ދައުލަތަށް ލިބެންޖެހޭ އެތައް ފައިސާއެއް އެބަހުރި ކަމަށާއި، އެ ހުރިހާ ފައިސާއެއް ހުރީ ދައުލަތަށް ނުލިބި ޖުޑިޝަރީ ތެރެއިން ހުއްޓިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ފަނޑިޔާރުންނަށް ވިހެއުމުގެ ޗުއްޓީ ދޭން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަށް ހުށަހަޅާފައިވާ ބިލުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ކޯޓުތަކުން މައްސަލަތައް ނިމުން ލަސްކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ، މީހުންގެ ހައްގުތައް ބޮލު އަޅައިގެން އެތައް ޒަމާނެއްވަންދެން މަސަތައް ނުނިންމައި ތިބުމަކީ ހައްގު ބައެއްގެ ހައްގު ބޮލުގައި އަޅައިގެން ތިބުން ކަމަށެވެ.
އިންސާފު ހޯދައިދޭ ވާހަކަ އެމްޑީޕީން ދައްކާއިރު ޖޭއެސްސީ ބަދަލު ނުވަނީ ކީއްވެތޯވެސް ޖާބިރު ސުވާލު ކުރެއްވިއެވެ.
"އެތަނުގައި ހުރި ރައީސްގެ ލޯޔަރުގެ ދަށުގައި މައްސަލަ ނިމެނީ، ސިޔާސީ ނުކުރާނަމޭ ބުނިތަން އޮތީ ސިޔާސީވެފައި، ހުށަހަޅަފއިވާ މައްސަލަތައް ގިނަ ކަމާއި ފަނޑިޔާރުން މަދު ކަމާއި ފަނޑިޔާރުން ޗުއްޓީގައި ތިބުން،" ޖާބިރު ފާހަގަ ކުރެއްވިއެވެ.
ޖާބިރު ވިދާޅުވީ، ދައްކަވީ ފަނޑިޔާރުންނަށް އިތުރަށް ޗުއްޓީދޭ ވާހަކަނޫން ކަމަށެވެ. ކޯޓުތަކުގައި މައްސަލަތައް ޝެޑިއުލްކޮށް ޕްރޮސެސް ކުރިއަށްދާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މައްސަލަ ހުށަހެޅި މީހާ ނިޔާވެއްޖެ، ކުރިން މައްސަލަ ބެލި ފަނޑިޔާރު ނިޔާވެއްޖެ، ވަކީލު މަރުވެއްޖެ، ޑޮކިއުމެންޓް ގެއްލިއްޖެ، ޖޭއެސްސީ އޮތީ ކޮންތާކުތޯ ބަލާއިރު އޮތީވަރަށް ތައްޔާރަށް، ފަނޑިޔާރުންނަށް ލުއިދޭ ވާހަކަ ދައްކާއިރު، ކާރު ދެވިއްޖެ، އިއްޒަތް ދެވިއްޖެ، ގަދަރު ދެވިއްޖެ ކޮންމެ ފަނޑިޔާރެއްގެ ފަހަތަށް ސިފައިންގެ މީހަކު ލެވިއްޖެ، ކޮބައިތޯ ކުރެވުނު ކަމަކީ ފަނޑިޔާރު ގޭގައި ހުރި މައްސަލަތައް ނުހިނގާ،"
ޖާބިރު ވިދާޅުވީ އޭނާގެ ޔޮޓްޓުއާސް އިން ހުށަހަޅާފައިވާ އިންޝުއަރެންސް މައްސަލައަށް މިހާރު 10 އަހަރެއްހާދުވަސް ދުވަސް ވެއްޖެ ކަމަށާއި، އެ މައްސަލަ ނުނިމިގެން އުޅެނީ ޖޭއެސްސީގައި އޭނާ ނީންނާތީ ކަމަށެެވެ.
"މި މަޖިލީހުން އަޅުގަނޑު ބައިންދަ ބަލަ އެތާ، ވަރަށް އަވަހަށް ނިމޭނެ، ގާސިމް އިންނެވިހެން އަޅުގަނޑު އިންނަމަ، ގާސިމްގެ ހުރިހާ މައްސަލައެއް ނިމިއްޖެ ނޫންތޯ، އެއީ އޭނާ ޖޭއެސްސީގައި އިނީމަ،"
ޖާބިރު ވިދާޅުވީ މައްސަލަތައް ލަސް ވުމަކީ، "އަދުލު އިންސާފު ބައިގެންދިއުން، އޭގެ މާނައަކީ އެބޯޓުވުން،" ކަމަށެވެ.
ދިވެހި ރައްޔިތުން މަޖިލިސް ރައީސްގެ ކިބައިން އެދެނީ އަަދުލު އިންސާފު ގާއިމްކޮށްދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ކޯޓުތަކުގައި މައްސަލަތައް ލަސްވަމުންދާތީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންނާއި، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ޖާބިރު ގޮވައިލެއްވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައި މިވާ ކާރިސާތަކުން އަރައިގަތުމަށް ނިކަންގިނަ ފައިސާ ބޭނުންވާ ކަމަށެވެ. އެ ފައިސާ ހުރީ ޖުޑިޝަރީ ތެރެއިން ހުއްޓިފައި ކަމަށާއި، އެއީ ވެގެންވާނެ ގޮތެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު