އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ސެމީ ފައިނަލް ފަހު ޖާގަ ސެނެގާލްއިން ހޯދައިފިއެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗުގައި ސެނެގާލުން އެކުއެޓޯރިއަލް ގީނީގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އެފްކޯންގެ ރަނަރަޕް ޓީމު ސެނެގާލުން މުބާރާތުގެ ފައިނަލަށް ފިޔަވަޅެއް ގާތަށް ޖެހިލި އިރު، އެޓީމުން ސެމީގައި ނުކުންނަން ޖެހޭނީ ބުރްކީނޯ ފާސޯއާ ދެކޮޅަށެވެ. ސެމީ ފައިނަލް އަނެއް މެޗުގައި މިސްރުން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކެމަރޫނާ ދެކޮޅަށެވެ.
ރޭގެ މެޗު ފެށިގެން ފުރަތަމަ ކޮޅުގައިވެސް ނުރައްކާކޮށް ފެނުނީ ސެނެގާލެވެ. ފެމާރާ ޑިއެދިއޯގެ ހަމަލާއެއް އެކުއެޓޯރިއަލް ގީނީގެ ގޯލްކީޕަރު މަތަކުރި އިރު، އިދްރީސީ ގާނާ ގޭ ޖެހި ބާރު ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. ޕްރެޝަރުކޮށް ސެނެގާލުން ލީޑު ނެގީ 27 ވަނަ މިނެޓުގައެވެ. ލިވަޕޫލްގެ ފޯވަޑް ސަޑިއޯ މާނާގެ ތުރޫ ބޯޅައަކުން ޑިއެދިއޯ ޖެހި ބޯޅަ ގޯލަށް ވައްދާލީ ވާތް ފަޅީގެ ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.
ސެނެގާލުން ކުޅުނު ގަދަ 16 ގެ މެޗުގައި މާނޭގެ ބޮލަށް އަނިޔާވެފައިވުމާއެކު ރޭގެ މެޗަށް ނުނިކުންނާނެ ކަމުގެ ހަބަރުތަކެއްވެސް ވަނީ ދައުރުވެފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި މާނޭ ރޭގެ މެޗަށް ނުނެރުމަށް ލިވަޕޫލުން ސެނެގާލް ގައުމީ ޓީމަށް އެދުނެވެ.
ސެނެގާލުން ލީޑުގައި ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ އެކުއެޓޯރިއަލް ގީނީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. ޔަކިން ބައިލާ ސޭމް ޖެހި ގޯލުން އެކުއެޓޯރިއަލް ގީނީން ނަތީޖާ ހަމަހަމަ ކުރި އިރު، އެ ގޯލުވީ ސެނެގާލަށް ބޮޑު މާޔޫސް ކަމަކަށެވެ. ކޯޗުގެ މުހިއްމު ދެ ބަދަލަކާއެކު ސެނެގާލުން ކުޅުން ރަނގަޅު ކުރިއެވެ. ދެން މެޗުގައި ޖެހި ދެ ގޯލުވެސް ފެނުނީ ބަދަލު ކުޅުންތެރިން ފަރާތުންނެވެ.
ސެނެގާލްގެ ދެވަނަ ގޯލު ކްރިސްޓަލް ޕެލެސްގެ މިޑްފީލްޑަރު ޗެކޯ ކަޔޯޓޭ ޖަހައިދިން އިރު، ތިންވަނަ ގޯލު ޖަހައިދިނީ އިސްމައިލާ ސާއެވެ. މިހާތަނަށް އަދި މުބާރާތް ކާމިޔާބު ކުރެވިފައި ނުވާ ސެނެގާލުން ސެމީ ފައިނަލް މެޗުގައި ބުރްކީނޯ ފާސޯއާ ދެކޮޅަށް ނުކުންނާނި ބުދަ ދުވަހުއެވެ. އަނެއް ސެމީ ފައިނަލް މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު