އަމިއްލަ ގައުމުން ބޭރުގައި، ބީރައްޓެހި ބައެއްގެ ތެރޭގައި ދިރިއުޅެން ޖެހުމުން ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކެއުމުގެ މައްސަލަތަކެވެ. ދުނިޔޭގެ ތަފާތު އެކި ހިސާބުތަކުން ރާއްޖެއަށް އައިސް ތިބޭ މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ އަމިއްލަ ގައުމުގެ ކެއުން ލިބެން ނުހުންނަ ޝަކުވާއެވެ. ހާއްސަކޮށް އިންޑޮނޭޝިއާ، ޖަޕާން، ކޮރެއާ ފަދަ ގައުމުތަކުން ތަފާތު ބޭނުންތަކަށް ރާއްޖެ އައުމަށްފަހު މި ދަތިކަމާ ކުރިމަތިލާން ޖެހެއެވެ. ބޮޑު އަގުދީފައި މޮޅު ރެސްޓޯރަންޓުތަކުން ބޮޑެތި ޑިޝްތައް ގެނެސްގެން ނޫނީ ހިތްހަމަޖެހޭ ރަހައެއް ނުލިބެއެވެ. އަނެއް މައްސަލައަކަށް ވަނީ އަދާކުރަން ޖެހޭ ވަޒީފާގެ ގޮތުން ނޫނީ އުޅެން ޖެހޭ ދާއިރާއެއްގެ ސަބަބުން އަމިއްލައަށް ކައްކައި ކާތަކެތި ތައްޔާރުުކުރަން ދަތިވުމެވެ.

މިގޮތަށް ކެއުމުގެ މައްސަލައިގައި ހިތްދަތިވެފައި ތިބި އިންޑޮނޭޝިއާ މީހުންނަށް "މާޔާ" އަކީ ވަރަށްބޮޑު ހެޔޮފާލެކެވެ.

އިންޑޮނޭޝިއާގެ ބަންޔުވަންގީއަށް އުފަން މާޔާ މުހައްމަދަކީ އޯޑަރަށް އިންޑޮނޭޝިއާގެ ކެއުންތައް ތައްޔާރުކޮށް ޑެލިވަރީ ކުރާ ހީވާގި އެހާމެ ހިންގުންތެރި އަންހެނެކެވެ. މާލެސިޓީގެ މައްޗަންގޮޅީގައި ދިރިއުޅޭ، 34 އަހަރުގެ މާޔާއަކީ އިންޑޮނޭޝިއާގެ ބަންޔުވަންގީގެ ކުޑަކުޑަ އާއިލާއަކަށް ނިސްބަތްވާ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވާ މުސްލިމު އަންހެނެކެވެ. މީގެ 14 އަހަރު ކުރިން 2008 ވަނަ އަހަރު ރިސޯޓެއްގެ ވަޒީފާއަކަށް ރާއްޖެއަށް މާޔާ އައިއިރު އެއްގޮތަކަށްވެސް މިއަދު އެ އުޅޭ ގޮތަށް މި ރާއްޖޭގެ ރަށްވެއްސަކަށް ވެދާނެކަމަކަށް ހިތަކަށްވެސް އަރާފައެއް ނެތެވެ. މިހާރު ދިވެހި ބަހުން ފަރިތަކޮށް ވާހަކަދައްކައި އުޅޭ މާޔާއަކީ ހިންގުންތެރި ހީވާގި އަންހެނެކެވެ.

"ރިސޯޓެއްގައި އުޅޭ ރައްޓެއްސަކަށް އެއްފަހަރަކު ފޮނުވީ އިންޑޮނޭޝިއާ ކެއުމެއް. އެއީ އެ ކެއުމުގައި ބައިވެރިވި މީހުންނަށް ވަރަށް ކަމުދިޔަ މީރު ކެއުމަކަށްވީ. އެ ހިސާބުން މިކަން ފެށީ. އެއްވެސް ވަރަކަށް މުވައްޒަފުންނެއް ނުގެންގުޅެން. ހަމައެކަނި ގޭގަ ކައްކައި ޕެކްކޮށް ހަދަނީ. ދެން ފިރިމީހާ ޑެލިވަރީކޮށްދެނީ،" 'ވަން' އިން ކޮށްލި ސުވާލަކަށް ޖަވާބުދެމުން މާޔާ ކިޔައިދިނެވެ.

މާޔާ ބުނީ އާއިލާއާ ބައްދަލުވީ މީގެ ދެ އަހަރު ކުރީން ކަމަށާއި، ކޮވިޑުގެ ހާލަތާ ގުޅިގެން އެ މީހުން ހަމަލޮލުން ނުފެންނަތާ މިހާގިނަ ދުވަސް ވުމުން ވަރަށް ދެރަވާ ކަމަށެވެ.

"ފޭސްބުކް ޕޭޖެއް ނުހުރޭ. އެކަމަކު ވަޓްސްއަޕް އިން ކާތަކެތީގެ ފޮޓޯއާއި އެވާހަކަ ހިއްސާކުރަން. އަނެއްހެން އިޝްތިހާރެއް ނުކުރަން. ތުންތުންމަތިން ހަބަރުގޮސްގެން ގުޅާފައި އޯޑަރު ދެނީ. އާންމުކޮށް ދެ ދުވަސް، ތިން ދުވަސް ކުރިން އޯޑަރު ދޭނެ."

މާޔާ ބުނި ގޮތުން މިއީވެސް ވަރަށް މަންފާ ކުރާ މަސައްކަތެކެވެ. މުޅި މަހުގައި ގޭތެރޭގެ ހުރިހާ ހަރަދެއް ހަމަޖައްސައި އިތުރަށްވެސް ފައިދާ ޖެހެއެވެ. ފިރިމީހާއާ ދެމީހުން ޓީމެއްގެ ގޮތުގައި މަސައްކަތް ބަހާލައިގެން މަސައްކަތްކުރާ ކަމަށް މާޔާ ބުންޏެވެ. ބޭނުންވާ ސާމާނަށް ވިޔަފާރިކުރުމާއި، ކެއްކުމުގެ ކަންތައް ކުރިއަށްދާ ގަޑީގައި ކުދީންގެ ކަންތައް ބެލެހެއްޓުމާއި، ސުކޫލު، ޓިއުޝަނަށް ގެންދިއުމާއި ގެނައުން އަދި ބޯޓުތަކާ ހަމައަށް ޑެލިވަރީ ކުރުމަކީ ފިރިމީހާ ނުހަނު ލޯތްބާއެކު މާޔާއަށް އެހީވުމަށް ކުރާ ކަންތައްތަކެވެ.

ދެ ފިރިހެން ކުދީން ތިބިއިރު ބައެއްފަހަރު ގިނަ އޯޑަރުތަކެއް ނަގައިގެން އުޅޭއިރު އާއިލާއަށް ވަގުތު ނުދެވޭތީ އެކަމާ ދެރަވާ ކަމަށް މާޔާ ފާހަގަކުރިއެވެ. ޅ. ހިންނަވަރަށް ނިސްބަތްވާ މުހައްމަދު ނަޒީހާ އެކުގައި ވަޒީފާ އަދާކުރި ރިސޯޓުން ބައްދަލުވެ އެކުވެރިވެވުމުން، އެއީ އެންމެ ރަނގަޅު ފިރިޔަކަށް ވާނެ މީހާކަން މާޔާއަށް އިހުސާސްކުރެވުނެވެ. ނަޒީހާ ކައިވެނިކޮށްގެން މާޔާ ހިންނަވަރުގައި އުޅުމުގެ ބަދަލުގައި މާލޭގައި އުޅެން ޖެހެނީ ނަޒީހުގެ ވަޒީފާގެ ސަބަބުންނެވެ. ދެ ކުދީންނާއި މާޔާ ދެކެ އިންތިހާއަށް ލޯބިވާ ނަޒީހަކީ ވަރަށް ހިތްހެޔޮ އެހާމެ މަޑުމައިތިރި މީހެއް ކަމަށް މާޔާ ފާހަގަކުރެއެވެ.

"މަމީ އަބަދު އަބަދު އުޅުއްވާނީ ކޭޓްރިން ވޯކްކުރަން. އެކަމަކު ވަރަށް މީރުވާނެ. އަދި އަޅުގަނޑު ވަރަށް ލޯބިވޭ،" ދޮށީ ދަރިފުޅު އައިދާން ނޯޔާ ނަޒީހު، މާޔާއާ ބެހޭގޮތުން 'ވަން' އިން ކޮށްލި ސުވާލަކަށް އަދަބުވެރި ގޮތަކަށް ހިނިތުންވެލަމުން ޖަވާބު ދިނެވެ.

ދެ ކުދީންގެ އުޅުމާއި ސުލޫކުގެ އިތުރުން ނޯޔާގެ މޮޅުކަމާއި ހުނަރުވެރިކަން ބުނެދެނީ މާޔާގެ ހީވާގިކަމާއި ގެވެހިކަމެވެ. މީގެ ހަތަރުމަސް ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ރަހަ ބެލުނު ކެއުންތަކަކުން ވަރަށް ރަނގަޅަށް މާޔާގެ އަތުގެ ރަހައިގެ ޖާދޫ ވަން ގެ ޓީމަށްވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ.

ތަފާތު އެކި ބާވަތްތަކުގެ އިންޑޮނޭޝިއަން ކެއުންތައް ތައްޔާރުކޮށް ރިސޯޓުތަކަށް ޑެލިވަރީކުރުމުގެ މި މަސައްކަތް ކުރާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ އިރު، މާޔާގެ އުއްމީދުތައްވެސް އަންނަނީ އިތުރުވެ ފުޅާވަމުންނެވެ. ރައްޓެއްސަކަށް ފޮނުވި ކެއުމަކުން ފެށުނު ދިރިއުޅުމަށް ކުރާ މަސައްކަތުގައި އެކުވެރިންނާއި ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑުކަމަށް މާޔާ ފާހަގަކުރިއެވެ.

މާލޭގައި އިންޑޮނޭޝިއަން ފުޑަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވުމަށް އުއްމީދު ކުރާ މާޔާގެ މި މަސައްކަތަށް 'ވަން'އިން އެދެނީ ފާގަތި މުސްތަގުބަލެކެވެ. އަދި މާޔާގެ އެ އުއްމީދުގައި ކުލަޖެހި ހަގީގަތަކަށްވުމަކީވެސް 'ވަން'ގެ ހެޔޮ ދުއާއެކެވެ. ހެޔޮ އެދުމެކެވެ.