އަވަށްޓެރި ސްރީލަންކާއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުން އަންނަނީ އަފްހާމް ނަސީރު ނަމަކަށް ކިޔާ ޒުވާނެކެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ވަން" އަށް މިއަދު ބުނީ ރޭ 8:00 ޖަހާކަންހާއިރު އަފްހާމް ގެއިން ނިކުމެގެން ދިޔައީ އާއިލާގެ އެހެން ގެޔަކަށް ބަދަލުވާން ކަމަށް ބުނެ ކަމަށެވެ. އެކަމަކު އަފްހާމްގެ ހަބަރެއް ނުވެގެން އެގޭ މީހުންނަށް ގުޅި ކަމަށާއި އޭނާ އެ ގޭގައި ނެތް ކަމަށް ބުނި ކަމަށްވެސް އޭނާ ބުންޏެވެ.

"އަފްހާމް ދިޔައީ ލެޕްޓޮޕް ހިފައިގެން އެހެން އެއްޗެހި ބަލައި އަންނާނަމޭ ކިޔާފަ. އޭގެ ފަހުން ހަބަރެއް ނުވެގެން ގުޅި އިރު ފޯނު ނިއްވާލާފަ. ދެން އޭނަ ބަދަލުވާން އުޅޭ ގޭ މީހަކަށް ގުޅީމަ ބުނީ އޭނަ އެގެއަށް ނުދެޔޭ. ނުވެސް ދެކެމޭ ބުނީ." އޭނާ ބުންޏެވެ.

ލަންކާގައި އަފްހާމް ދިރިއުޅޭތާ ފުދޭވަރަކަށް ގިނަ ދުވަސް ވެއްޖެ ކަމަށް ވަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. ނަމަވެސް ދުވަހަކުވެސް މިފަދަ ކަމެއް ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ.

އަފްހާމް ގެއްލިގެން 24 ގަޑި އިރު ނުވާތީ ފުލުހުންނަށާއި ހައި ކޮމިޝަނަށް ހުށަހެޅިފައި ނުވާ ކަމަށް އާއިލާއިން ބުންޏެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލަންކާ އިން މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަން އެނގުނީ ނޫސްވެރިޔަކު ސުވާލު ކުރުމުން ކަމަށެވެ. ނަމަވެސް އެކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.