މުއްސަނދިކަމުގެ ސިފަތައް އެންމެ ބޮޑަށް ފާޅުކުރާ އެއްބަޔަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މީހުންނެވެ. އެކަމަކު ދުނިޔޭގެ އެންމެ އުހުގައިވާ އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިންގެ ތެރެއިން މުއްސަނދިކަން ފާޅުނުކޮށް ހަމަބިމުގައި ވަރަށް ސާދާ ދިރިއުޅުމެއް އުޅެން މަސައްކަތްކުރާ ކުޅުންތެރިންވެސް ފެނެއެވެ. އެފަދަ އެއް ކުޅުންތެރިޔަކީ އިނގިރޭސިވިލާތުގެ ލިވަރޕޫލަށް ކުޅޭ ސެނެގޯލްގެ އުމުރުން 29 އަހަރުވީ ފޯވާޑް ސާޑިއޯ މަނޭއެވެ. ދުނިޔޭގެ އެންމެ ހިތްތިރި އެންމެ ސާދާ އަދި އެންމެ ދީލަތި މިލިއަނަރ ކުޅުންތެރިޔަކީ ކޮބައިތޯ ސުވާލު ކުރެވިއްޖެނަމަ ވަރަށް ގިނަ ބައެއްގެ ޖަވާބަކަށްވާނީ އެއީ ސާޑިއޯ މަނޭ ކަމުގައެވެ.
ދަނޑުމަތީގައި ސާޑިއޯ މަނޭގެ ރިވެތި އަޚުލާގު އެންމެންނަށްވެސް ފެނެއެވެ. ބޮޑާކަމެއް ކިބުރުވެރިކަމެއް ނުހުރެއެވެ. ކުޅުންތެރިންނާއި ޒުވާބުކޮށް ޝަކުވާކުރުމުގެ ސިފައެއް ނުފެންނާނެއެވެ. ގަޑިއަށް ޕްރެކްޓިހަށް ހާޒިރުނުވެ ބޮޑާހޭކުމެއް ނުފެންނާނެއެވެ. ފުރަތަމަ އެގާރައިގައި ނުހިމެނިޔަސް އަދި ހިމަނާފައި ވަކި ހިސާބަކުން ދަނޑުން ބޭލިޔަސް ތުންފިއްތައި ނުރުހުން ފާޅުކުރުމުގެ އެއްވެސް ހަރަކާތެއް ނުފެންނާނެއެވެ. ދަނޑަށް އަރާނީވެސް އަދި ފައިބާނީވެސް ހެވިފައި ހުރެގެންނެވެ. ދަނޑުން ބޭރުގައިވެސް ސާޑިއޯ މަނޭގެ އަޚުލާގަކީ ދެވަނައެއް ނެތް ފަދަ ނަމޫނާއެކެވެ. ޕާޓީކުރުމެއް ނޯވެއެވެ. އަގުބޮޑު ގޭގޭގައި ދިރިއުޅުމެއް ނޯވެއެވެ. އަގުބޮޑެތި ކާރާއި މުދާ އެއްކުރުމެއް ނޯވެއެވެ. ކަންދެއްކުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ.
މަނޭއަކީ ފަސްވަގުތު ނަމާދުކުރާ މުސްލިމެކެވެ. އޭނާގެ އާމްދަނީގެ ބޮޑުބައެއް ހޭދަކުރަނީ ޚައިރާތަށެވެ. އެރަށެއްގައި މަނޭ އުފަންވެ ބޮޑުވި ރަށަކީ ސެނެގޯލްގެ ބަންބަލީއޭ ކިޔުނު ވަރަށް ފަގީރު އަވަށެކެވެ. މަނޭ ވަނީ އެ އަވަށުގައި އޭނާގެ އަމިއްލަ ޚަރަދުގައި ވަރަށް ބޮޑު ހަސްފަތާލެއް ގާއިމުކޮށްދީފައެވެ. ބުންޏެވެ. އަހަރެންގެ އުމުރުން އެންމެ ދިހަ އަހަރުގައި އަހަރެން ޔަތީމުވީ ސިއްހީ ފަރުވާ ދޭނޭތަނެއް މިއަވަށުގައި ނެތި ބައްޕަ މަރުވެގެންނެވެ. އެ ތަޖުރިބާ މިއަވަށުގެ އެހެން ބަޔަކު ކުރާކަށް އަހަރެން ނޭދެމެވެ. މަނޭގެ އަމިއްލަ ޚަރަދުގައި އެއަވަށުގައި އެންމެ ޒަމާނީ ސްކޫލެއްވެސް ވަނީ ގާއިމުކޮށްފައެވެ. ބުންޏެވެ. އާއިލާގައި ތަނަވަސްކަން ނެތީމާ އަހަރެންނަކަށް ނުކިޔެވުނެވެ. މިއަވަށުގެ ކުދިން ދެން އެ ތަޖުރިބާކުރާކަށް އަހަރެން ނޭދެމެވެ.
