ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު "އޯޝަން 50|6" ހަރަކާތް އިފްތިތާހު ކޮށްދެއްވައިފިއެވެ.

އިއްޔެ ހަވީރު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި މި ހަރަކާތް އިފްތިތާހުކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ދެއްކެވި ވާހަކަފުޅުގައި މި ހަރަކާތް އެންމެން ޝާމިލުވާގޮތަށް ކުރިޔަށް ގެންދިއުމަށް އިސްކަންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން އަންހެނުންނާއި ކުޑަކުދިންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިކަމުގައި ޝާމިލު ވެވޭނެ ފަރާތްތަކުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިކަމަކީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާވެސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކަމަކަށްވާއިރު ކުޑަކުދިންނަށް މިހަރަކާތަކީ ކިހާ މުހިންމު ހަރަކާތެއްކަން ކިޔައިދޭން އަދި ދައްކުވައިދޭން ޖެހޭކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ކަމެއް ކާމިޔާބު ވާނީ ކަމަށް ކަމޭހިތައިގެން ހިތްވަރާއެކު ކުރާ މަސައްކަތުންކަން ކުދީންނަށް އަންގައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އޯޝަން 50\6 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިން އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިން އިވެންޓެކެވެ. މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަގައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަގުވާމީ ޑައިވިންކޮމިއުނިޓީއާއި މެރިން ރިސާޗަރުންނާއި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.