މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށް ޒަހަމް ކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިރިމީހާ ގެވެށި އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު ހެނދުނު 6:20ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މި އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަނިޔާތަކާއެކު ގެނައި 26 އަހަރުގެ ބިދޭސީ އަންހެނަކަށް އެ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު ތަފުސީލެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ އެހީތެރިކަމާއެކު އަންހެންމީހާ އޭނާގެ ގެއިން ނިކުންނަތަކުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އަންހެން މީހާގެ ރުއިމުގެ އަޑު އިވޭއިރު، އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައި އޮތީ ލެއިން ފޯވެފަ އެވެ. ނަމަވެސް އޭނާ އަށް ދިނީ ކޮންކަހަލަ ހަމަލާއެއްކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.