ކޮވިޑާ ގުޅިގެން ގިނަ މުވައްޒަފުން ކަރަންޓީންވާން ޖެހުމުން ސިއްހީ ދާއިރާގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ގާނޫނުގައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެއެވެ. ނަމަވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބޭތީ އެކަމާ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ޝޫބާ މިއަދު ވިދާޅުވީ، މުސާރަ ދިނުން ލަސްވީ އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ވެސް ގިނަ ބަޔަކު ގޭގައި ކަރަންޓީނުވާން ޖެހުމުން ކަމަށެވެ.
އެ ސަބަބާހުރެ މުސާރަ ޝީޓުތައް ނިންމަން ޖެހޭ މުއްދަތަށް ނުނިމި ލަސްވި ކަމަށާއި ނަމަވެސް މުސާރަ ޝީޓުތައް ނިންމައި ފިނޭންސް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެވިއްޔާ މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި މުސާރަ ޖަމާވާނެ،" އޭނާ ވިދާޅުވިއެވެ.
ހެލްތުގެ އިތުރުން ސަރުކާރުގެ ބައެއް އެހެން މުއައްސަސާތަކުގެ މުސާރަވެސް މިމަހު ޖަމާވީ ލަހުންނެވެ. ފިނޭންސް މިނިސްޓްރީން މުސާރަ ޖަމާކުރާނީ އެ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް، މުސާރަ ޝީޓުތައް ފޮނުވުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު