ހުޅުމާލޭގައި ދިވެހި އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހުޅުމާލޭގައި ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީ ގުޅުން ހިންގައި ރޭޕް ކުރުމުގެ މައްސަލައެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ. އަދި އެ މީހާ ހައްޔަރު ކުރީ ކޯޓުއަމުރެއްގެ ދަށުން ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވީ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް މިދިޔަ މަހުގެ 31 ވަނަ ދުވަހު ދެވަނަ ފަހަރަށް ޖަހާފައިވާ ކަމަށެވެ. އަދި މިމައްސަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.