އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ތަށި ސެނެގާލުން ފުރަތަމަ ފަހަރަށް އުފުލާލުންވީ އެގައުމުގެ ތާރީހުން ނަން ފަވާލި ކާމިޔާބީއަކަށެވެ. ކެމަރޫންގެ ޔޯންޑާ ސްޓޭޑިއަމްގައި މީގެ ދެ ދުވަސް ކުރިން ކުޅުނު އެފްކޯން ފައިނަލުގައި ސެނެގާލުން ޕެނަލްޓީގައި މިސްރު ބަލިކޮށްފައިވާ އިރު، އެއީ ހިތްދަތި ކަންތައްތަކަކަށް ނިމުން ގެނުވި ފައިނަލެކެވެ. ފެއިލިއާތަކުގެ ކަރުނަ ސެނެގާލުން ފޮހެލީ 60 އަހަރުގެ އިންތިޒާރަކަށް ފަހުގައި ކަމަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާ ސަޑިއޯ މާނޭވެސް ވަނީ ބުނެފައެވެ.
ސެނެގާލްގެ "ހީރޯ" މާނޭ އިތުރަށް ބުނީ އެފްކޯންގެ ތަށްޓަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ހާއްސަ ތަށި ކަމަށާއި، ތަށި ލިބުނު ވަގުތުކޮޅަކީ މުޅި ހަޔާތުގައިވެސް ލިބުނު އެންމެ އުފާވެރި ވަގުތު ކޮޅު ކަމަށެވެ. ކްލަބު ކެރިއަރުގައި ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގުވެސް ލިވަޕޫލާއެކު ހޯދާފައިވާ މާނޭއަށް އެފްކޯން އެހާ ބޮޑަށް ހާއްސަވީ ގައުމަށް ގެނެސްދެވުނު އުފަލަށްޓަކައި ކަން ޔަގީނެވެ. ގައުމީ ރޫހާއި، ގައުމީ ލޯބި ތަށްޓަށް މަގުތަކުން ކީ މަރުހަބާއިން ސާފުވެއެވެ.
ސެނެގާލް ޓީމުން އިއްޔެ ތަށްޓާއެކު އެގައުމަށް ގޮސްފައިވާ އިރު، މަގުތައް ވަނީ ތޮއްޖެހި ފުރި ބާރުވެފައެވެ. ސެނެގާލްގެ ޑާކާ ސިޓީން ރަތް ދޫލައިގެ މަރުހަބާއެއް ޓީމަށް ކިޔާފައިވާ އިރު، އެތައް ހާސް ބަޔަކު ދިޔައީ އުފަލުގައި ބައިވެރިވެ ދިދަތަކާއެކު ނަށަމުންނެވެ. ސެނެގާލްގެ ރައީސް މެކީ ސަލް، އެއާޕޯޓުން ޓީމަށް މަރުހަބާ ވިދާޅުވެފައިވާ އިރު، ރައީސް ވަނީ އިއްޔެއަކީ ގައުމީ ބަންދު ދުވަހެއް ގޮތުގައިވެސް ކަނޑައަޅުއްވައިފައެވެ. އެއީ ތަށްޓާއެކު އުފާފާޅުކުރުމަށެވެ.
"މިއީ ސެނެގާލު މަގުތަކުން ފެނުނު އެންމެ ބޮޑު ޕާޓީ. މިކަހަލަ މަންޒަރެއް އަދި ނުވެސް ދެކެން،" ސެނެގާލުގައި ހުންނަ ބީބީސީގެ ނޫސްވެރިޔާ ސިންގީ ކޯސީ ބުންޏެވެ.
