ދުނިޔެ

އަދުގެ ދުނިޔެ: ރޫސީ ސިފައިން ޔުކްރޭނަށް އަރައިގެންފާނެތަ؟

އިމާދު ލަތީފު

ރަޝިޔާގެ ފައުޖުތައް ބަރުހަތިޔާރާއެކު މިވަގުތު ރުކުރުވާލެވިފައިވަނީ ޔުކްރޭނުގެ ސަރަހައްދީ ރޮނގާއި ނުހަނު ގާތުގައެވެ. ލައްކައަކަށްވުރެ ގިނަ ސިފައިން އެހިސާބަށް ޖަމާކޮށްފައިވާ ކަމަށް ބުނެވެއެވެ. އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި ރަޝިޔާގެ ނިޔަތަކީ ޔުކްރޭނަށް އަރައިގަތުމެވެ. އެހެންނަމަވެސް ރަޝިޔާ ސަރުކާރުން ގެންދަނީ މިކަން ދޮގުކުރަމުންނެވެ. ޔުކްރޭނަށް އަރައިގަތުމުގެ ނިޔަތެއް ނެތް ކަމަށް ރޫސީން ތަކުރާރުކޮށް ބުނަމުން ދިޔަކަމަށް ވިޔަސް ސިފައިންގެ ފައުޖުތައް ފަހަތަށް ޖެއްސުމާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަރުތުތަކެއް ރޫސީން ވަނީ ހުށައަޅައިފައެވެ. މީގެ ތެރެއިން ގިނަ ޝަރުތުތަކަށް ހުޅަނގުން ވަނީ ނޫނެކޭ ބުނެފައެވެ. ކޮންމެއަކަސް ޔުކްރޭނުގެ މައްސަލަ ދެން ފުރޮޅިގެން ހިނގައިދާނެ ގޮތަކާ މެދު މުޅި ދުނިޔޭގައިވެސް މިވަގުތު ވަރަށް ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އެންމެންވެސް ކުރާ ސުވާލަކީ ރޫސީ ސިފައިން ޔުކްރޭނަށް އަރައިގެންފާނެ ހެއްޔެވެ. އަރައިގެންފިނަމަ ދެނޯއެވެ.

ރޫސީވިލާތުން ޔުކްރޭނަށް ބިރުދައްކަނީ ކީއްވެ؟

ހުޅަނގުގެ ގައުމުތަކާއެކު ޔުކްރޭނު އިއްތިހާދުވުމަކީ ވަރަށް ކުރީއްސުރެ ރަޝިޔާ ދެކޮޅުހަދަމުން އަންނަ ކަމެކެވެ. ވަކިން ޚާއްސަކޮށް ހުޅަނގުގެ ދިފާއީ އައްޑަނަކަމުގައި ހިމެނޭ ނޭޓޯ ޖަމާއަތުގައި ޔުކްރޭން ބައިވެރިކުރުމަށް ރަޝިޔާއިން އަންނަނީ ނުރުހޭކަން ފާޅުކުރަމުންނެވެ. ނޭޓޯއަކީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސާއި ޖަރުމަންވިލާތްވެސް ހިމެނޭގޮތުން ތިރީސް ގައުމެއްގެ މައްޗަށް އެކުލެވިގެންވާ އަސްކަރީ ޖަމާއަތެކެވެ. މި ޖަމާއަތުގައި ބައިވެރިވުމަކީ ޔުކްރޭނުގެ އެދުމެކެވެ. ޔުކްރޭނު ބައިވެރިކުރުމަކީ ހުޅަނގުގެވެސް އެދުމެކެވެ. ޔުކްރޭނުގެ ހުޅަނގުން އިންވެގެން އޮތީ ޔޫރަޕިއަން ޔޫނިއަނެވެ. އިރުމަތިން އިންވެގެން އޮތީ ރަޝިޔާއެވެ. ޔުކްރޭނަކީ ރަޝިޔާވެސް ފަދައިން ކުރީގެ ސޯވިއެޓް ޖުމްހޫރިއްޔާއެކެވެ. ނަސްލީގޮތުންނާއި މަޒުހަބީގޮތުންނާއި ސަގާފީގޮތުން ރަޝިޔާއާއި ޔުކްރޭނުގެ އެއްގޮތްކަން ވަރަށް ބޮޑެވެ. ރަޝިޔާގެ ބަހަކީ ވެސް ޔުކްރޭނުގެ އެންމެން ކަހަލަ ގޮތަކަށް ދަންނަ ވަރަށް ފަރިތަ ބަހެއްވެސްމެއެވެ.

