ދައުލަތުގެ މާލިއްޔަތާ ބެހޭ ވުޒާރާއި އިން އާންމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގެ މާލީ ތަފާސްހިސާބުތަކުން އެންމެ ބޮޑު އާމްދަނީ އެއް ހޯދި ކުންފުންޏަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ 7،000 ފްލެޓް ވިއްކައިގެން އެ ކުންފުނީގެ ތިންވަނަ ކުއާޓާގެ އާމްދަނީ ވަނީ 6.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. މިއީ އެމުއްދަތުގައި އެހެން އެއްވެސް އެސޯއޯއީ އަކަށް ނުލިބޭވަރުގެ އާމްދަނީއެކެވެ. އެހާ ބޮޑު އާމްދަނީ އެއް ލިބުނު ނަމަވެސް އެ ކުއާޓާގައި އެޗްޑީސީއަށް ވަނީ 175 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.
ނއެ ކުއާޓާގައި އެޗްޑީސީން ކުރި ހަރަދު ކަނޑާލާއިރު އެކުންފުންޏަށް ވަނީ މާލީ ގޮތުން 175 މިިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. އޭގެ ސަބަބެއް ކަމަށް ފިނޭންސުން ބުނީ ހިޔާ މަޝްރޫއަށް އެކުންފުނިން ކުރަންޖެހުނު ހަރަދުތަކާއި ކުންފުނި ހިންގުމަށް އިދާރީ ގޮތުން ކޮށްފައިވާ ހޭދަތައް އިތުރުވުމެވެ.
އެ މުއްދަތުގައި އެޗްޑީސީގެ އިދާރީ ހިންގުމުގެ ހަރަދުތަކުގެ ގޮތުގައި ބޯޑް ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކަށާއި، މުވައްޒަފުން ތަމްރީނުކުރުމަށާއި، ފަންނީ ލަފާ ހޯދުމަށާއި، މުވައްޒަފުންގެ މުސާރައާ ކުންފުނީގެ އެހެނިހެން ހަރަދުތައް ހިމެނޭހެން 117.8 މިލިއަން ރުފިިޔާ ހޭދަކޮށްފައިވެއެވެ. މިއީ އޭގެ ކުރީގެ ކުއާޓާއާ އަޅައި ބަލާއިރު 34 އިންސައްތަ އިތުރު އަދަދެކެވެ.
ހިޔާ މަޝްރޫއު ނިންމަން އެކުންފުނިން ވަނީ އެ މުއްދަތުގައި 95 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި ވެއެވެ. އަދި އެ ކުންފުނިން ނަގާފައިވާ ލޯނުތައް އަދާކުރުމަށްވެސް އެ މުއްދަތުގައި 687 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކުރީގެ ކުއާޓާތަކުގެ އެޗްޑީސީގެ މާލީ ހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި 20 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ލިބިފައެވެ. އަދި އެއަހަރުގެ ފުރަތަމަ ކުއާޓާގައި 7.59 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު 2020 ވަނަ އަހަރުގެ ފަހު ކުއާޓާގައިވެސް 21.9 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފައެވެ.
ފިނޭންސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެޗްޑީސީއަށް އޮތް އެންމެ ބޮޑު މައްސަލައަކީ އެކުންފުނިން ނަގާފައިވާ ބޮޑެތި ލޯނުތަކެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ ލޯނުތަކުން ހަރަދު ކުރަނީ އިންވެސްޓްމަންޓް ޕްރޮޕަޓީތަކާއި ކުންފުނީގެ މުދަލަށް ކަމަށް ވުމާ އެކު، އެ ލޯނުތައް އެއްކޮށް ދައްކައި ނިމުމުން ދަރަނި އަދާ ކުރުމަށް މަގުފަހިކޮށްދޭނެ ވަސީލަތަކަށް ވާނެ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު