ޚަބަރު

މަޑިދަށުން ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

އަލީ ޔާމިން

ކަށިމާ ހިނގުމާއި ބުރުޒުމަގާ ގުޅުނު ކަންމަތީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، އެމީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށާއި އެމީހާއާ ގުޅުންހުރި ތަނެއް ބަލައި ފާސްކޮށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ.

ކަން ހިނގައިދިޔަ ގޮތް އެނގޭ މީހަކު "ވަން" އަށް ބުނެފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު ޕާކު ކުރުމަށްފަހު ޑރ. ޑީޑީ ޑެންޓަލް އަށް ވަނެވެ. އޭގެ އިރުގަނޑެއްފަހުން އޭނާ ނިކުމެ ސައިކަލުގެ މަޑިދަށް ފަޅާލާފައިވާ ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި މީހުން ގާތުން ވައްކަން ކުރި މީހާ އެނގޭތޯ ސުވާލު ކުރި ކަމަށެވެ .

ނަމަވެސް އެވަގުތު އެ ސަރަހައްދުގައި ތިބި އެއްވެސް މީހަކަށް އެކަން ފާހަގަ ނުވާ ކަމަށް ބުނުމުން އޭނާގެ މަޑިދަށުގައި ހުރި 130،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހުރިތޯ ބަލައި ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.