ޔުކްރޭނަށް ރޫސީ ސިފައިން އަރައިގަތުމުގެ ބިރަކީ ހަގީގަތުގައިވެސް ވަރަށް ސީރިއަސް ބިރެކެވެ. އޭގެ ސިއްރަކީ މީގެ ކުރިންވެސް ހަމައެގޮތަށް ރޫސީން އަމަލުކޮށްފައި އޮތުމުންނެވެ. ޔުކްރޭނުގެ ރައްޔިތުން ތެދުވެ 2014 ވަނަ އަހަރު އެގައުމުގެ ސަރުކާރު ވައްޓާލުމާ ގުޅިގެންވެސް ރޫސީ ސިފައިން ވަނީ ޔުކްރޭނަށް އަރައިފައެވެ. ވައްޓާލި ސަރުކާރަކީ ރޫސީންގެ ތާއީދުއޮތް ރޫސީންގެ ގޮނޑިކޮއްކޮ ސަރުކާރެކެވެ. އެފަހަރު ރޫސީން ވަނީ ޔުކްރޭނުގެ ސަރަހައްދެއް ކަމުގައި ބައިނަލްއަގުވާމީ ގޮތުން ބަލާ ކްރައިމިއާ ހިފައި އެއީ ރަޝިޔާގެ ހުކޫމަތުގެ ދަށުގައިވާ ސަރަހައްދެއްކަމުގައި ހަދާފައެވެ. އަދި ޔުކްރޭނުގެ އިރުމަތީގައި ހަނގުރާމަވެރިންގެ ލަޝްކަރެއް އުފައްދައި އެ ލަޝްކަރުގެ ބާރު އެސަރަހައްދުގައި ހިނގާނޭ މަގުން ކަންކަންވެސް ވަނީ އިންތިޒާމްކޮށްފައެވެ.

ޔުކްރޭނަށް އަރައިގަތުމުގެ ބިރު އޮތީ ކިހާވަރަކަށް؟

ރޫސީވިލާތުން ތަކުރާރުކޮށް ބުނަމުންދަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތްކަމުގައެވެ. ރޫސީ ސިފައިންގެ ވެރިޔާ ވެލެރީ ގެރާސިމޯވް ވިދާޅުވާ ގޮތުން ޔުކްރޭނަށް ރޫސީ ސިފައިން އަރައިގަތުމުގެ ވާހަކަޔަކީ ހުޅަނގުން އުފައްދައިގެން އުޅޭ ދޮގު ވާހަކައެކެވެ. ރޫސީންގެ ބަސްމަގު މިގޮތަށް ހުރި ކަމަށް ވިޔަސް ރޫސީވިލާތުގެ ރައީސް ލަޑީމިއަރ ޕުޓިން ވަނީ ވަރަށް ބިރުވެރި އެހެންނަމަވެސް ވަރަށް ސާފު މެސެޖެއް ދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ޔުކްރޭނު ހައްލައިގެން ނޭޓޯއަށް ވައްދައިގެން ހުޅަނގުގެ ގައުމުތަކުން ޗަރުކޭސް ކުޅެން ފުރުސަތު ނުދެއްވާނޭ ކަމަށާއި ބަދަލު ހިފުމާއި އުދުވާން ހުއްޓުވުމަށް އެޅެންހުރި ކޮންމެ ފިޔަވަޅެއް އަޅުއްވާނޭ ކަމުގައެވެ. މިކަމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފަައިވަނީ ހަނގުރާމައެއްގެ ބިރަކީ ހަގީގީ ބިރެއް ކަމަށާއި ރޫސީން ކޮންމެ ގޮތަކަށްވެސް އަމަލުކޮށްފާނޭ ކަމަށެވެ. އެހެންވީމާ ނޭޓޯ އޮތީ ހޭލައި ތައްޔާރަށް ކަމުގައެވެ.

