މުޅި ދުނިޔެއިންވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެންސަރެއް ޖެހި ގަދަ ހިތްވަރާއެކު އެއިން ސަލާމަތްވުމަށް މަސައްކަތް ކުރި އަލީ ސައިފް ލަތީފް މިއަދު މަރުވެއްޖެ އެވެ.

ކެންސަރަށް ފަރުވާ ހޯދަމުން ދިޔައިރު ބަލީގެ ބާވަތާއި، ކުރަމުންދިޔަ ފަރުވާ އާއި ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއި ކުރަމުން ދިޔަ ހިތްވަރު ސައިފް ދިޔައީ ގަވާއިދުން ޓުވިޓާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ. ނަމަވެސް މިފަހުން ސައިފްގެ ހާލު ދެރަވެ ޓުވިޓާއިން ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސައިފްގެ ކޮއްކޮ ހަމްޒާ ލަތީފް މިއަދު ކުރި ޓުވީޓެއްގައި ބުނީ ރޭ ފަތިހު 5:42ގައި ސައިފް މަރުވެފައިވާ ކަމަށެވެ. މިހަބަރާއެކު ހަމްޒާ ބުނީ ސައިފް އަކީ އޭނާއަށް ކިހާ މުހިންމު މީހެއްކަން ބަޔާންކުރަންވެސް ދަތި ކަމަށާއި ބުނާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ.

"ބަސްތަކުން ސިފައެއް ނުކުރެވޭނެ ބޭބެ އަހަންނަށް މުހިންމު ވާވަރެއް. ބުނާނެ އެއްޗެއް ނެތް. މާތް ﷲ ޖަންނަތު އަބަދަށް އޭނާ އަށް ދެއްވާށި. ބޭބެގެ ވަރަށް ގިނަ ރައްޓެހިންނާއި ފޮލޮވާސް އެބަތިބި. އެ އެންމެނަށް މި ހަބަރު ވަކިވަކީން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން. އެހެން ކަމުން މިހަބަރު ވީހާވެސް ގިނަ ބަޔަކަށް ފޯރު ކޮށްދިނުމަށް އެހީވެދިނުން އެދެން." އޭނާ ބުންޏެވެ.

އުމުރުން 40 އަހަރުގެ ސައިފް މަރުވީ "ބޮޓްރަޔޮޑް ވޭރިއަންޓް އޮފް އެމްބްރިޔޯނަލް ރަބްޑޯ މަޔޯސޯކާ" ކިޔާ ކެންސަރުގެ ބާވަތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ. އެންމެ ފުރަތަމަ ކެންސަރު ޖެހުނީ އޭނާގެ ބްލެޑާ އަށެވެ. އޮޕަރޭޝަން ކުރުމަށްފަހު ބްލެޑާއާއި އެސަރަހައްދުގައި ހުރި ނާރުތައް ނެގި ނަމަވެސް ހަށިގަނޑުގައި ކެންސަރު ފެތުރޭލެއް ހަލުވި ކަމަށް އޭނާ ވަނީ ޓުވިޓާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އަދި އެއަށްފަހު މައިބަދަ އާއި ފުއްޕާމޭން ކެންސަރު ފެންނަން ފެށީ އެންމެ ބާރުގަދަ ކީމޯ ތެރަޕީ ނަގަމުން އަންނަނިކޮށް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ފަރުވާ ހޯދަމުން އަންނަ ކޮންމެ ދުވަހަކުވެސް އޭނާ ވަނީ އޭނާގެ ލޯބިވާ ތިން ދަރީންގެ ފޮޓޯ ޓުވިޓާގައި ހިއްސާކޮށްފަ އެވެ. އަދި އެއީ އޭނާ އަށް ކެންސަރާ ހަނގުރާމަ ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށްވެސް އޭނާ ބުންޏެވެ.

ސައިފްގެ ހިތްވަރު ދައްކުވައިދިނީ ކޮންމެ ދުވަހު އޭނާ ކުރާ ޓުވީޓުތަކުންނެވެ. އޭގެ ސަބަބުން އޭނާއަށް ވަނީ ވަރަށް ގިނަ ބައެއްގެ ލޯބި ލިބިފައެވެ. މަރުގެ މިހަބަރާއެކު އޭނާއަށް ހެޔޮ އެދޭ މީހުންގެ މެސެޖުތަކުން މުޅި ޓުވިޓާ ވަނީ ބަންޑުން ކޮށްލާފަ އެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އައި ސައިފް މިއަދު މަރުވި އިރު، އޭނާއާއެކު ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އޭނާގެ ކުޑަ ކުޑަ ހީރޯ، އުމުރުން އަށް އަހަރުގެ މުހައްމަދު އަރީން މީގެ ފަސްދުވަސް ކުރިން ވަނީ މަރުވެފަ އެވެ.