އައްޑޫ ސިޓީ ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކައި ނިމިފައިވާ ކަމަށް އެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ހުޅުދޫގެ ކުރީގެ ބަނދަރުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު ހިއްކާފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނެގިފައިވާ ވެލިން ކަމަށެވެ. އަދި ހުޅުދޫ އާ ހާބަރު ބޭސިން ފުންކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އާ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ 67 އިންސައްތަ މަސައްކަތް ވެސް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 81 ޕަސެންޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 89 ޕަސެންޓް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ވަނީ ފާއިތުވި ހަފުތާގައި ހާމަކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން 66.3 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ މާޗް އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން ނުވަ މީޓަރު ދިގު އަދި ހަތަރު މީޓަރު ފުޅާ ބުރިޖެއް އެޅުމުގެ މަސައްކަތް ހިމެނޭ އިރު، 2،250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތިއާއި ނެރުބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.