ރާއްޖޭގައި ފުރަތަމަ ފަަހަރަށް އަންހެން ބަސް ޑްރައިވަރަކު ތަމްރީނު ކޮށް ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ގްރޭޓާ މާލޭ ސަރަހައްދުގެ ބަހުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ވަޒީފާތަކަށް ދިވެހީން ތަމްރީނު ކުރުމަށް އެކުންފުނިން ހިންގާ "ހުނަވަރު އެޕްރެންޓިސްޝިޕް" ގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ އެކުންފުނިން އަންހެން ބަސް ޑްރައިވަރަކު ތަމްރީން ކޮށް މިހާރު ބަސް ދުއްވަން ތައްޔާރުވެފައިވާ ކަމަށާއި އަންހެނުން ބާރުވެރި ކުރުވައި ވަޒީފާގެ މާހައުލަށް އަންހެނުން ތަމްރީނުކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހުނަވަރު ޕްރޮގްރާމްގެ ތެރެއިންވެސް ޓެކްނިކަލް ދާއިރާތަކަށް އަންހެނުން ތަމްރީނުކުރަން ނިންމާފައިވާ ކަމަށާއި އެ ކުންފުނީގެ ބަސް އޮޕަރޭޝަންގެ ވަޒީފާތަކަށް އަންހެނުންނަށް އިސްކަންދޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"ކުރިންވެސް އަޅުގަނޑުމެން ހިންގި ޕްރޮގްރާމްތަކުގައި އަންހެނުންނަށް އިސްކަން ދީފައިވާނެ. އަޅުގަނޑުމެން މިކަން ޕްރޮމޯޓް ކުރާތީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ވަރަށް ބޮޑަށް ހިތްވަރުލާފަ އަންހެން ކުދިން ނުކުންނަން ފަށައިފި. އެއީ ވަރަށް ބޮޑު ބާރެއް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކުންފުނީގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުގައިވެސް އަންހެނުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަތޮޅު ތެރޭގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތަކުގައިވެސް ގިނަ އަަދަދެއްގެ އަންހެނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފާއިތުވި ދެ އަހަރު ތެރޭގައި އެކުންފުނީގެ މުވައްޒަފުންގެ އަދަދު 1500 އިން 3200 އަށް އިތުރުވެފައިވާ ކަމަށާއި ދިވެހި މުވައްޒަފުން ވަޒީފާގައި ޝައުގުވެރި ކުރުވަން ކުންފުނިން ދޭ މުސާރަވެސް ބޮޑުކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީ އިން ބުނީ އަހަރުގެ ޖުލައި މަހުގައި އެކުންފުނިން ގްރޭޓާ މާލެ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ހިދުމަތް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށާއި، ބަސް ޑްރައިވަރުންނާއި ބަސް އެޓެންޑެންޓުންގެ ގޮތުގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ހޯދުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެކުންފުނިން މިއަދު އިފްތިތާހު ކުރި ހުނަވަރު ޕްރޮގްރާމްގެ ދަށުން އެކުންފުންޏަށް އެކި ދާއިރާތަކުން ބޭނުންވާ ޓެކްނިކަލް މަގާމުތަކަށް 140 މީހުން ތަމްރީނުކުރަން ވަނީ ހަމަޖެހިފައެވެ. ދިވެހިންނަށް ހާއްސަކޮށްގެން ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި ތިން މަހަށް ޕްރޮފެޝަނަލް ތަމްރީނު ދޭއިރު އެލަވަންސްގެ ގޮތުގައި 5000 ރުފިޔާ ދޭން ވަނީި ނިންމާފައެވެ. އަދި ތަމްރީނު ފުރިހަމަކޮށް އެކުންފުނިން "ބޮޑު މުސާރަ" ލިބޭ ވަޒީފާވެސް އެ ފަރާތްތަކަށް ހަމަޖެހިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.