މޮރޮކޯގައި 100 ފޫޓަށްވުރެ ފުން ވަޅަކަށް ވެއްޓުނު 5 އަހަރުގެ ކުއްޖަކުސަލާމަތްކުރަން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަތާ ހަތަރު ދުވަސް ވެއްޖެއެވެ.

ވަޅުގައި ތާށިވެފައިވާ ރަޔަން ކިޔާ މި ތުއްތު ކުއްޖާ ސަލާމަތްކުރަން އެގައުމުގެ ރެސްކިއު ޓީމުތަކުން އަންނަނީ ހުއްޓާނުލައި މަސައްކަތްކުރަމުންނެވެ. އަންގާރަ ދުވަހުގެ ރެއިން ފެށިގެން މި ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް އެ ގައުމުން ކުރަމުން އަންނައިރު ކުއްޖާ ވެއްޓި ތާށިވެފައިވަނީ 105 ފޫޓު (32 މީޓަރު) އަޑީގައެވެ.

ރަޔަން ސަލާމަތްކުރުމުގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ޓުވިޓާގައި ގިނަ ބަޔަކު އަންނަނީ ހޭޝްޓެގް #ސޭވް ރަޔަން ބޭނުންކުރަމުންނެވެ. ރަޔަންގެ މަންމަ ވަސީމާ ގައުމީ ޓީވީ 2އެމް އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދަރިފުޅު ހެޔޮ ހާލުގައި ސަލާމަތް ވޭތޯ ދުއާ ކުރަމުން އަންނަ ކަމަށެވެ.

ރަޔަން ސަލާމަތްކުރުމުގެ މަސައްކަތުގައި ފަސް ބުލްޑޯޒަރުގެ އެހީގައި އެ ސަރަހައްދުގައި ފުން ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ކުރަން ފަށާފައިވާއިރު 19 މީޓަރު އަޑިއަށް ވަޅުގަނޑު ކޮނެވިފައިވާކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. ރަޔަން ސަލާމަތް ކުރަން ހިންގާ އޮޕަރޭޝަން ޓީމުން ބުނެފައިވަނީ އެ މަސައްކަތުގެ އެންމެ ނުރައްކާތެރި އަދި ނާޒުކު ފައްތަރަށް އައިސްފައިވާ ކަމަށެވެ.

މޮރޮކޯގެ ޝެފްޝަވެން ސިޓީއާ 125 މޭލު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ އިގްރޭންގެ މި ފުން ވަޅުގަނޑަށް ރަޔަން ވެއްޓިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތުގައެވެ.

މޮރޮކޯގެ ގައުމީ ޓީވީން ރަޔަން ސަލާމަތްކުރުމުގެ މަސައްކަތް އަންނަނީ ވަގުތުން ދުރަށް ދައްކަމުންނެވެ. ރެސްކިއު ޓީމުތަކުގެ އިތުރުން އެސަރަހައްދުގައި އަންނަނީ ގިނަ އަދަދަކަށް ސިއްހީ އެހީތެރިންވެސް ހަރަކާތްތެރިވަމުންނެވެ.

ގައުމީ ނޫސް އޭޖެންސީ މަގްރިބް އަރަބި ޕްރެސޭ - އެމްއޭޕީ އިން މައުލޫމާތު ދޭ ގޮތުގައި ރަޔަން ސަލާމަތްކުރުމުގެ މަސައްކަތް އުޅެނީ އެންމެ ފަހު މަރުހަލާގައެވެ.

އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން އަންނަ އަބްދުލްހާދީ ތަމްރާނީ އިއްޔެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަސައްކަތުގެ އެންމެ ދަތި އެންމެ ނާޒުކު ދަނޑިވަޅާ ހަމައަށް އައިސްފައިވާކަމަށެވެ. އަދި ރަޔަން ސަލާމަތްކުރުމަށްޓަކައި ވަޅުގެ އަޑިއަށް މީހަކު ފޮނުވެން ނެތް ސަބަބު ކިޔައިދެމުން ބުނެފައިވަނީ ކޮނުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ގަނބައިގެންފާނެ ކަމުގެ ބިރު އޮތުމުން އެފަދަ ރިސްކެއް ނެގެން ނެތްކަމަށެވެ. އެ ޓީމުން ވާގަނޑެއްގެ އެހީގައި އޮކްސިޖަން އަދި ފެން ކުއްޖާއަށް ފޯރުކޮށްދެމުން އަންނައިރު ވަޅުގެ އަޑިއަށް ސީސީޓީވީ ކެމެރާ ފޮނުވައިގެން ރަޔަންގެ ހާލަތު އަންނަނީ ބަލަމުންކަމުގައި އެމްއޭޕީން މައުލޫމާތު ދެއެވެ. މިހާތަނަށް މި ކެމެރާގެ އެހީގައި އާއްމުކޮށްފައިވާ ކުރު ވީޑިއޯތަކުން ރަޔަންގެ ހަރަކާތް މަދު ނަމަވެސް ނޭވާލާކަން ވަނީ އެނގިގެން ގޮސްފައެވެ.

އަންގާރަ ދުވަހު ރަޔަން ވަޅަށް ވެއްޓިފައިވަނީ ކުޅެން އުޅުމުގެ ތެރޭގައެވެ. އެގައުމުގެ ލެ360 ނޫހަށް މައުލޫމާތު ދެމުން ރަޔަންގެ ބައްޕަ ބުނެފައިވަނީ ރަޔަން ވަޅަށް ވެއްޓިފައިވަނީ ވަޅު ބެއްދުމުގެ މަސައްކަތް ކުރަން ވިސްނާފައިވަނިކޮށް ކަމަށެވެ. އަދި މިވަގުތު ދުއާއަކީ ދަރިފުޅު ހެޔޮ ހާލުގައި ސަލާމަތްވުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.

މިމަސައްކަތަށް މިހާރު މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައިވާއިރު ގިނަބަޔަކު އަންނަނީ ރަޔަން ވީ އެންމެ އަވަހަކަށް ސަލާމަތްކުރެވޭތޯ އުއްމީދު ކުރަމުންނެވެ.

ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ގިނަ ގޮންޖެހުންތަކެއް ހުރިއިރު އެގައުމުގެ ސަރުކާރުން ބުނެފައިވަނީ އެމަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. ވަޅުގެ ފުން މިން އަޑިއަށް ދާ ވަރަކަށް ވަޅުގެ ހަނިމިން ކުޑަވަމުން އައިސްފައިވާއިރު ކުއްޖާ ތާށިވެފައި ވަނީ 20 އިންޗީގެ ޖާގައެއްކަމުގައި ވަނީ ލަފާކޮށްފައެވެ.

ހުކުރު ދުވަހު ގައުމީ ޓީވީން އެ މަސައްކަތުގެ މައުލޫމާތު ދެމުން ބުނައިވަނީ ރެސްކިއު ޓީމުތަކުން ރަޔަން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރެއިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއް ހިނގައިފާނެކަމުގެ ބިރަށް ދޭތެރެ ދޭތެރެއިން މެދުކަނޑާލުމަށްފަހު މަސައްކަތްތައް ކުރިއަށް ގެންދެމުން އަންނަކަމަށެވެ. މިމަސައްކަތުގައި ތަޖުރިބާކާރު އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ލަފައާއި އިރުޝާދުވެސް އަންނަނީ ހޯދަމުންނެވެ.