ޔުކްރޭނަށް އަރައިގަތުމުގެ ނިޔަތެއް ނެތް ކަމަށް ރަޝިޔާއިން ބުންޏަސް ޔުކްރޭނުގެ ސަރަހައްދީ އިމަށް ސިފައިންނާއި ހަތިޔާރު ޖަމާކުރުމުގެ ބޭނުމަކީ ކޮބައިކަން ރޫސީވިލާތުން ބުނެއެއް ނުދެއެވެ. ރޫސީ ސިފައިންގެ ވަރަށް ބޮޑު ފައުޖެއް ބިލަރޫސްއަށް ވެސް ފޮނުވައި އެ މައިދާނުގައިވެސް ޔުކްރޭނުގެ ސަރަހައްދީ އިމުގައި ހަނގުރާމައިގެ ވަރަށް ބޮޑު ފަރިތަކުރުންތަކެއް މިހާރު ވަނީ ފަށައިފައެވެ. ހުޅަނގުގެ ޖާސޫސީ މައުލޫމާތުތަކަށް ރިއާޔަތްކުރާއިރު ބެލެވެނީ މިފެށުނު 2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރޫސީން ޔުކްރޭނަށް އަރައިގެންފާނެ ކަމުގައެވެ. އެމެރިކާ ސިފައިންގެ އެންމެ އިސް ކޮމާންޑަރު ޖެނެރަލް މާކް މިލީ ވިދާޅުވެފައިވަނީ ރޫސީ ސިފައިން ޔުކްރޭނަށް އަރައިގެންފިނަމަ ބޮޑުވެގެންވާ ލޭއޮހޮރުވުމެއް ހިނގާނޭ ކަމުގައެވެ. ޚާއްސަކޮށް ބައިބޯ ސަރަހައްދުތަކުގައި މީހުންނަށާއި ތަކެއްޗަށް ލިބޭނޭ ގެއްލުންތައް ވަރަށްވެސް ބޮޑުވާނޭ ކަމުގައެވެ.

ނޭޓޯގެ ފަރާތުން ރޫސީން ބޭނުންވަނީ ކޮން ކަމެއް؟

ރަޝިޔާގެ އެންމެ ބޮޑު އެދުމަކީ ނޭޓޯ ޖަމާއަތުގައި ޔުކްރޭނު ބައިވެރި ނުކުރުމެވެ. ބައިވެރިކޮށްފިނަމަ އެކަމަކީ ރޫސީވިލާތުގެ ސަލާމަތަށް ކުރުމަތިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ވެސް ދެކެއެވެ. ރޫސީވިލާތުގެ ޚާރިޖީވަޒީރުގެ ނާއިބު ވިދާޅުވެފައިވަނީ ނޭޓޯއާ ދުރުގައި ޔުކްރޭނު ބޭއްވުމަކީ ރަޝިޔާއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން އެގޮތަށް ދެމެހެއްޓުމަށް ކުރެވުނު ކޮންމެ ކަމެއްވެސް ކުރާނޭ ކަމުގައެވެ. ރޫސީން ގަބޫލުކުރާގޮތުގައި ނޭޓޯއިން ދަނީ ޔުކްރޭނަށް ހަތިޔާރު ޖަމާކޮށް ރޫސީވިލާތާ ހަނގުރާމަކުރަން ހިތްވަރު ދެމުންނެވެ. ރޫސީ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވެފައިވަނީ ނޭޓޯގެ ލަޝްކަރުތައް އިރުމަތިން ކުރިއަރަމުން އަރަމުން އައިސް ރޫސީވިލާތުގެ އިމަށްވެސް އަތުވެއްޖެ ކަމަށާއި ދެން ރޫސީން ފަހަތަށް ޖެހޭނެ ޖާގައެއްވެސް ނެތި މުޅިން ތާށިވެއްޖެ ކަމުގައެވެ. އެހެންވީމާ އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން ދެން ރޫސީން ތިބޭނޭ ކަމަށް ހުޅަނގުން ހީކޮށްގެންވެސް ނުވާނޭ ކަމުގައެވެ.