ބޭރު ދުނިޔޭގެ ހަބަރުތައް ކަވަރުކުރުމާއި ބޭރު ކުޅިވަރުގެ ދާއިރާއިން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ، އަދި އެންމެ ތަޖުރިބާކާރު ނޫސްވެރިޔާ، އިމާދު ލަތީފު "ވަން" އާ ގުޅިވަޑައިގެންފި އެވެ.
އިމާދު "ވަން"އާ ގުޅިވަޑައިގަތީ އިއްޔެއިން ފެށިގެންނެވެ.
ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރާއި ގާތްކުރާ މުއްދަތެއް ހޭދަކުރައްވައިފައިވާ އިމާދު ލަތީފު ނޫސްވެރިކަމުގެ ދާއިރާއަށް ވެންނެވީ ދުވަހު ނޫސް ހަވީރުން 1993 ވަނަ އަހަރު އެވެ.
މިދިޔަ 30 ވަރަކަށް އަހަރު ތެރޭގައި އިމާދު ވަނީ، ހަވީރު ނޫހުގެ ފޮރިން ޑެސްކް އެޑިޓަރުކަމާއި ވީމީޑިއާގެ އެޑިޓަރުކަމާއި ރާއްޖެޓީވީގެ ނިއުސް ކޮންސަލްޓެންޓްކަން ކުރައްވައިފައެވެ. އަދުގެ ދުނިޔޭގެ ކަންކަމުގެ މައްޗަށް 1994 އިން 2006 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އަޑުގައި އެނަލީސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވެއެވެ.
އިމާދު ލަތީފުގެ ހާއްސަ ދާއިރާއަކީ އަދުގެ ދުނިޔެއާއި ބައިނަލްއަގުވާމީ ކުޅިވަރާއި ދިވެހި އަދި ދުނިޔޭގެ ތާރީހެވެ. އޭނާއަށް ވަނީ ލިޔުންތެރިކަމުގެ ރޮނގުން ގައުމީ އިނާމު 1999ގައި ލިބިވަޑައިގެންފައެވެ. އަދި ނޫސްވެރިކަމުގެ އަލިމަސް ގަލަން 2020 ގައި ލިބިވަޑައިގެންފައެވެ.
އިމާދު ލަތީފުގެ ހާއްސަ ދެ ދާއިރާ ކަމަށްވާ، އަދުގެ ދުނިޔެއާއި ބޭރުކުޅިވަރުގެ ދިރާސީ ލިޔުންތައް ކޮންމެ ދުވަހަކުވެސް "ވަން"ގައި ޝާއިއުކުރަމުން ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފި އެވެ. މީގެ އިތުރުން ތާރީޚީ ލިޔުންތައްވެސް ގެނެސްދޭން ވަނީ ނިންމައިފައެވެ. އިމާދު ވަންއަށް ލިޔުއްވަމުން ގެންދަވާނީ، ކޮލަމިސްޓެއްގެ ގޮތުގައި، ފްރީލާންސްކޮށެވެ.
"ވަން" އާ ގުޅިވަޑައިގަތުމަށްފަހު އިމާދު މިއަދު ވިދާޅުވީ، އޭނާގެ ލިޔުންތައް ގަވައިދުން ގެނެސްދެއްވުމަށް ވަން ހިޔާރުކުރެއްވީ "ވަން" އަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ނޫހަކަށް ވެފައި، އަދުގެ ދުނިޔޭގެ އެންމެ ފަހުގެ އަޕްޑޭޓް މައުލޫމާތުތައް ރަނގަޅު ފެންވަރެއްގައި ގެނެސްދޭން މަސައްކަތްކުރަމުން އަންނަ ނޫހަކަށް ވާތީ ކަމަށެވެ.
"ވަން" ގެ އެޑިޓަރު، ސިނާން އަލީ ވިދާޅުވީ، އިމާދަކީ އަދުގެ ދުނިޔެ އަދި ބޭރުކުޅިވަރު ލިޔުއްވުމުގެ ރޮނގުން ރާއްޖޭގައި ހުންނެވި އެންމެ ގާބިލު ނޫސްވެރިޔާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އޭނާއަކީ ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ވަރުގަދަ އެއް ބްރޭންޑް އަދި މިޒަމާނުގެ ނޫސްވެރިކަމުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ.
"ވަންގެ އުމުރުން މިވީ ތިން އަހަރު ތެރޭ އަޅުގަނޑުމެންނަށް މި ވަނީ ރާއްޖޭގެ ނޫސްވެރިކަމުގައި ރަނގަޅު ހިސާބަކަށް އާދެވި ފައިތިލަ ސާބިތުކުރެވިފަ. ނޫސްވެރިކަމުގެ ހުރިހާ ރޮނގަކުންވެސް އެންމެ ފަހުގެ އެންމެ ތާޒާ ހަބަރާއި މައުލޫމާތުތައް ގެނެސްދިނުމުގައި "ވަން"ގެ ޓީމުން އަބަދުވެސް ދެމިތިބޭނެ. މި މަސައްކަތުގެ ތެރެޔަށް އިމާދު ފަދަ ބޭފުޅަކު އިތުރުވެގެން ދިޔުމަކީ މި ޓީމަށް ލިބޭ އިތުރު ހިތްވަރެއް. އަދި ވަންގެ ކިޔުންތެރީންނަށްވެސް ލިބޭނެ ކުރިއެރުމެއް." ސިނާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު