މުހައްމަދު ސަލާހުގެ މިސްރު ބަލިކޮށް، ސެނެގާލުން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ކާމިޔާބުކޮށްފިއެވެ.
ކެމަރޫންގެ ޔޯންޑާގައި މިރޭ ކުޅުނު ފައިނަލް ސެނެގާލުން ކާމިޔާބުކުރީ ޕެނަލްޓީގައި މިސްރު ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތާއި، އިތުރު ވަގުތު 0-0 އިން އެއްވަރު ވެގެން ނިމުނު އިރު، މިސްރު ޕެނަލްޓީގައި ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.
އެފްކޯންގެ ފައިނަލަށް މިރޭ ސެނެގާލާއި މިސްރު ނުކުތް އިރު، އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައި އޮތީ ދެގައުމުގެ ދެ ތަރިންނަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅެ، ކްލަބާއެކު ކާމިޔާބީތައްވެސް ހޯދާފައިވާ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ އިތުރުން ސެނެގާލްގެ ތަރި ސަޑިއޯ މާނޭއަށެވެ.
މިރޭގެ ފައިނަލަށް ސަލާހު ނުކުތީ ގައުމީ ޓީމުން އެފްކޯންގައި ދަމަހައްޓާފައިވާ ރެކޯޑަށް ބޮޅެއް އިތުރު ކުރުމަށެވެ. އުތުރު އެފްރިކާގެ މިސްރަކީ މިހާތަނަށް އެފްކޯން މުބާރާތް ރެކޯޑު ހަތް ފަހަރަކަށް ކާމިޔާބު ކޮށްފައިވާ ޓީމެވެ. އަނެއްކޮޅުން މާނޭ ނުކުތީ ފުރަތަމަ ފަހަރަށް ސެނެގާލް އަށް އެފްކޯން ކާމިޔާބު ކޮށްދިނުމަށެވެ. ސެނެގާލަށް 2002 ވަނަ އަހަރާއި 2019 ވަނަ އަހަރު އެފްކޯންގެ ފައިނަލުން ބަލިވުމުގެ ހިތި ރަހަ ލިބިފައިވާ އިރު، މިސްރުން ނުކުތީ 2010 އަށްފަހު ފުރަތަމަ ތަށްޓަށެވެ.
ކުލަގަދަ، ފޯރިގަދަ ފުރިހަމަ ރަސްމިއްޔާތަކާއެކު ފެށި ފައިނަލް މެޗު ފެނުނީ ޕްރެޝަރު މެޗެއްގެ ގޮތުގައެވެ. ސެނެގާލުން ވަރުގަދަކޮށް ފައިނަލް ފެށި އިރު، އެޓީމަށް ވަނީ ފުރަތަމަ ފަސް މިނެޓު ތެރޭގައި ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން މިސްރުގެ ޑިފެންޑަރު ސެނެގާލްގެ ޑިފެންޑަރު ސަލިއޯ ސިސްއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ މާނޭ ބާރަށް ފޮނުވާލި ނަމަވެސް، މިސްރުގެ ގޯލްކީޕަރު މުހައްމަދު އަބޫގަބާލް ވަނީ މަތަކޮށްފައެވެ.
މިސްރުން މުބާރާތް ފެށީ އަލް އަހްލީގެ ގޯލްކީޕަރު އަލް ޝެނާވީއާއެކު ނަމަވެސް ޝެނާވީއަށް އަނިޔާވެ ކުއާޓާ ފައިނަލުން ފެށިގެން ދެން ގޯލަށް ކުޅުނީ އަބޫގަބާލްއެވެ. މިސްރު ފައިނަލަށް ގެންގޮސް ދިނުމުގައި އަބޫގަބާލްގެ ދައުރު ބޮޑެވެ.
ސެނެގާލުން މެޗު ޑޮމިނޭޓުކޮށް ގިނަ ވަގުތު ކުޅުނު އިރު، އަރިމަތިން ބޯނާ ސާ ނެގި ދެ ބޯޅައަކުންވެސް މާނޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރު ވިއެވެ. މިސްރުން ފަހަތަށް ވަރަށް ބޮޑަށް ސަމާލުކަން ދިން އިރު، ހާފު ނިމުމުގެ ކުރިން ސަލާހުގެ ބާރު ހަމަލާއެއްގައި ސެނެގާލް ގޯލްކީޕަރު އެޑުއާޑް މެންޑީ ޓެސްކޮށްލިވެސް މެއެވެ. އަރިމަތިން އަރައި ސަލާހް ޖެހި ބޯޅަ މެންޑީ މަތަކުރީ މަތީ ކަނަށް ދަނިކޮށެވެ.
މިސްރުން މިރޭގެ މެޗަށް ނުކުތް އިރު، ކޯޗު ކާލޯސް ގުއިރޭޒް ހުރީ ސަސްޕެންޝަނުގައެވެ. އެއީ އެންމެފަހުން ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގައި ގުއިރޯޒްއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. އެސިސްޓެންޓް ކޯޗު ވައިލް ގޮމާއަށްވެސް ކެމަރޫން މެޗުގައި މުބާރާތުގެ ދެވަނަ ރީނދޫ ކާޑެއް ދެއްކައިފައިވުމުން ފައިނަލުގައި އޭނާއަށްވެސް ބެންޗުގައި ނީނދެވުނެވެ. ގުއިރޯޒް ބެންޗު ފުރަގަހުގައި އިނދެ ފޯނުން އިރުޝާދުތައް ކިޔައިދެމުން ދިޔައީ މިސްރުގެ ދެވަނަ އެސިސްޓެންޓް ކޯޗަށެވެ.
ދެވަނަ ހާފު ފެށިގެންވެސް ޑޮމިނޭޓްކޮށް ކުޅުނީ ސެނެގާލުންނެވެ. ސެނެގާލުން ގިނަ ބޯޅަތަކެއް މިސްރު އޭރިއާ ތެރެއަށް ނުރައްކާކޮށް ހުރަސް ކުރި އިރު، މާނޭއަށް ވަނީ ހާފުގެ ކުރީ ކޮޅުގައިވެސް ދެ ހަމަލާއެއް ލިބި ބޭކާރު ވެފައެވެ. ފަހު ހާފު ހަމަލާތައް މަދުކޮށް ފެނުނު އިރު، ހާފުގެ ފަހު ކޮޅުގައި ބޮޑަށް ފެނުނީ ވަރުބަލި ކަމެވެ. ދެޓީމުންވެސް ކެތްތެރިކަމާއެކު ފުރުސަތަކަށް ބަލަމުން ދިޔަ އިރު، ފަހު ހާފުގައިވެސް މިސްރު ގޯލްކީޕަރު ވަނީ ދެ ހުރަހަކަށް ރަނގަޅަށް އަރައި ދިފާއު ކޮށްފައެވެ.
މެޗު އިތުރު ވަގުތަށް ދިޔަ އިރު، ސެނެގާލްގެ ކޯޗު އަލިއޯ ސީސޭ ފެނުނީ ތަފާތު ރޫހެއްގައި ހުރި ތަނެވެ. ކުރިން ސެނެގާލް ގައުމީ ޓީމަށް ކުޅުނު އަލިއޯ ސީސޭއަށް މިރޭގެ ފައިނަލް ވަރަށް ބޮޑަށް މުހިއްމު ވެފައި އޮތް އިރު، ފައިނަލަށް މުހިއްމު ވީ އޭނާއަށް ކުޅުންތެރިއެއްގެ ގޮތުގައި އެފްކޯންގައި ދިމާވި ބަދަ ނަސީބުތަކުން އަރައިގަތުމަށެވެ. ސެނެގާލުން 2002 ވަނަ އަހަރު އެފްކޯންގެ ފައިނަލަށް ގޮސް، ކެމަރޫން އަތުން ޕެނެލްޓީ ޖަހައިގެން ބަލިވި އިރު، މެޗުގެ އެންމެ މުހިއްމު ޕެނަލްޓީ ނާކާމިޔާބު ކޮށްލީ މިހާރުގެ ކޯޗު ސީސޭއެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައިވެސް ސެނެގާލުން މޮޅަށް ކުޅުނު އިރު، މިސްރުގެ ހީރޯއަކީ ގޯލްކީޕަރު އަބޫގަބާލްއެވެ. އޭނާ ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޑެމްބާ ޑިއޭންގެ ޖެހި ބާރު ހަމަލާއެއްގެ އިތުރުން، ޑިއޭންގެ ބޮލުން ފޮނުވާލި ހަމަލާވެސް މަތަކޮށް ބޭރު ކޮށްލައިފައެވެ.
މެޗު ޕެނަލްޓީއަށް ގޮސް ދާދި ހަމަހަމަކޮށް ފެނުނު އިރު، ޕެނަލްޓީގައިވެސް އަބޫގަބާލް ވަނީ މުހިއްމު ސޭވްއެއް ކޮށްފައެވެ. އެހެން ނަމަވެސް ޗެލްސީ ގޯލްކީޕަރު އެޑުއާޑް މެންޑީގެ މުހިއްމު ސޭވްއާއެކު ސެނެގާލުން ފުރަތަމަ ފަހަރަށް އެފްކޯން ކާމިޔާބު ކުރިއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން