ހުސްވި 2021 އަހަރު ނިމުނު އިރު 1804 މައްސަލަ ނުނިމި އެ ކޯޓުގައި އެބައޮތް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެ ކޯޓުގެ ވޭތުވެދިޔަ އަހަރުގެ ޝަރީއަތްތަކާބެހޭ މައުލޫމާތު ހާމަކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ، ހުސްވި އަހަރުގެ ތެރޭގައި ޖުމުލަ 9973 އަޑުއެހުން ބާއްވަން ނިންމި ނަމަވެސް އެކި ސަބަބުތަކާހުގެ 4،852 މައްސަލަ ކެންސަލްވި ކަމަށެވެ.

ކޯޓުން ބުނެފައި ވަނީ، 2020 ވަނަ އަހަރު ނިމި 2021 ވަނަ އަހަރު ފެށުނު އިރު 1732 މައްސަލަ ނުނިމި އޮތް ކަމަށެވެ.

މިދިޔަ އަހަރު 773 މައްސަލައެއް އަލަށް ކޯޓަށް ހުށަހަޅާފައި ވާކަމަށާއި ނިމިފައި ވަނީ 701 މައްސަލަ ކަމަށްވެސް ބުނެފައިވެއެވެ.

ކުށުގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންނާ މެދު ގޮތެއް ނިންމަން ހުށަހެޅި މައްސަލަތަކުގައި، 86 އިންސައްތަ މީހުން ބަންދުގައި ބަހައްޓަން އަމުރު ނެރެފައިވާ ކަމަށާއި، އަދި 14 އިންސައްތަ މީހުން ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޯޓުން ނެރެފައިވާ އަމުރުތަކުގެ ތެރޭގައި، ބަލައި ފާސްކުރުމުގެ 405 އަމުރާއި، ހައްޔަރު ކުރުމުގެ 399 އަމުރާއި ޕާސްޕޯޓު ހިފެހެއްޓުމުގެ 112 އަމުރާއި އެކައުންޓް ފްރީޒް ކުރުމުގެ 19 އަމުރާއި ސާމްޕަލް ނެގުމުގެ ނުވަ އަމުރު ނެރެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.