ކޮވިޑުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް ރާއްޖެއިން ބޭރަށް ދިއުމަށް ދަތިވެ ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔަވަން އެދޭ ދަރިވަރުންނަށް ސްޓޫޑަންޓު ލޯން ދޫކުރަން ނިންމައިފި އެވެ.
މަތީ ތައުލީމުގެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިހާރު ރާއްޖޭގެ ކޮލެޖުތަކުގައިވެސް މާސްޓާސް ޑިގްރީއަށް ކިޔެވޭނެ ފެންވަރު އެބަހުރި ކަމަށެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިދިޔަ އަހަރު ލޯނު ސްކީމް ދޫކުރި އިރު މާސްޓާސް އަށް ކިޔަވާ ދަރިވަރުންނަށް ލޯނު ދޫކޮށްފައި ނުވި ނަމަވެސް މިއަހަރު ލޯނު ދޫކުރަން ނިންމާފައިވަނީ އެކަމަށް ގިނަ ދަރިވަރުންތަކެއް އެދުމުން ކަމަށެވެ.
"މިދިޔަ އަހަރު ލޯނު ސްކީމަށް ހުޅުވާލި އިރު އަޅުގަނޑުމެން މާސްޓާސް ކިޔަވާ ދަރިވަރުންނަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެއް ނުވާނެ. އެހެން ނަމަވެސް މިއަދު ހުޅުވާލެވޭ ލޯން ސްކީމުގެ ފުރުސަތުގަ ރާއްޖޭގެ މާސްޓާސް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނަށް އެދުމުގެ ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑުމެން މި ފުރުސަތު ފަހި ކުރީ ރާއްޖޭގެ ކޮލެޖުތަކުންވެސް މިހާރު މާސްޓާސް ޑިގްރީ އޮފާ ކުރާތީ." އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން ފެންވަރު 10ގެ ނިޔަލަށް ކިޔެވުމަށާއި ލައިސަންސް ހޯދުމަށް ވެސް ލޯނު ލިބޭނެ ކަމަށެވެ. އަދި ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ފުދުންތެރިކަން ނެތް ދަރިވަރުންނަށްވެސް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވަލާފައިވާކަން ވަނީ މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ފުރުސަތު ހުޅުވާލުމާއެކު ވަރަށް ގިނަ ދަރިވަރުން ރާއްޖޭގައި ތިބެގެން މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެ އޭގެ ބޭނުން ހިފާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި އެވެ.
މިފަހަރު ލޯނު ސްކީމުގެ ދަށުން މުޅިން އަލަށް ކިޔަވާ ދަރިވަރުންނަށް 417 ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި މިހާރުވެސް އެ ސްކީމުގެ ދަށުން ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު