އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމަށް މިއަދު 70 އަހަރު ފުރިއްޖެއެވެ. އިނގިރޭސި ތަޚުތަށް އެކަމަނާ އިސްވީ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.

އުމުރުފުޅުން މިހާރު 95 އަހަރުވެފައިވާ އެލިޒަބަތުގެ ރަނިކަން ފެށުނީ އެކަމަނާގެ އުމުރުފުޅުން 25 އަހަރުގައެވެ. މިވަގުތު ދުނިޔޭގެ ގައުމެއްގައި ރަސްކަމެއް ނުވަތަ ރަނިކަމެއް ކުރައްވާތާ އެންމެ ގިނަދުވަސްވީ ބޭފުޅަކީވެސް އެލިޒަބަތެވެ.

މުޅި ދުނިޔޭގެ ތާރީޚުގައިވެސް އެލިޒަބަތަށް ވުރެ ގިނަ ދުވަސް ތަޚުތުގައި ހޭދަކުރައްވާފައިވަނީ އެންމެ ދެ ރަސްކަލުންނެވެ. އެއީ ތަޚުތުގައި 72 އަހަރު ހޭދަކުރެއްވި ފަރަންސޭސި ރަސްގެފާނު ލުއިސް އާއި ތަޚުތުގައި 71 އަހަރު ހޭދަކުރެއްވި ތައިލެންޑުގެ ރަސްގެފާނު ބުމިބޯލެވެ. މިއަހަރުގެ ޖޫން 22 ވަނަ ދުވަހާ ހަމަޔަށް އެލިޒަބަތު ދުނިޔޭގައި ހުންނަވައިފިނަމަ އެކަމަނާއަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި އެންމެ ގިނަ ދުވަސް ތަޚުތުގައި ހޭދަކުރެއްވި ބޭފުޅާއަށް ވާނެއެވެ.

ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން އެހާ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރައްވާކަށް އެކަމަނާ ބޭނުންފުޅެއް ނުވެއެވެ. ސަބަބަކީ އެ ތާރީޚަކީ ބައްޕާފުޅު އަވަހާރަވީ ތާރީޚުކަމަށްވެފައި ހިތާމަޔާއި ހިތްދަތިކަން އެކުލެވޭ ދުވަހަކަށްވާތީއެވެ. އެލިޒަބަތަކީ ކިންގް ޖޯޖްގެ ދެ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދޮށްޓަށް ހުންނެވި ބޭފުޅާއެވެ. އަނެއް ބޭފުޅަކީ ޕްރިންސެސް މާގްރެޓެވެ. އެކަމަނާ ވަނީ މީގެ އަހަރުތަކެއް ކުރިން އަވަހާރަވެފައެވެ. މިމަހު 9 ވަނަ ދުވަހަކީ ރާނީގެ ހަމައެކަނި ކޮއްކޯފުޅު އަވަހާރަވިތާ 20 އަހަރު ފުރޭ ދުވަހެވެ.

ޝާހީ އާއިލާޔާއި ގާތް ބޭފުޅުންގެ ތެރެއިން މީގެ 70 އަހަރު ކުރިން އެލިޒަބަތުގެ ރަނިކަން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ އެކަން އަމިއްލަ ލޮލުން ދެކިފައިވާ ބައެއް ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަތިއްބެވިއެވެ. އެފަދަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެލިޒަބަތުގެ ހުރިހާވެސް ކާމިޔާބެއްގެ އަސްލަކީ ބައްޕާފުޅު ކިންގް ޖޯޖްގެ ތަރުބިއްޔަތާއި ފިލާވަޅުތަކެވެ. ޚާއްސަކޮށް އަމިއްލަ ކަންކަމާއި އާއިލާޔަށްވުރެ ރަސްކަމާއި ދައުލަތް އިސްކުރުމުގެ ސިފައެވެ.