ސަރުކާރުން ކ. ގުޅީގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ ރަސްމީކޮށް ހަވާލުވެ، ސްޓެލްކޯއިން ހިދުމަތް ދޭން ފަށައިފިއެވެ.
އެއާއެކު ގުޅީގައި މިއަދުން ފެށިގެން ޔޫޓިލިޓީގެ ހުރިހާ ހިދުމަތެއް ދެމުން އަންނާނީ ސްޓެލްކޯއިންނެވެ.
ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވުމަށް އެރަށު ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ގުޅިއަކީ މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ.
"މި ސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ގާއިމުކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ހިދުމަތްދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވައި، މި މަޝްރޫއުގެ ދަށުން މި ދެ ހިދުމަތް މި ރަށުގެ އާބާދީއަށް ފޯރުކޮށްދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ހިދުމަތް ފަށައިގަންނަ ފުރަތަމަ ރަށަކީވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން،" މުޣުނީ ވިދާޅުވިއެވެ.
ގުޅިއަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލައި މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށްގެންދާ ރަށެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ރަށުގެ އިގުތިސޯދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯއިން އެ ހިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށްގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދެމުން އަންނަ އިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި 40 ޓަނުގެ ދެ އާރުއޯ ޕްލާންޓާއި ވާރޭފެން ޓްރީޓްމަންޓް އެއް ޕްލާންޓުގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ ތިން ތާންގީ ވަނީ ބަހައްޓައިފައެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭ އިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު