މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމުލަ ފައިދާ 214 އިންސައްތަ އިތުރުވެ، ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ކުންފުނިތަކާ ކުރިމަތިވި މާލީ ގެއްލުމަށްފަހު މިދިޔަ އަހަރު ގިނަ ކުންފުނިތަކަށް ފައިދާ ވާން ފަށައިފައިވާ އިރު، މި އަދަދަކީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 864 މިިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި އެސްއޯއީތަކަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 400 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެސްއޯއީތަކުގެ ޖުމުލަ އާމްދަނީގެ ގޮތުގައި 14.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅައިބަލާއިރު 202 ޕަސެންޓް އިތުރުވުމެކެވެ.

އެ ކުއާޓާގައި ވަކިވަކި އެސްއޯއީތަކަށް ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށެވެ. ދެން އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ދިރާގަށެވެ.

ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް 1.4 ބިލިއަން ރެކޯޑު ކުރެވިފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި 737 މިލިއަން ރުފިޔާ ލިބުނެވެ. އެމްއޭސީއެލްގެ އާމްދަނީ 970 މިލިއަނަށް އެރި އިރު، ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދު 255 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ދިރާގުގެ އާމްދަނީއަށް 610 މިލިއަން ލިބިފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 191 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯގެ ތިންވަނަ ކުއާޓާގެ އާމްދަނީ 2.5 ބިލިއަނަށް އަރާ އިރު، ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބުނު އަދަދު 128 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެޗްޑީސީއަށެވެ. އާމްދަނީގެ ގޮތުގައި އެޗްޑީސީއަށް 6.9 ބިލިއަން ރުފިޔާ ލިބުނު އިރު، އެ ކުންފުނީގެ އާމްދަނީ އެހާ ބޮޑަށް އިތުރުވީ ތިންވަނަ ކުއާޓަގައި އެކުންފުނިން 7000 ފްލެޓު ވިއްކުމުން ކަމަށް ފިނޭންސް އިން ބުނެއެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި ގިނަ އެސްއޯއީތަކަށް ފައިދާވި ނަމަވެސް، ބައެއް އެސްއޯއީތަކުގެ އާމްދަނީ ގޯހެވެ. އަދި 2020 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ބައެއް އެސްއޯއީތަކަށް ބޮޑުތަނުން ވަނީ މާލީގޮތުން ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެސްއޯއީތަކަށް ލިބުނު ގެއްލުން 74 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި މާލީ ގޮތުން އެންމެ ބޮޑު ގެއްލުން ލިބުނު ބައެއް އެސްއޯއީތަކަކީ ރީޖަނަލް އެއާޕޯޓްސް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.