(29 ޖެނުއަރީގެ އަދަދާ ގުޅޭ)

އާދަމުގެފާނު ހެއްދެވި މަށިވަނީ މަރުޙަލާ ތަކަކަށް ބަދަލުވެގެން ގޮސްފައެވެ. މިކަމަށް އިޝަރާތް ކުރައްވައި މާތް الله سبحانه وتعالى ވަޙިކުރައްވައިފައިވަނީ: ﴿ وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ ﴾ މަނައަކީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވިއެވެ. ހަމަކަށަވަރުން، މަށިން، ތިމަން الله އިންސާނަކު (އާދަމުގެ ދަރިއަކު) އެބަހައްދަވަމެވެ. ހުރެހުރެ ނުބައިވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެން އައި މަށީންނެވެ."

މާތް الله سبحانه وتعالى އާދަމުގެފާނު ހައްދަވާފައިވާ މަށި ސިފަކުރައްވާފައިވަނީ، މުށިތަކެއްފަދަ ހިކިމަށީގެ ގޮތުގައެވެ. ވަޙީކުރައްވައިފައިވަނީ: ﴿خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ ﴾ މާނައަކީ: "މުށިތަކެއްފަދަ، ހިކިމަށިން، އެކަލާނގެ އިންސާނާ ހެއްދެވިއެވެ." އެއަށްފަހު މާތް الله سبحانه وتعالى އާދަމުގެފާނު ޞޫރަކުރެއްވުމަށްފަހު އެމައްޓަށް އެކަލާނގެ ރޫޙުފުޅުން ފުމެލެއްވުމުން ފުރާނައެޅިގެން ދިއައެވެ. މާތް الله سبحانه وتعالى ވަޙީ ކުރައްވައިފައިވަނީ: ﴿فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ﴾ މާނައަކީ: "ފަހެ ތިމަން الله އެއިންސާނާ ހައްދަވައި ފުރިހަމަކުރައްވައި، ތިމަން الله ގެ ފުރާނަފުޅުން (އެބަހީ: ތިމަން الله ގެ ރަސްކަންފުޅަށް މިލްކުވެގެންވާ ފުރާނައަކުން) އެއިންސާނާއަށް ފުމެލައްވައި (ފުރާނަ އަޅުއްވައި)ފިހިނދު އެ އިންސާނާއަށްޓަކައި ސަޖިދައަށް ތިޔަބައިމީހުން ތިރިވާށެވެ." ހުރިހާ މަލާއިކަތުން އެކަލާނގެ މިއަމުރުފުޅަށް ތަބަޢަވެ އެކަލޭގެފާނަށް ސަޖިދަކުރިއެވެ. ނަމަވެސް އިބިލީސް ބޮޑާވެގަތެވެ.

މާތް الله سبحانه وتعالى އިނބިލީހަށް އެންގެވިއެވެ. ކަލޭގެ އާދަމުގެފާނަށް ސަޖިދަކުރުމުން މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ﴿قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴾ މާނައަކީ: މާތް الله سبحانه وتعالى ވަޙީކުރެއްވިއެވެ. ތިމަން الله ކަލެއަށް އަމުރުކުރެއްވި ހިނދު ސަޖިދަނުޖަހައި މަނާވެގަތީ ކީއްވެގެންހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ތިމަން އެކަލޭފާނަށްވުރެ މާމޮޅެވެ. (އެހެނީ) އިބަރސްކަލާނގެ ތިމަން އުފެއްދެވީ އަލިފާނުންނެވެ. އަދި އެކަލޭގެފާނުން އިބަރަސްކަލާނގެ ހެއްދެވީ ކިސަޑު މަށިންނެވެ."

ޙަސަނުލް ބަޞަރީ ވިދާޅުވެފައިވެއެވެ. މިބިންމަތީގައި އެންމެ ފުރަތަމަ އަޅައިކިޔައި ހެދިމީހަކީ އިނބިލީހެވެ. މިގޮތަށް އަޅައިކިޔުމުން އޭނާ އާދަމުގެފާނަށްވުރެ މަތިވެރިކަމަށް އަމިއްލައަށްދެކި ބޮޑާވެގަތެވެ. ނަމަވެސް މާތް الله އާދަމުގެފާނަށް ސަޖިދަކުރުމަށް އަމުރު ކުރައްވާފައިވަނީ ހުރިހާ މަލާއިކަތުންނަށެވެ. ވަކިމީހަކު އިސްތިސްނާވާ ގޮތެއްގައެއް ނޫނެވެ. ކަހުފު ސޫރަތުގައި މާތް الله سبحانه وتعالى ވަހީކުރައްވައިފައިވަނީ: ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ ﴾ މާނައަކީ:" އާދަމުގެފާނަށް ސަޖިދަކުރުމަށް ތިމަންރަސްކަލާނގެ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ކަންހިނގިގޮތް ކަލޭގެފާނު ކިޔައިދެއްވާށެވެ! އެހިނދު އިނބިލީސް ފިޔަވައި އެ އެންމެން ސަޖިދަކުރޫއެވެ. އެ އިނބިލީސްވަނީ ޖިންނީންގެ ތެރެއިންނެވެ. އޭނާ ހެއްދެވި ރަސްކަލާނގެ އަމުރުފުޅަށް ކިޔަމަންވުމުން ބޭރުވެގަނެ ފާސިޤުވިއެވެ."