ޓީމު ބަހާއެކު ކުޅުންތެރިން ސަޕޯޓަރުންނަށް ތަށި ދައްކާލައިފައިވާ އިރު، ހަވާގެ ކުޅިވަރުތަކާއެކު ރަސްމީކޮށް އުފާފާޅުކުރުން މާދަމާ ރޭ އޮންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. އެ އުފާފާޅުކުރުންތަކަކީ ސީދާ ސެނެގާލްގެ ރައީސް ސަލް އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ އުފާފާޅުކުރުންތަކެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ސެނެގާލުން ފުރަތަމަ ފަހަރަށް ތަށި އުފުލާލުމަށްފަހު، ޓީމުގެ ކެޕްޓަން ކަލިޑޫ ކުލިބާލީ އެ ތަށި ގޮސް ދިނީ ކޯޗު އަލިއޯ ސީސޭގެ އަތަށެވެ. އެ ވަގުތުކޮޅުގައި ސީސޭ ފެނުނީ އުފަލުން ގޮސް ރޮވިފައި ހުރި މަންޒަރެވެ. .
"މިއީ ޒަމާންވީ މަސައްކަތެއް. އުނދަގޫ މަސައްކަތެއް. ވަރަށް ދަތި ހާލަތްތަކާ އެކުވެސް އުންމީދު ގެއްލުވައެއް ނުލަން. ތަށިން ރަމްޒުކޮށްދެނީ މި ޖީލު މެންޓަލީ ވަރުގަދަކަން. ޓީމު އޮތީ ވަރަށް އުފަލުން. މޮޅު ހަދިޔާ ކުރާނީ ސެނެގާލުގެ ހުރިހާ ރައްޔިތުންނަށް. އެއީ ގައުމުގެ މިނިވަން ކަމާއެކު މިހާތަނަށް މިވީ 60 ހަކަށް އަހަރުގައި މަސައްކަތް ކުރަމުން އައި ތަށި ލިބުނީމަ. މިހާރު ސެނެގާލްގެ ބެޖު ކައިރީ ތަރިއެއް ހުންނާނެ،" މެޗަށްފަހު ސީސޭ ބުންޏެވެ.
ކުރިން ސެނެގާލްގެ ކެޕްޓަންކަން ކުރި ސީސޭއަކީ އެގައުމުގެ ފުޓުބޯޅަ ލެޖެންޑެއް ނަމަވެސް ސަޕޯޓަރުންނަށް ފުރިހަމަ ނުކޮށްދެވި އޮތް ވައުދެއް އޮތެވެ. އެއީ އެފްކޯންއެއް އަނބުރާ ހޯދުމުގެ ވައުދެވެ. މިހާރު އުމުރުން 45 އަހަރުގެ ސީސޭއަކީ 2002 ވަނަ އަހަރު އެފްކޯން ފައިނަލަށް ދިޔަ ސެނެގާލް ޓީމުގެ ކެޕްޓަނެވެ. އެ ފަހަރު ފައިނަލުގައި ކެމަރޫން ކައިރީ ސެނެގާލް ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި އެންމެ މުހިއްމު ޕެނަލްޓީ ނާކާމިޔާބުވީ ސީސޭ އަތުންނެވެ.
އެ ނާކާމިޔާބީގައި މާޔޫސްވި ސީސޭ 2015 ވަނަ އަހަރު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ، ފުޓުބޯޅައިގެ މަންޒަރު ބަދަލު ކުރުމަށް ތަފާތު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެ ނަތީޖާ ފޮނިވެސް މެއެވެ. މިދިޔަ ތިން އަހަރުވެސް ފީފާ ރޭންކިންގައި އެފްރިކާ ބައްރުގެ އެއްވަނައަކީ ސެނެގާލެވެ. 2019 ވަނަ އަހަރު އެފްކޯން ފައިނަލަށް އެޓީމު ގޮސް، ފައިނަލުގައި ބަލިވި ނަމަވެސް ސީސޭއާއެކު ގައުމީ ޓީމަށް އުންމީދު އޮތެވެ. ސަޕޯޓަރުންގެ އެ އިތުބާރަށް ސީސޭ ހަދިޔާކުރީ ތަށްޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު