ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ މަދަނީ ޖަމިއްޔާތަކުން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއިލާނެއްގައި ބުނީ މިހާރު ގެޒެޓްކޮށް ޝާއިއު ކޮށްފައިވާ ރަޖިސްޓްރީއަށް މާދަމާގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަން ޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލަށް، އެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބަކަށްވާއިރު ހަތަރު ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން ބޭނުންވާ މެންބަރަކު ހޮވުމަށް އިންތިހާބު ބޭއްވުން
  • ނަފްސާނީ ބަލިތަކާއިބެހޭ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން އެމީހުން ބޭނުންވާ މެންބަރަކު ހޮވުމަށް އިންތިހާބު ބޭއްވުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން ބޭނުންވާ މެންބަރަކު ހޮވުމަށް އިންތިހާބު ބޭއްވުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ހިދުމަތްދޭ މަދަނީ ޖަމިއްޔާތަކުން ބޭނުންވާ މެންބަރަކު ހޮވުމަށް އިންތިހާބު ބޭއްވުން

މި ހަތަރު ދާއިރާއިން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ވަނަ ދުވަހު ހެނދުނު 9:00 އިން 15:00 އަށް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.