ބަންބަލީ އަވަށުގެ ކޮންމެ އާއިލާޔަކަށް މަނޭ ދަނީ މަހަކު ސަތޭކަ ޑޮލަރުގެ ޕޮކެޓްމަނީ ފޮނުވަމުންނެވެ. އެއީ ސެނެގޯލްގެ ރަށްފުށުގެ ހިސާބުތަކުގައި ވަރަށްވެސް ބޮޑު އަދަދެކެވެ. އާދައިގެ އާއިލާއެއްގެ ހުރިހާ ބޭނުންތައް އެމަހެއްގައި ފުއްދައި އިތުރުވެސްވާނޭ އަދަދެކެވެ. މަނޭ ބުންޏެވެ. އަހަރެން ބޮޑުވީ ހައިހޫނުކަން ބަރުދާސްތު ކުރަމުންނެވެ. ބައު އަންނައުނު ލައިގެންނެވެ. ބޫޓެއް ފައިވާނެއް ނެތިއެވެ. އެފަދަ ނިކަމެތިކަން ބަންބަލީގެ މިއަދުގެ ކުޑަކުދިން ތަހައްމަލްކުރާކަށް އަހަރެން ނޭދެމެވެ. ބޭނުންވަނީ ފުދިގެން އަބުރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކު ދިރިއުޅޭ އަވަށަކަށް މި އަވަށް ހެދުމެވެ. އިރާދަކުރެއްވިއްޔާ އެކަން ހަގީގަތަކަށް ވާނެއެވެ.
ލިބޭ ޗުއްޓީތަކުގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން މިސްރާބު ޖަހަނީ ލޯބިވެރިންނާއެކު ފަތުރުވެރިކަމުގެ އަގުބޮޑު މަގްބޫލު މަންޒިލްތަކަށެވެ. އެއާ ޚިލާފަށް ސާޑިއޯ މަނޭ ދަނީ އޭނާގެ އަމިއްލަ ގައުމަށެވެ. ޗުއްޓީ ހޭދަކުރަނީ އޭނާ އުޅެބޮޑުވި ސަރަހައްދުގައި އިޖުތިމާއީ ކަންކަން ކުރުމުގައެވެ. ބައެއްފަހަރު މިސްކިތްތައް ސާފުކޮށް އާބާތުރަފިލުވުން ފަދަ ކަންކަމުގައެވެ. އެ މަސައްކަތްކުރާއިރު ފޮޓޯނަގައި މީސްމީޑިއާއަށްލައި އިޝްތިހާރުކުރުން ފަދަ ކަންކަން ނުކުރުމަށް މަނޭ އޮންނަނީ އޭނާޔާ އެކުގައި އުޅޭ މީހުންނަށް އަންގައި އަމުރުކޮށްފައެވެ. ކަންކަމުގައި އިޝްތިހާރުވެ ނަންވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
މަނޭ ގަބޫލުކުރާގޮތުގައި އިންސާނާގެ ހަލާކަކީ އިސްރާފު ކުރުމެވެ. ބޭނުންވާވަރަށްވުރެ ގިނައިން މުދައު ހޯދައި އެއްކުރުމަކީ އިސްރާފު ކުރުމެވެ. އެއީ ބާޒާރަށް އަލަށް ނެރޭ މޯބައިލް ފޯނުތައް ގަތުން ކަމަށްވިޔަސް އަދި އަގުބޮޑު އެކި ބްރޭންޑްތަކުގެ ކާރު ގަތުމާއި ދަތުރުފަތުރު ކުރުމަށް އަމިއްލަ ޔޮޓާއި ޖެޓު ގެންގުޅުން ކަމަށްވިޔަސް މަނޭ ގަބޫލުކުރަނީ އެއީ އިސްރާފު ކަމުގައެވެ. އޭނާ މިވަގުތުވެސް ގެންގުޅެނީ ވެއްޓި ސްކްރީނުގައި ރެނދުލާފައިވާ ބައު މޯބައިލް ފޯނެކެވެ. ދިހަބާރަ ފެރާރީ ގެންގުޅެނީ ކިބުރުވެރިކަން ދެއްކުން ފިޔަވައި ދެން އެހެން ކޮންކަމަކުތޯ އޭނާވަނީ ދާދިފަހުން ދިން އިންޓަރވިޔުއެއްގައި ސުވާލުވެސް ކޮށްފައެވެ.
ސާޑިއޯ މަނޭ މެޗަކަށް ނުކުންނައިރު ކޮންމެވެސް އެއްޗެއް ކިޔައިފައި މޫނުފިރުމާ މަންޒަރު ވަރަށް ގިނަ ބަޔަކަށް ފެންނާނެއެވެ. އެއީ މެޗަށް ނުކުންނަމުން އޭނާ ކުރާ ދުއާއެކެވެ. އޭނާގެ ސިއްހަތު ދަމަހައްޓަވައި ނަސީބު މިންވަރު ކުރައްވައި އޭނާއަށް ބަރޯސާކުރާ މީހުންގެ ދުޅަހެޔޮކަން ދެމެހެއްޓެވުމަށް އެދި ކުރާ ދުއާޔަކީއެވެ. މި އާދަ ފްރާންސްގެ މެޒްއަށް ކުޅުނުއިރުވެސް އަދި އޭގެފަހުން އޮސްޓްރިޔާގެ ސޯލްޒްބާގާއި އިންގްލެންޑުގެ ސައުތުހަމްޕްޓަނަށް ކުޅުނުއިރުވެސް ވަނީ ފެނިފައެވެ. މިހާރު ލިވަޕޫލްގައިވެސް އެ އާދަ އޭނާ ދަނީ ދަމަހައްޓަމުންނެވެ. މިކަންކަން މިހެން ހުރީމާ ސެނެގޯލްގެ ރައްޔިތުން ސާޑިއޯ މަނޭ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އޭނާއަށްޓަކައި ފުރާނަދޭންވެސް އެމީހުން ތައްޔާރެވެ.
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް
ޕްރޮފައިލް ރިޕޯޓް