ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭނުން ކުރަން ފަށާނެ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އާ ސީޕްލޭން ޓާމިނަލަކީ ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ. އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުނުތާ އަހަރެއް ވަރު ވެފައިވީ ނަމަވެސް އެތަން އަދި ބޭނުން ކުރަން ފަށާފައެއް ނުވެއެވެ.

އެމްއޭސީއެލް ގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް މިއަދު ވަން އަށް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށާނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަމަށެވެ. އާ ސީޕްލޭން ޓާމިނަލް ހުޅުވި މިހާރު ޓީއެމްއޭ އިން ބޭނުންކުރާ އިމާރާތް ތަޅައި ސާފު ކުރުމުން އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް އަރީފް ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 29 ޖެނުއަރީ 2018 ގައެވެ. އެއާޕޯޓުގެ އިރުމަތީ ފަރާތުގައި، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަގަހަށްވާ ގޮތަށް އޮންނަ ފަޅުން 3.2 ހެކްޓަރު (32،000 އަކަމީޓަރު)ގެ ބިން ހިއްކައިގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލުން އެއް ފަހަރާ 55 ސީޕްލޭނަށް ހިދުމަތް ދެވޭނެއެވެ. އަދި އެ އަދަދު 100 އަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ކުރިން ބުނެފައެވެ.