އިނބިލީސް ބޮޑާވެގަނެ، ދެކޮޅުވެރި ކިބުރުވެރިވެ މާތް الله سبحانه وتعالى ގެ އަމުރުފުޅާ ދެކޮޅު ހެދިއެވެ. އެއީ އޭނާ ހެއްދެވިފަރާތަކީ މާތް الله سبحانه وتعالى ކަން ހަނދާން ނައްތާލާފައެވެ.

ޙަސަނުލްބަޞަރީ ވިދާޅުވެފައިވެއެވެ. ކުޑަހިނދުކޮޅަކަށްވެސް ޝައިޠާނާ މަލާއިކަތަކަށް ނުވެއެވެ. އިނބިލީސް އާދަމުގެފާނަށް ސަޖިދަކުރުމުން މަނާވެގަތް ވާހަކަ ބަޔާން ކުރައްވައި ޞާދު ސޫރަތުގައި މާތް الله سبحانه وتعالى ވަޙީކުރައްވައިފައިވަނީ: ﴿ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنتَ مِنَ الْعَالِينَ﴾ މާނައަކީ:"އޭ އިބިލީސްއެވެ! އެއްވެސް ވާސިޠާއަކާނުލައި ތިމަންރަސްކަލާނގެ ހެއްދެވި އާދަމުގެފާނަށް ސަޖިދަކުރުމުން މަނާވެގަތީ ކީއްވެ ހެއްޔެވެ؟ ކަލޭ ސަޖިދަކުރުމަށް ބޮޑާވެގަތީ ހެއްޔެވެ؟ ނުވަތަ (ކަލޭ ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް) ކިބުރުވެރިވެގަންނަ މީހުންގެ ތެރެއިން ވީހެއްޔެވެ." އޭނާ ބޮޑާވެ ދެންނެވިއެވެ. ﴿ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ﴾ މާނައަކީ:"އެކަލޭގެފާނަށްވުރެ އަހުރެން މާމޮޅެވެ. އިބަރަސްކަލާނގެ އަހުރެން ހެއްދެވީ އަލިފާނުންނެވެ. އެކަލޭގެފާނު ހެއްދެވީ މަށީންނެވެ." އިނބީލީހުގެ މިކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އެކަލާނގެ ވަޙީކުރެއްވިއެވެ. ﴿ قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ މާނައަކީ:"އެކަލާނގެ ވަޙީކުރެއްވިއެވެ. ސުވަރުގެއިން ކަލޭގެ ނުކުންނާށެވެ. ކަލެއަކީ ސުވަރުގެއިން ނެރެލެވިފައިވާ މީހެކެވެ. وَإِنَّ عَلَيْكَ لَعْنَتِي إِلَىٰ يَوْمِ الدِّينِ އަދި ޤިޔާމަތް ދުވަހަށް ދާންދެން ކަލޭގެ މައްޗަށް ތިމަންރަސްކަލާނގެ ލަޢްނަތް ހުއްޓެވެ." قَالَ رَبِّ فَأَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ އޭނާދެންނެވިއެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯ! މިއަޅާ ޤިޔާމަތާ ހަމައަށް ލަހައްޓަވާނދޭވެ! މީސްތަކުން މަޙްޝަރަށް ފޮނުއްވޭ ދުވަހާއި ހަމައަށް އަޅުލަހައްޓަވާނދޭވެ! قَالَ فَإِنَّكَ مِنَ الْمُنظَرِينَ * إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ ﴾ އެކަލާނގެ ވަޙީކުރެއްވިއެވެ. ކަނޑައެޅިގެންވާ ވަޤުތުގެ ދުވަހަށް (ޔަޢްނީ ފުރަތަމަ ތާޅަފިލި ފުމެލެވޭ ވަޤުތުގެ ދުވަހަށް) ކަލޭވަނީ ލެހެއްޓެވިގެންނެވެ."

