ކްރިމިނަލް ކޯޓް

މަސްތުވާތަކެތި ވިއްކައިގެން ފިރިމީހާ ހޯދި ފައިސާ، އަނބިމީހާ ބޭނުންކުރި ކަމަށްބުނެ ކުރާ ދައުވާގެ އަޑުއެހުމެއް ބާއްވައިފި

ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތުކުރާ، ފައިސާ ބޭނުންކުރި ކަމަށް ބުނެ އޭނާގެ އަނބިމީހާ، ގދ. ތިނަދޫ ލަކީލާސްޓް ރާމިޒާ އަލީގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑާ ކުރުމުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ބާއްވައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ މި މައްސަލައާބެހޭގޮތުން ދެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާބެހޭގޮތުން، ޝަރީއަތުގެ ކުރީގައި ދައްކަން ޖެހޭ ވާހަކަތައް ދެއްކުމެވެ.

މި މައްސަލައިގައި ރާމިޒާއާ ދެކޮޅަށް ދައުލަތުން ވަނީ 28 ޝަފަހީ ހެއްކެއްގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއްވެސް ހުށައަޅައިފައެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތްކަމުގައިވާ ރާމިޒާގެ ފަރާތުން، ދިފާއުގައި ބުނެފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ މައްސަލައާ ގުޅުންހުރި ހެކިތަކެއް ނޫން ކަމަށެވެ. އެހެންކަމުން ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ގާޒީގެ ކިބައިން އެދުނެވެ.

ނަމަވެސް ދައުލަތުން ބުނީ ދައުލަތުން ހުށަހެޅި ހެކި ބަލައިނުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ ހެކިތަކަކީ މައްސަލައާ ގުޅުންހުރި ހެކިތަކެއް ނޫންކަން، ހަމައެކެނި ދިފާއުން ބުނުމަކީ ހެކި ބަލައިނުގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ދައުލަތުން ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތެއް ނިންމުން ކަމަށެވެ. މި މައްސަލަ ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ރާމިޒާ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ދއުލަތުން ކުރީ، އޭނާގެ ފިރިމީހާ ހަސަން ލޫތު އާއި އިތުރު ބަޔަކާ ގުޅިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ކަމަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ފައިސާއިން މުއާމަލާތް ކޮށްފައިވާތީއެވެ.

ގާނޫނުގައި ބުނާގޮތުން، ވަކި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެއިން މުއާމަލާތުކޮށްފި ނަމަ އެއީ މަނީ ލޯންޑަރިން ކަމަށް ބެލެވޭނެ އެވެ.

ކޯޓުގައި މި ދައުވާ ރާމިޒާގެ މައްޗަށް އުފުލި ދުވަހު، ދައުލަތުން ބުނެފައި ވަނީ ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510 ރުފިޔާ އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170 ރުފިޔާ އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370 ރުފިޔާ ޖަމާކޮށްފައި ވަނިކޮށް، އެ އެކައުންޓުތަކުގައިވާ ފައިސާ ތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ފުލުހުން ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000 ރުފިޔާ އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން 1.5 މިލިޔަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދައުލަތުން ބުނެފައި ވަނީ އެ މައްސަލައިގައި ޝައްކުކުރެވޭ ހާލަތު އުފެދެނީ ރާމިޒާގެ ފިރިމީހާ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް، އެ ފައިސާއިން މުއާމަލާތުކޮށްފައިވާތީ ކަމަށެވެ. ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ ކަމާއި އެ މައްސަލައިގެ ތަހުގީގުގައި ގިނަ އަދަދެއްގެ ފައިސާ ވެސް އަތުލިކަން ރާމިޒާއަށް އޮތީ އެނގިފައި ކަމަށް ދައުލަތުން ބުންޏެވެ.