ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ "އޯޝަން 6/50" ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އޯޝަން 6/50 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިން އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިން އިވެންޓެކެވެ. ޔުނިކްސް ސްޕޯޓިން އާއި މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން ބާއްވާ މި ހަރަކާތުގެ ނަމަކީ "އެކްސްޓްރީމް ޑައިވިން" އެވެ.

މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަގައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ޑައިވިން ކޮމިއުނިޓީ އާއި މެރިން ރިސާޗަރުންނާއި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.

މި މަހުގެ 25 އިން 27 އަށް ކުރިއަށްގެންދާ މި ހަރަކާތަކީ 50 ގަޑިއިރަށް ދެމިގެންދާ ޑައިވް ހަރަކާތެކެވެ. އަދި މިއީ ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގައި ވެސް ހިންގާ މިފަދަ ފުރަތަމަ ހަރަކާތެވެ.