އެކަލާނގެ އަމުރަށް އުރެދުމަށްފަހުވެސް، އެކަލާނގެ އޭނާއަށް ޤިޔާމަތާހަމަޔަށް ދެމިހުރުމުގެ އެނިޢުމަތް ދެއްވުމުން ދަންނަވަނީ ﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ * إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ﴾ މާނައަކީ: "އިނބިލީސް ދެންނެވިއެވެ. އިބަރސްކަލާނގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. އެ އާދަމުގެދަރިންގެ ތެރެއިން ޚިޔާރުކުރެވިގެންވާ އިބަރަސްކަލާނގެ އަޅުން މެނުވީ އާދަމުގެ ދަރީންގެ އެންމެން މަގުފުރައްދާ ހުށީމެވެ." މާތް الله سبحانه وتعالى އިނބިލީހުގެ މި އިދިކީލި ޖަވާބުގައި ވަޙީ ކުރެއްވިއެވެ. ﴿قَالَ فَالْحَقُّ وَالْحَقَّ أَقُولُ *لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ ﴾ މާނައަކީ:"އެކަލާނގެ ވަޙީކުރެއްވިއެވެ. ޙައްޤު ވަނީ ތިމަންރަސްކަލާނގެ ހަޟްރަތުގައެވެ. ތިމަންރަސްކަލާނގެ ވަހީކުރައްވަނީ ޙައްޤުތެދެވެ. ކަލެޔާއި (ކަލޭގެދަރިކޮޅާއި) އަދި އާދަމުގެ ދަރީންގެ ތެރެއިން ކަލެއަށް ތަބަޢަވީ ބަޔަކާއި އެންމެން ނަރަކަޔަށް ވައްދަވައި ނަރަކަ ފުރުއްވާހުށީމެވެ."

އިނބިލީސް މާތް الله އާއި މުޚާޠަބުކޮށް ދެންނެވިއެވެ. ﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ * މާނައަކީ:"އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ." ﴿ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ﴾ ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ."

ޝައިޠާނާ ބުނަން އުޅޭކަހަލައެވެ. އިބަރަސްކަލާނގެ ތިމަންނާ މަގުފުރެއްދެވީތީ، ތިމަން އިންސާނުން ތެދުމަގަށް ވާޞިލުވުމަށް ހުރަސްއަޅާނަމެވެ. ހުރިހާ ފަރާތަކުން އެމީހުން މަގު ފުރެއްދުމަށްޓަކައި އަންނަހުށީމެވެ. ބާއްޖަވެރިޔަކީ ޝައިޠާނާ އާއި ދެކޮޅުވެރިވި މީހާއެވެ. އަބާއްޖަވެރިއަކީ އޭނާއަށް ތަބަޢަވާ މީހާއެވެ.

މާތް الله އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނަށް އަންގަވައިފައިވަނީ ސުވަރުގޭގައި ދިރިއުޅުއްވަމުން ގެންދެވުމަށެވެ. އަދި މަނާ ކުރައްވައިފައިވާ ގަހާ ކައިރިވެވަޑައި ނުގަތުމަށެވެ. ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. ﴿ وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴾ މާނައަކީ:"އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ."

އަދިވެސް މާތް الله ވަޙީ ކުރައްވައިފައިވެއެވެ. ﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ *فَقُلْنَا يَا آدَمُ إِنَّ هَـٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَىٰ *إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَىٰ *وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَىٰ﴾ މާނައަކީ:"آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، إبليس ފިޔަވައި އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަތެވެ. ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ آدم ގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށް ހުރި عداوة ތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަ ނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނަކަށް އެތާނގައި ބަނޑުހައިވުމެއްނުވެތެވެ. އަދި އުނުއޮރިޔާންވުމެއްވެސް ނުމެވޭމެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނަށް އެތާނގައި ކަރުހިއްކުމެއް ނުލިބޭނެތެވެ. އަދި ކަލޭގެފާނަށް އަވީގެ ހޫނެއްވެސް ނުމެވާނެމެއެވެ."

*******

އެޑިޓަރުގެ ނޯޓު: ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ފިޤުހު، އުޞޫލް ފިޤުހު“ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ޑރ. މޫސާ އަންވަރު ޙަސަން ފެއްޓެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. ފަހުން އެ މަޖިލީހުގެ ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡެއްގެ މަޤާމެވެ. މީގެ އިތުރުން ޑރ. މޫސާ އަންވަރު ޙަސަން އަކީ، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަންއަށް ލިބިވަޑައިގެންފައިވެއެވެ.

(ނުނިމޭ)