ބީޓީއެސްގެ ޖިމިން ކޮވިޑަށް ޕޮޒިޓިވްވެ އަދި އެޕެންޑިކްސް އޮޕަރޭޝަނެއް ކޮށްފިއެވެ.

ބީޓީއެސްގެ އޭޖެންސީ، ބިގްހިޓް މިޔުޒިކް އިން މައުލޫމާތު ދޭ ގޮތުގައި ޖެނުއަރީ 30 ވަނަ ދުވަހު ޖިމިންގެ ކަރަށް ތަދުވެ ބަނޑުގައި ރިއްސާތީ އޭނާ ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އެތަނުން ހެދި ޕީސީއާރް ޓެސްޓުން ޕޮޒިޓިވްވެފައިވާއިރު ބަނޑުގައި ރިއްސާތީ ދެއްކުމުން އޮޕަރޭޝަން ކުރަން ޖެހޭކަން އަންގާފައިވާކަމަށާއި އިއްޔެ އެޕެންޑިކްސް އޮޕަރޭޝަން ކުރިކަމުގައި ވަނީ ބުނެފައެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި އޮތް އިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމުގައި އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

ބީޓީއެސްގެ މެންބަރުން އާރްއެމް، ޝޫގާ، އަދި ޖިން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ މިހާރު ބަލިން ރަނގަޅުވެފައެވެ.

2013 ވަނަ އަހަރު ވިދާލި ބީޓީއެސް އަކީ ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. ލަވަކިޔުމުގެ އިތުރުން އިންސާނީ ހައްގުތަކަށްވެސް މަސައްކަތްކުރަމުން އަންނަ ބީޓީއެސް އިން ވަނީ އދ. ގެ ތަޅުމުގައި ނަސްލީ ތަފާތުކުރުންތަކާއި ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ވާހަކަވެސް ދައްކާފައެވެ.

މިދިޔަ އަހަރު އެ ބޭންޑުން ގިނަ ކެޓެގަރީތަކަކުން އެމެރިކަން މިޔުޒިކް އެވޯޑު ކާމިޔާބުކޮށް މި އަހަރުގެ ގްރެމީއަށް ވާދަކޮށްފައިވާއިރު މިވަގުތު އެ ބޭންޑުން ވަނީ 2019 ވަނަ އަހަރުގެ ފަހުން ބޭންޑުގެ އާއިލާތަކަށް ވަގުތު ދިނުމުގެ ގޮތުން ފުރަތަމަ ފަހަރަށް ބްރޭކެއް ނަގާފައެވެ.