިޓީކައުންސިލުން ތަޅުލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަ ކޮމެޓީން ބަލަން ނިންމައިފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ބަލަން ކޮމިޓީއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ޔޫނުސު އަލީއެވެ.

ޔޫނުސު ވިދާޅުވީ އެ މައްސަލައަކީ އެތައް ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެހެންކަމުން އެ މައްސަލަ ކޮމިޓީން ބަލަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

ޔޫނުސުގެ ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ތާއީދު ކުރެއްވިއެވެ.

ރޮޒެއިނާ ވިދާޅުވީ އަންހެނުންގެ ކޮމިޓީގެ ފަރާތުން އެ މައްސަލަ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ފުލުހުންނަވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެތަންތަނުން މައްސަލަ ބަލަމުން އަންނަގޮތް ކޮމެޓީން ބެލުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ކޮމިޓީ މެންބަރުން އެދިވަޑައިގެންނެވި ގޮތަށް އެ މައްސަލަ ކޮމެޓީން ބަލާނެ ކަމަށެވެ. އެގޮތުން ފުލުހުންނާއި އެލްޖީއޭއިން އެކަމާބެހޭ މައުލޫމާތު އޮޅުންފިލުވުމަށްފަހު، މެންބަރުނަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެންބަރުން އިއްޔެ ބައްދަލުވުމެއްގައި ތިއްބައި ކައުންސިލުގެ މުވައްޒަފުން ވަނީ އެ ބައްދަލުވުން ކުރިއަށްދިޔަ ކޮޓަރި ބޭރުން ތަޅުލައިފައެވެ.

އެކަމާ ގުޅިގެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޝަހޫ ރިޒާ ފޭސްބުކުގައި ވިދާޅުވީ މާލޭ ސިޓީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަންޗަންގޮޅި ކައުންސިލު އޮފީހުގައި ބައްދަލުވުމެއްގައި ތިއްބައި ބޭރުން ތަޅުލާފައިވާ ކަމަށެވެ. އަދި ވަރަށް ގިނައިރު ވަންދެން ކައުންސިލުގައި މަސައްކަތް ކުރާ މީހުންނަށް ފޯނުން ގުޅަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގުރާމްގައި ރޭ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ދޮރު ތަޅުލެވިފައި ވަނީ ކައުންސިލުގެ މުވައްޒަފުން ބަލަން ޖެހޭ ވަރަށް ނުބެލުމުން ކަމަށެވެ.