ކޮވިޑު 19 ގެ ސަބަބުން 2020 ވަނަ އަހަރު ލިބުނު ހީނަރު ކަމުން އަރަައިގަނެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ މޫވްމެންޓްތައް އިތުރުވާން ފަށާއިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ވެލާނާ އެއާޕޯޓުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2020 ވަނަ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރުގެ ނަތީޖާތައް ހުރިހާގޮތަކުންވެސް ވަނީ ރަނގަޅުވެފައެވެ.
ވީއައިއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ރާއްޖެއިން ބޭރުން އައި ޕަސިންޖަރުންގެ އަދަދަކީ 645،864 އެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 1.4 މިލިއަނަށްވުރެ އިތުރުވެފައެވެ. އަދި 2020 ވަނަ އަހަރު ބޭރަށް ފުރައިގެން ދިޔަ ޕަސިންޖަރުންގެ އަދަދު 674،548 ގައި ހުރި އިރު މިދިޔަ އަހަރު އެ އަދަދުވެސް ވަނީ 1.4 މިލިއަނަށް ވުރެ އިތުރުވެފައެވެ.
ވީއައިއޭގެ އެތެރޭގެ އުދުހުންތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު އެ އާޕޯޓަށް އައި ޕަސިންޖަރުންގެ އަދަދަކީ 206،916 އެވެ. ނަމަވެސް ފާއިތުވި އަހަރު އެ އަދަދު ވަނީ 363،468 އަށް އިތުރުވެފައެވެ. އަދި އެއާޕޯޓުން ފުރި ޕަސިންޖަރުންގެ އަދަދު 213،315 ގައި ހުރި އިރު ފާއިތުވި އަހަރު އެ އަދަދުވެސް ވަނީ 372،074 އަށް އިތުރުވެފައެވެ.
މި އަދަދުތަކާއެކު ކާގޯ އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސްޝިޕްމެންޓްގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ. ވީއައިއޭއަށް ދަތުރުކުރާ އެއާލައިން ތަކުގެ އަދަދުވެސް 2020 ވަނަ އަހަރާ އަޅައި ބަލާއިރު ވަނީ އިތުރުވެފައެވެ.
ވީއައިއޭއިން ވަނީ މޫވްމެންޓްތައް އިތުރުވުމުގައި އެއާޕޯޓުގެ މުވައްޒަފުންނާއި އެއާލައިން ޕާޓްނަރުންނާއި ސްޓޭކް ހޯލްޑަރުންގެ ރޯލް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި މި އަހަރަކީ ވީއައިއޭ އަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ އަހަރެއްކަމަށް އުއްމީދު ކުރާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު