އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލް ފުރަތަމަ ޖާގަ ސެނެގާލުން ހޯދައިފިއެވެ.
އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އެފްކޯންގެ ފައިނަލަށްވެސް ދިޔަ ސެނެގާލުން ފައިނަލް ޔަގީންކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ބުރްކީނޯ ފާސޯ 3-1 އިން ބަލިކޮށްގެންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގެ ނަތީޖާ ސެނެގާލުން ނެރުމުގައި ލިވަޕޫލްގެ ތަރި ސަޑިއޯ މާނޭގެ ހިއްސާ ބޮޑުކަން ފާހަގަވިއެވެ. އޭނާ ވަނީ މެޗުގެ ފަހު ގޯލު ޖަހައި، އެސިސްޓެއްވެސް ހަދައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަަ ކުޅުމެއް ފެނިގެން ދިޔަ އިރު، ހާފުގެ މެދު ތެރެއިން ބުރްކީނޯ ފާސޯގެ ގޯލްކީޕަރު ހާވޭ ކޯފީއަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނެވެ. ރެފްރީ ސެނެގާލަށް ދެ ފަހަރެއްގެ މަތިން ޕެނަލްޓީ ދިން ނަމަވެސް ވީއޭއާރްގެ އެހީގައި ބަލައި، އެ ދެ ޕެނަލްޓީވެސް ފަހުން ކެންސަލް ކޮށްފައިވެއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ތެރޭގައި ސެނެގާލުންގެ އަބޫ ޑިއާލޯ ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ. އަދި އެ ގޯލަށް ހައެއްކަ މިނެޓް ފަހުން އިދުރީސީ ގޭ ޖެހި ދެވަނަ ގޯލާއެކު ސެނެގާލް ހަމަ ޖެހިއެވެ. މެޗުގެ ފަހު 10 ވަރަކަށް މިނެޓަށް އެޅުނު ތަނާ 82 ވަނަ މިނެޓުގައި ބުރްކީނޯ ފާސޯގެ ލަޓީ ޓޫރޭ ޖެހި ގޯލުން ސެނެގާލަށް ކޮންމެވެސް ކަމެއްގެ މާޔޫސްކަމެއް ކުރިމަތިވި ނަމަވެސް މާނޭ ވަނީ މެޗު ނިމެން ދަނިކޮށް ސެނެގާލަށް ފައިނަލް ޔަގީން ކޮށްދީފައެވެ.
ރޭގެ މެޗުގައި މާނޭ ޖެހި ގޯލަކީ ގައުމީ ޓީމަށް ޖަހައިދިން 29 ވަނަ ގޯލެވެ. އެ ގޯލާއެކު މާނޭ ވަނީ އެގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ހެންރީ ކަމާރާ ހަދާފައިވާ ރެކޯޑާ އެއްވަރު ކޮށްފައެވެ.
ސެނެގާލުން މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނެ ޓީމެއް އެނގޭނީ މިރޭ މިސްރާއި ކެމަރޫން ވާދަކުރާ ސެމީއަށް ފަހުއެވެ. މިރޭ އޮންނަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށް ބުރްކީނޯ ފާސޯން ތިންވަނަ ހޮވާ މެޗެއްވެސް ހޮނިހިރު ދުވަހު ކުޅޭނެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު